ޚަބަރު
ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް ނޭޕާލްއާއެކު މުހިންމު މަޝްވަރާތަކެއް

ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް ނޭޕާލްއާއެކު މަޝްވަރާކުރުން/ފޮޓޯ: ޞިއްޙީ ވުޒާރާ
ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމަށް ނޭޕާލްއާއެކު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ބައްދަލުކުރެއްވުމުގައި، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް އާއިއެކު ނޭޕާލް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ޕޫރްނާ ބަހާދުރު ނޭޕާލީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ފާހަގަކުރައްވާ، މި ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. ހަމަ އެހެންމެ، ޞިއްޙީ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ޤާބިލްކަން އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާއިރު، ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފަ އެވެ.
މީގެ އިތުރުން، މި ބައްދަލުވުމުގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވަނީ، ނޭޕާލް ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފަ އެވެ.