ޚަބަރު
ކުރިއަށް އޮތްތަނުގައި ފުލުހުންގެ ތަހުގީގު ކުރާ ފެންވަރު އަވަސްކޮށް ރަނގަޅު ކުރުމަށް ބޮޑު އިސްކަމެއް ދޭނަން: ވަޒީރު އިޙުސާން

ދާޚިލީ ސަލާމާތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން/ފޮޓޯ: ޕީއެސްއެމް
ކުރިއަށް އޮތްތަނުގައި ފުލުހުންގެ ތަހުގީގު ކުރާ ފެންވަރު އަވަސްކޮށް ރަނގަޅު ކުރުމަށް ބޮޑު އިސްކަމެއް ދޭނެކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގައި މި ޚިދުމަތް ޤާއިމްވުމުގެ ސަބަބުން ރައްޔިތުންނާ ގާތުން އަވަހަށް ޚިދުމަތް ލިބުމުގައި ފަސޭހަވެގެންދާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ތަހުގީގުތަކަށް އެދޭއިރު ނުވަތަ މައްސަލަތައް ހުށަހަޅާއިރުގަ ފަސޭހަކަމާއެކީ މިކަން ކުރުމުގެ މަގުފަހިވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އަޅުގަނޑުމެން ކުރިއަށް އޮތްތަނުގަ އެންމެ ބޮޑު ފޯކަސްއެއް ކުރާނެ އެއް ދިމާލަކީ ތަހުގީގުތައް އަވަސްކުރުން. ފުނި ޖެހިފަ ހުރި މައްސަލަތައް އެބަހުރި. ތަހުގީގީ މަރުހަލާގައި ވެސް އެބަހުރި. މި މައްސަލަތައް އަވަސްކޮށް ފުލުހުންގެ ތަހުގީގުގެ ކެޕޭސިޓީ އާއި ފުލުހުންގެ ތަހުގީގު ކުރާ ފެންވަރު ރަނގަޅު ކުރުން. މިއީ މިހާރު ކުރަމުންދާ އެންމެ ބޮޑު އެއް މަސައްކަތް.
ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މަގުމަތީގައި ޙަރަކާތްތެރިވާ ފުލުހުންގެ ޢަދަދު އިތުރުކޮށް، މަގުމަތީގެ އަމާންކަމާއި، ރައްކާތެރިކަން ގާއިމުކުރުމުގެ މަސައްކަތްވެސް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށެވެ. އަދި މި ހުރިހާ ކަމެއްގެ ސަބަބުން ދިވެހި ރައްޔިތުން އެންމެ ބޭނުންވާ ފަދަ ޚިދުމަތެއް ދެވޭނެ ކަމުގެ ޔަޤީންކަން އޮތްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.