ޚަބަރު
އޭދަފުށިން 36 އަހަރަށްފަހު ގޯތި ދޫކޮށްފި

ބ އޭދަފުށި
ބ. އޭދަފުށީގައި ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، 36 އަހަރަށްފަހު އެ ރަށުން ގޯތި ދޫކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިކަމަށްޓަކައި، މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލުން ދޫކުރުމަށް ނިންމާފައިވާ 183 ގޯތި ލިބޭ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގައި، ގޯތީގެ ލިޔުންތައް ރޭ ހަވާލުކޮށްފައިވެއެވެ. މި ރަސްމިއްޔާތު އޮތީ އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމުގައެވެ.
އޭދަފުށިން ގޯތި ދޫކުރުމުގެ މަސައްކަތް ކައުންސިލުން އެންމެ ފުރަތަމަ ހުޅުވާލީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެބުރުގައި 1400 އަކަފޫޓްގެ 158 ގޯތި ދޫކުރުމަށް ނިންމައި، ފޯމު ހުށައެޅުމަށްވެސް ވަނީ ހުޅުވާލާފައެވެ. ނަމަވެސް، ގޯތި ދޫކުރުމުގެ އުޞޫލުގައި މައްސަލަތަކެއް ހުރިކަމަށް ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާއިން އަންގުމުން އެކަން ހުއްޓާލަން މަޖުބޫރުވިއެވެ.
އެއަށްފަހު 2020 ވަނަ އަހަރު އައު އުޞޫލެއް ހަދައި ގޯތި ދޫކުރުމަށް އަލުން ނިންމިއެވެ. މި ބުރުގައި 158 ގޯއްޗަށް އެދި 662 ފަރާތަކުން ފޯމު ހުށައަޅާފައިވެއެވެ. ފޯމުތައް ވިލަރެސް ކުރުމަށްފަހު ވަގުތީ ލިސްޓް އާންމުކޮށް ޝަކުވާ ހުށައެޅުމަށްވެސް ހުޅުވާލިއެވެ. ނަމަވެސް އާންމު ފަރާތަކުން އުޞޫލާ ޚިލާފަށް ގޯތި ދޫކުރިކަމަށް ބުނެ އޭދަފުށީ ކޯޓަށް މައްސަލަ ހުށައެޅުމުން ގޯތި ދޫކުރުން މަޑު ޖެހިގެންދިޔައެވެ.
މި މައްސަލަ ނިމުމުން، ގޯތި ދޫކުރުމަށް އައު އުޞޫލެއް ހަދައި، ކުރިން ދޫކުރުމަށް ނިންމާފައިވާ 158 ގޯތީގެ ބަދަލުގައި 183 ގޯތި ދޫކުރުމަށް ކައުންސިލުން ނިންމިއެވެ. ގިނަ މީހުންނަށް ބޯހިޔާވަހިކަން ކަށަވަރު ކުރުމުގެ ގޮތުން ގޯތީގެ ބޮޑުމިން 1400 އަކަފޫޓުން 1200 އަކަފޫޓަށް ކުޑަކޮށް، މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް އާންމުންނަށް އަލުން ހުޅުވާލިއެވެ. މި ފަހަރު 525 މީހުން ވަނީ ކުރިމަތިލާފައެވެ.
އޭދަފުށީ ކައުންސިލުން ދޫކުރުމަށް ނިންމާފައިވާ 183 ގޯތި ލިބޭ މީހުން ކަނޑައެޅުމަށްޓަކައި، ރޭ އޭދަފުށީ ފުޓްބޯޅަ ސްޓޭޑީއަމްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުންނެވެ. އަދި ޕޮއިންޓް އެއްވަރުވެފައިވާ ނަމަ، ލިސްޓްގައިވާ ތަރުތީބުން ގުރުނަގާފައިވެއެވެ. ގުރުއަތުން ގޯތި ލިބުނު ފަރާތްތަކަށް، އެމީހުންނަށް ގޯތި ލިބުނު ކަމުގެ ލިޔުންވެސް މި ރަސްމިއްޔާތުގައި ވަނީ ހަވާލުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވީ، ކޮންމެ އާއިލާއަކަށްވެސް ދިރިއުޅުމަށް އެންމެ މުހިއްމީ ބޯހިޔާވަހިކަން ކަމަށާއި، އަމިއްލަ ގޯއްޗެއް ލިބުމުން، އެ ރަށުގައި ބޮޑުވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ފާތިހު އިތުރަށް ވިދާޅުވީ، "މިއަދު ގުރުއަތުލުމުގެ ތެރެއިން ލިބޭ ގޯތިތަކަކީ އެތަކެއް ބައެއްގެ ހުވަފެން ހަގީގަތަކަށް ވެގެންދާނެ ކަމެއް. އަދި އިޖުތިމާއީ އެތައް މައްސަލަތަކަށް ހައްލު ލިބި، އާއިލާތަކަށް އުފާވެރިކަން ލިބިގެންދާނެ ކަމެއް" ކަމަށެވެ.
ގުރުނެގުމަށްފަހު ގޯތި ލިބުނު މީހުންނަށް ދީފައިވާ ލިޔުމުގައިވާ ގޮތަށް، ކައުންސިލުން އިމުގެ ކަންމުޑި އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން އަޅައިދޭން ފަށާނެ ކަމަށްވެސް ފާތިހު ވިދާޅުވިއެވެ.
3500އަށްވުރެ ބޮޑު އާބާދީއެއް އޮންނަ އޭދަފުށިން މީގެ ކުރިން ގޯތި ދޫކޮށްފައިވަނީ 1989 ވަނަ އަހަރުއެވެ. އެފަހަރު 659 ގޯތި ދޫކުރެވުނެވެ. ބިން ފުރި ގޯތި ނުލިބި ތިބި އަދި ގޯތި ބޭނުންވާ އެތައް ޢާއިލާއެއް އޭދަފުށީގައި ދިރިއުޅެމުން ދިއުމާ ގުޅިގެން 2014 ވަނަ އަހަރު ސަރުކާރުން ވަނީ ދައުލަތުގެ ބަޖެޓުން 126 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން 26 ހެކްޓަރުގެ ބިން އެ ރަށުން ހިއްކާފައެވެ.
އޭދަފުށްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އަދުގެ ސަރުކާރުންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް ޗައިނާގެ ސައިނޯ ހައިޑްރޯ ކޯޕަރޭޝަނަށް ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން އޭދަފުށީގައި 15 ބުރީގެ 12 ޓަވަރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.