ޚަބަރު
ސިވެކްގެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ދިވެއްސަކު ނިޔާވެއްޖެ

ސިވެކްގެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލުން
ކާށިދޫކަނޑަށް، ސިވެކްގެ ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި ދިވެއްސަކު ނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
"ފަރުދުން" މީޑިއާއަށް މަޢުލޫމާތުދެއްވަމުން ޅ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، ސިވެކްގެ ލޭންޑިންގ ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި އަނިޔާވެ، އިތުރު ފަރުވާއަށް އެ ހޮސްޕިޓަލަށް ގެންދިޔަ ދިވެއްސަކު ނިޔާވެފައިވާކަމަށެވެ. ނިޔާވެފައިވާ ފިރިހެން މީހާގެ ތަފްސީލެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ. މިކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގު ހިންގަމުންނެވެ. އިތުރު ތަފްސީލްތައް ފަހުން ހާމަކުރާނެ ކަމަށް ރަސްމީ ފަރާތްތަކުން ބުނެއެވެ.