Ads by Stelco

ޚަބަރު

ރ.އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ފަށަނީ: ފުރަތަމަ ހަފްތާ ހިލޭ!

ރ.އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ފަށަނީ: ފުރަތަމަ ހަފްތާ ހިލޭ!

އާރްޓީއެލް ފެރީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޖޫން 2025، 12:02

25 ޖޫން 2025، 12:02

ރާއްޖެ ޓްރާންސްޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ރ.އަތޮޅުގައި މާދަމާ ފެށުމަށް ތައްޔާރުވެފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން ވިދާޅުވީ، ރައްޔިތުންނަށް މި ޚިދުމަތާ އަހުލުވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ފުރަތަމަ ހަފްތާގައި ދަތުރުތައް ކުރިއަށް ގެންދާނީ ހިލޭ ކަމަށެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގެ ދަށުން، ޒޯން 2 ގައި ހިމެނޭ ރ.އަތޮޅުގައި މާދަމާ އާރްޓީއެލްގެ ދަތުރުތައް ފެށުމަށްފަހު، ޖުލައި މަހުގެ 02 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރިއަށް ގެންދެވޭނެއެވެ. އަދި ޖުލައި މަހުގެ 3 ވަނަ ދުވަހުން ފެށިގެން ފެރީގެ ދަތުރުތައް ކުރިއަށް ގެންދާނީ ޓިކެޓް ނަގައިގެން ކަމަށްވެސް ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް އާރްޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ފަސޭހަ ކަމާއެކު ޓިކެޓް ނެގޭނެ އިންތިޒާމް ހަމަޖެހިފައިވެއެވެ.

މި ޚިދުމަތް ރ.އަތޮޅުގައި ފެށުމާއެކު، ރާއްޖޭގެ 10 އަތޮޅެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ކުރިއަށް ދާނެއެވެ. އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގެ ދަށުން، ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅާއި، ނ. އަތޮޅުގައި މިހާރުވެސް އަންނަނީ މިޚިދުމަތް ފޯރުކޮށްދެމުންނެވެ. އެންމެ ފަހުން މި ޚިދުމަތް ފެށީ ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށެއްގައެވެ. މިހާރު ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށް އާރުޓީއެލް ފެރީގެ ޚިދުމަތުން ވަނީ ގުޅާލާފައެވެ.

މިއީ ރާއްޖޭގެ ރަށްރަށް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެކެވެ. އާރްޓީއެލްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މިމަޝްރޫޢު ކުރިއަށް ގެންދަނީ މުޅި ރާއްޖެ ތިން ފިޔަވައްސަކަށް ބަހާލައިގެން، 6 ޒޯނަކަށް ބަހާލައިގެންނެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، މި މަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ކުޑަ އަގެއްގައި އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެގޮތް މަގުފަހި ކުރުމާއި، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުންވެސް ފައިދާހުރި ނިޒާމެއް ގާއިމުކުރުމެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS