ޚަބަރު
ފޭސް-2 ގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް އަވަސް ކުރުމަށް އެސް.ޖޭ ކޮންސްޓްރަކްޝަނާއި މަޝްވަރާކޮށްފި

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އެސް.ޖޭ ކޮންސްޓްރަކްޝަންގެ އިސްވެރިންނާއި ބައްދަލުކުރެއްވުން/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ހުޅުމާލެ ފޭސް-2 ގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް އަވަސް ކުރުމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އެސް.ޖޭ ކޮންސްޓްރަކްޝަންގެ އިސްވެރިންނާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފިއެވެ.
އެސް.ޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ހުޅުމާލެ ފޭސް-2 ގައި އިމާރާތްކުރަމުންދާ މި މިސްކިތުގެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވަނީ، މިދިޔަ އަންގާރަ ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި، އަލަށް އިމާރާތްކުރާ މި މިސްކިތުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި ކުރަން ޖެހޭ ކަންކަމާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ. ހަމަ އެހެންމެ، މި މިސްކިތުގެ މަސައްކަތްތައް ވީ އެންމެ އަވަހަކަށް އެއްކޮށް ނިންމާ، އެ ވުޒާރާއާއި ހަވާލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ބާރު ދުވެލީގައި ކުރާނެކަމުގެ ޔަޤީންކަން އެސް.ޖޭ ކޮންސްޓްރަކްޝަން ކުންފުނިން ވަނީ ދެއްވާފައެވެ. އެގޮތުން، މިއަހަރުގެ ނިޔަލަށް މިސްކިތުގެ ހުރިހާ މަސައްކަތެއް ނިންމުމަށްފަހު ހަވާލުކުރާނެކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު ހުޅުމާލެ ފޭސް-2 ގައި އިމާރާތްކުރަމުންދާ މި މިސްކިތުގައި އެއްފަހަރާ 1400 މީހުންނަށް ނަމާދު ކުރެވޭނެއެވެ.