ސައިންސް / ދުނިޔެ
ދުނިޔޭގެ އެންމެ ބޮޑު އައިފޯން އުފައްދާ ގިނަސް ރެކޯޑް ފޮތުން ޖާގަ ހޯދައިފި

ދުނިޔޭގެ އެންމެބޮޑު އައިފޯން
އިނގިރޭސިވިލާތުގެ މަޝްހޫރު ޔޫޓިއުބަރއެއް ކަމަށްވާ އަރުން މައިނީ، ދުނިޔޭގެ އެންމެ ބޮޑު އަދި ފުލީ ފަންކްޝަނަލް އައިފޯނެއް ހަދައި، ގިނަސް ވޯލްޑް ރެކޯޑްސްއިން ޖާގަ ހޯދައިފިއެވެ.މި އައިފޯނުގެ ބޮޑު މިނުގައި 2 މީޓަރު ހުރިއިރު، ބަރުދަން ފްރިޖެއްގެ ބަރުދަނާ އެއްވަރުވާނެ ކަމަށް ވަނީ ބުނެފައެވެ.
މި އައިފޯން 15 ޕްރޯ މެކްސްގެ ސައިޒުން ބޮޑު ކޮޕީއަކީ ހަމަ ހަގީގީ ފޯނެއް ފަދައިން ބޭނުންކުރެވޭނެ އެއްޗެކެވެ. އާދަޔާ ހިލާފު ބޮޑު މި އައިފޯނުގައި 400 ވޯޓުގެ ފްލޭޝްލައިޓެއް ހިމެނެއެވެ. މިއީ ކާރެއްގެ ހެޑްލައިޓަށްވުރެވެސް ގަދަ އަލިކަމެއް ހުރި ފްލޭޝްލައިޓެކެވެ. މި ބޮޑު ފޯނު ހެދުމަށް އަރުން ވަނީ މިފަދަ ބޮޑެތި ޓެކް ޑިވައިސްތައް ހެދުމަށް މަޝްހޫރު އެހެން ޔޫޓިއުބަރ އެއްކަމުގައިވާ މެތިއު ޕާކްސްއާ ގުޅިގެން މަސައްކަތް ކޮށްފައެވެ.
އެ ދެމީހުންގެ ބުރަ މަސައްކަތުން ހަދާފައިވާ މި އައިފޯންގެ ބޮޑުކަމުން އެއް ފަރާތުން އަނެއް ފަރާތަށް ނެގުމަށް އަށް މީހުން ބޭނުންވެއެވެ. މިފަދަ އާދަޔާ ހިލާފު ކާމިޔާބީއެއް ހާސިލްކުރުމަށްފަހު، ގިނަސް ވޯލްޑް ރެކޯޑްސް އިން ވަނީ މި ފޯނަކީ ދުނިޔޭގެ އެންމެ ބޮޑު ސްމާޓްފޯނު ކަމަށް ރަސްމީކޮށް ހާމަކޮށްފައެވެ.
އައިފޯން 15 ޕްރޯ މެކްސްއާ އެއްގޮތަށް ބޭރު ފުށުން ފެންނަން ހުރި ނަމަވެސް، މި ފޯނުގެ އެތެރޭގައި ހިމެނޭ ހާޑްވެއަރ އެޕަލްގެ އައިފޯނުތަކާ ވަރަށް ތަފާތެވެ. މި ބޮޑު ފޯނު ހިންގަނީ އިންޓެލްގެ i9 ކޮމްޕިއުޓަރ ޕްރޮސެސަރަކުންނެވެ. އަދި 128 ޖީބީގެ ރެމް ހިމެނޭއިރު، މިއީ ވަރަށް ބާރުގަދަ ކޮމްޕިއުޓަރ ހާޑްވެއަރތަކެކެވެ.
ފޯނުގެ އޮޕަރޭޓިން ސިސްޓަމަކީ އައި.އޯ.އެސް ނޫންކަން ފާހަގަކޮށްލަން ޖެހެއެވެ. މި ފޯނު ހިންގަނީ އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމުންނެވެ. މީގެ އިތުރުން ވިންޑޯސްވެސް ސަޕޯޓްކުރެއެވެ. 4 ޓީބީގެ ސްޓޯރޭޖް ހިމެނޭ މި ފޯނުން، ވީޑިއޯ ކޯލް ކުރުމާއި މެސެޖު ކުރުން އަދި އެޕްތައް ބްރައުޒް ކުރުން ފަދަ އާދައިގެ ސްމާޓްފޯނަކުން ކުރެވޭނެ ހުރިހާ ކަމެއް ކުރެވޭނެއެވެ.
މި ފޯނުގައި 88-އިންޗީގެ ބޮޑު އޯއެލްއީޑީ ޑިސްޕްލޭއެއް ހިމެނޭއިރު، މިއީ ފޯނެއް ބޭނުންކުރުމަށްވުރެ ޓީވީ ބެލުމާ ގާތް ތަޖުރިބާއެކެވެ. ޔޫޓިއުބަރ ބުނި ގޮތުގައި، އޯއެލްއީޑީ ޕެނަލް ޓަޗްސްކްރީނަކަށް ބަދަލުކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި، އެކަން ހައްލުކުރީ އޮޕްޓިކަލް ގްލޫ ބޭނުންކޮށްގެން ކަމަށެވެ.
ކުރިންވެސް ފާހަގަކުރި ގޮތުގައި، ފްލޭޝްލައިޓް ބާރު ގަދަ ނަމަވެސް، ކެމެރާ ސެޓަޕްވެސް ނުހަނު ފުރިހަމައެވެ. 100x ޑިޖިޓަލް ޒޫމް ކުރުމުގެ ގާބިލުކަން ލިބިފައިވާ ޑިޖިޓަލް ކެމެރާތަކެއް ހިމެނެއެވެ. އަދި ފޯނުގެ އެތެރޭގައި 3,840 ވޯޓުގެ ދެ ބޮޑު ބެޓެރީ ހިމެނެއެވެ.