ދުނިޔެ
ސޯޝަލް މީޑިއާގެ "ކޮންޓްރޯލެއްނެތް ފުޅާވުން" ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ހީނަރުކޮށްފި: ކިޑްސްރައިޓްސް ރިޕޯޓު

ކުޑަކުދިން ފޯނުން ސޯޝަލް މީޑިއާ ބޭނުން ކުރަނީ
ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް "ބެލުމެއްނެތި ފުޅާވަމުންދިއުމަކީ" ކުޑަކުދިންނާއި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ ކުރިން ދުވަހަކުވެސް ނުދެކޭފަދަ ބޮޑު ކާރިސާއެއް ދުނިޔޭގައި ފެތުރެން މެދުވެރިވާ ކަމެއް ކަމަށް، ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ މަޝްހޫރު ޖަމިއްޔާއެއް ކަމަށްވާ ކިޑްސްރައިޓްސް އިން ބުދަދުވަހު ބުނެފިއެވެ. މިކަމަށްޓަކައި ދުނިޔެއަށް ބޭނުންވަނީ އަވަސް، އަދި ގުޅިގެން ކުރާ މަސައްކަތެއް ކަމަށްވެސް އެ ޖަމިއްޔާއިން ގޮވާލާފައިވެއެވެ.
ކިޑްސްރައިޓްސްއިން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، 10 އަހަރާއި 19 އަހަރާ ދެމެދުގެ ކުޑަކުދިންނާއި ޒުވާނުންގެ ތެރެއިން ހަތް ކުއްޖަކުން އެކަކަށް ނަފްސާނީ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި، 15 އަހަރާއި 19 އަހަރާ ދެމެދުގެ ކުދިންގެ ތެރޭގައި ދުނިޔޭގެ ނިސްބަތުން އަމިއްލައަށް މަރުވާ މީހުންގެ ޢަދަދު 100,000 އިން 6 އަކަށްއަރާފައިވާކަމށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެމްސްޓަރޑަމްގައި ހުންނަ މި ޖަމިއްޔާއިން ބުނި ގޮތުގައި، މިހާ މަތީ ނިސްބަތެއްގައި މައްސަލަތައް ހުރި ނަމަވެސް، މިއީ ހަމައެކަނި "އައިސްބަރގުގެ ކޮޅު" ކަމަށް ބެލެވެއެވެ. އެއީ، އަމިއްލައަށް މަރުވުމުގެ މައްސަލަތަކަށް، މުޖުތަމައުގައި އެކަމަށް އޮންނަ ނަފުރަތާއި ދެކޮޅު ހެދުމުގެ ސަބަބުން ރިޕޯޓު ކުރެވޭ މިންވަރު މަދުކަމަށް ވާތީއެވެ.
ކިޑްސްރައިޓްސްގެ ޗެއަރމަން މާކް ޑުލާޓް ވިދާޅުވީ، "މި އަހަރުގެ ރިޕޯޓަކީ އަޅުގަނޑުމެންނަށް އިތުރަށް އިހުމާލުވެގެން ނުވާނެ ހޭލުންތެރިކުރުމުގެ ބާރުގަދަ ގޮވައިލުމެއް" ކަމަށެވެ. "އަޅުގަނޑުމެންގެ ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމުގެ ކާރިސާ ވަނީ ނުރައްކާތެރި މަރުޙަލާއަކަށް އައިސްފައެވެ. ސަބަބަކީ ކުޑަކުދިންގެ ސަލާމަތަށްވުރެ ބޮޑަށް މީހުން ބައިވެރިކުރުން އިސްކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކޮންޓްރޯލެއްނެތި ފުޅާވަމުންދިއުން" ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ސޯޝަލް މީޑިއާ "މައްސަލަތައް ދިމާވާ ގޮތަށް" ބޭނުންކުރާ މިންވަރު އިތުރުވަމުންދާއިރު، އިންޓަނެޓް ބޮޑަށް ބޭނުންކުރުމާއި އަމިއްލައަށް މަރުވުމަށް މަސައްކަތް ކުރުމާ ދެމެދު ސީދާ ގުޅުމެއް ވާކަން ފާހަގަކުރެވިފައިވެއެވެ.
ނަމަވެސް، އެއްކޮށް މަނާކުރުން އެއީ ހައްލެއް ނޫން ކަމަށް މި ޖަމިއްޔާއިން އިންޒާރުދެއެވެ. އޮސްޓްރޭލިއާއިން ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ޤާނޫނެއް ފާސްކޮށްފައެވެ. ރިޕޯޓުގައި ބުނެފައިވަނީ، "މިފަދަ މަނާކުރުންތަކަކީ ކުޑަކުދިންގެ ސިވިލް އަދި ސިޔާސީ ޙައްޤުތަކާ، އޭގެ ތެރޭގައި މަޢުލޫމާތު ހޯދުމުގެ ޙައްޤުވެސް ހިމެނޭ ގޮތަށް، ޚިލާފުވާ ކަމެއް" ކަމަށެވެ.
މި ޖަމިއްޔާއިން ގޮވާލާފައިވަނީ، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ދުނިޔެވީ ފެންވަރެއްގައި "ކުޑަކުދިންގެ ޙައްޤުތަކަށް އެޅޭ ނޭދެވޭ އަސަރު ދެނެގަތުމުގެ ފުރިހަމަ ދިރާސާތައް" ހެދުމަށާއި، ކުޑަކުދިންނަށް ރަނގަޅު ތަޢުލީމެއް ދިނުމަށާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މާހިރުން ތަމްރީނު ކުރުން އިތުރުކުރުމަށެވެ.
މި ރިޕޯޓުގައި ވަނީ ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް "އެޑޮލެސެންސް" އަށް ބާރުއަޅާފައެވެ. މި ސީރީޒުން ވަނީ ކުޑަކުދިން އޮންލައިންކޮށް ބަލާ ބައެއް ނުރައްކާތެރި ކޮންޓެންޓްތައް ފާހަގަކޮށްފައެވެ.
މި ސީރީޒުން "މިފަދަ މައްސަލަތަކާ ބެހޭގޮތުން ދުނިޔެވީ ހޭލުންތެރިކަން ދައްކުވައިދިން ނަމަވެސް، ހަމައެކަނި ހޭލުންތެރިކަން އެކަނި ފުދޭވަރެއް ނޫން" ކަމަށް ޑުލާޓް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، "ޑިޖިޓަލް އިންޤިލާބަކީ ދުނިޔޭގެ 2.2 ބިލިއަން ކުދިންގެ ދުޅަހެޔޮކަން ނުރައްކަލަށް ނުލައި، އެކަން ކުރިއެރުވުމަށް މަސައްކަތް ކުރާނެ ގޮތެއް ކަމުގައި ހެދުމަށް އަޅުގަނޑުމެންނަށް ޢަމަލީ ފިޔަވަޅުތައް ބޭނުންވެއެވެ.