Ads by Stelco

ޚަބަރު

ލޭންޑިންގ ކްރާފްޓް ބަންޑުންޖަހާލައި ސިފައިންގެ ބޭފުޅެއް ނިޔާވުމާ ގުޅިގެން ރައީސް މުޢިއްޒު، ތަޢުޒިއާ ވިދާޅުވެއްޖެ

ލޭންޑިންގ ކްރާފްޓް ބަންޑުންޖަހާލައި ސިފައިންގެ ބޭފުޅެއް ނިޔާވުމާ ގުޅިގެން ރައީސް މުޢިއްޒު، ތަޢުޒިއާ ވިދާޅުވެއްޖެ

ޤައުމީ ދިފާޢީ ބާރުގެ (އެމްއެންޑީއެފް) ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޖޫން 2025، 03:04

25 ޖޫން 2025، 03:04

މިއަދު މާލެއިން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ ލޭންޑިންގ ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ (އެމްއެންޑީއެފް) ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަޢުޒިއާ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު، އެކްސް  މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަރުހޫމް ޢަލީ ޙާމިދު މިދުނިޔެއާ ވަކިވެގެން ދިއުމަކީ އެމަނިކުފާނަށް ވަރަށް ފުން ހިތާމައެއް ކުރުވި ކަމެއް ކަމަށް ވިދާޅުވެފައެވެ. ރައީސް ވަނީ މި ހާދިސާގައި ނިޔާވި ޢަލީ ޙާމިދުގެ ޢާއިލާއާއި އެމްއެންޑީއެފްގެ މުއައްސަސާއާ އެކު ފުން ހިތާމައިގައި ބައިވެރިވެ، މަރުޙޫމުގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލެއްވުމަށާއި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާފައެވެ.

މިއަދު ހެނދުނު 10:30 ހާއިރު ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި "އެލްސީ 308" ނަންބަރު ލޭންޑިންގ ކްރާފްޓުން ދަތުރުކުރި މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު، ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް، އެ ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދީފައެވެ.

މި އުޅަނދުގައި ދަތުރުކުރީ 6 މީހުންނެވެ. އޭގެތެރޭގައި ސިފައިންގެ 3 މީހަކާއި، ބަންގުލަދޭޝްއަށް ނިސްބަތްވާ 3 ބިދޭސީން ހިމެނެއެވެ. އެމްއެންޑީއެފުން ވަނީ އުޅަނދު ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު ލިބުމާއެކު ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައެވެ.

މިހާދިސާގައި މިހާތަނަށްވެސް ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.




މި ލިޔުން ކިޔާލުމުން

Ads by MSS