ޚަބަރު
ރާއްޖޭގެ މާލީ ހާލަތު ހަރުދަނާކުރުމަށް ޗައިނާގެ ސައިނޯޝުއަރއާ މަޝްވަރާކޮށްފި

މާލީ ވަޒީރު ޗައިނާ އެކްސްޕޯޓް އެންޑް ކްރެޑިޓް އިންޝުއަރެންސް ކޯޕަރޭޝަން (ސައިނޯޝުއަރ)ގެ އިސްވެރިންނާ ބައްދަލުކުރެއްވުން
ރާއްޖޭގެ މާލީ ހާލަތު އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ޗައިނާގެ ސައިނޯޝުއަރ (Sinosure) ކުންފުނީގެ އިސްވެރިންނާއެކު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ބޭއްވެވީ، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ 10ވަނަ އަހަރީ ޖަލްސާގައި ބައިވެރިވުމަށް ވަޒީރު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ޗައިނާ އެކްސްޕޯޓް އެންޑް ކްރެޑިޓް އިންޝުއަރެންސް ކޯޕަރޭޝަން (ސައިނޯޝުއަރ)ގެ އިސްވެރިންނާ ބައްދަލުކުރެއްވުމުގައި، ވަޒީރު ޒަމީރު ވަނީ ޗައިނާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ އަދި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާ ބެހޭ އެންމެފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. މީގެ އިތުރުން، ސަރުކާރުން މިހާރު ކުރިއަށްގެންދާ މާލީ އިސްލާޙީ ފިޔަވަޅުތަކުގެ މަޢުލޫމާތުވެސް ވަޒީރު ހިއްސާކުރެއްވިއެވެ.
Had a productive meeting with President Sheng Hetai and senior officials of SINOSURE on the sidelines of #AIIB2025.
— Moosa Zameer (@MoosaZameer) June 24, 2025
Discussed strengthening insurance coverage cooperation in support of the #Maldives' development priorities and ongoing fiscal reforms.
🇲🇻🇨🇳 pic.twitter.com/Tac6WfzUud
މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ މިހާރުގެ މާލީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ދިވެހި ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ދައުލަތުގެ މަޝްރޫޢުތަކުގައި ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކަށް ދެމުންގެންދާ އަހައްމިއްޔަތުކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރާއެކު، ޗައިނާއަށް ކަނޑައަޅުއްވާފައިވާ ދިވެހި ސަފީރު ޑރ. ފަޟީލް ނަޖީބު، ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އަލީ ސާޖިދު ޝާކިރު، ސެކަންޑް ސެކްރެޓަރީ މިޒްނާ ވަޙީދު، އަދި މާލީ ވުޒާރާގެ ރިސޯސް މޮބިލައިޒޭޝަން އެނަލިސްޓް ރައުޙާ އިބްރާހީމްވެސް ބައިވެރިވެވަޑައިގަތެވެ.
މާލީ ވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން އޭއައިއައިބީގެ ގަވަރނަރުންގެ ބޯޑުގެ 10 ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިން ބޭއްވުނު ގަވަރނަރުންގެ ޚާއްސަ ޖަލްސާގައިވެސް ވަޒީރު ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަލްސާގައި އޭއައިއައިބީގެ ރައީސްއަކަށް ޒޯ ޖިއާޔީ ވަނީ ކަނޑައަޅުއްވާފައެވެ. ވަޒީރު ޒަމީރު، ޒޯ އިންތިޚާބުވެވަޑައިގަތުމުން އޭނާއަށް މަރުޙަބާ ދަންނަވައި، ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް އޭއައިއައިބީ ކުރަމުންދާ މަސައްކަތްތަކަށް ރާއްޖޭގެ ތާއީދު އޮތްކަމަށްވެސް ވިދާޅުވިއެވެ.
އޭއައިއައިބީގެ 10 ވަނަ އަހަރީ ބައްދަލުވުން މިމަހުގެ 26އާ ހަމައަށް ޗައިނާގެ ބެއިޖިންގގައި ހުންނަ ޗައިނާ ނޭޝަނަލް ކޮންވެންޝަން ސެންޓަރު 2 ގައެވެ. މި ބައްދަލުވުމުގައި އޭއައިއައިބީގެ މެންބަރު ގައުމުތަކާއި، ބައިވެރިންނާއި، ވިޔަފާރިވެރިންނާއި، ސިވިލް ސޮސައިޓީގެ ޖަމިއްޔާތަކާއި، މީޑިއާގެ ފަރާތްތަކާއި، ބައިނަލްއަޤްވާމީ މާހިރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.