ސައިންސް / ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު ޑިޖިޓަލް ކެމެރާގެ ޖައްވުގެ ފުރަތަމަ ތަސްވީރުތައް އާންމުކޮށްފި

ދުނިޔޭގެ އެންމެ ބޮޑު ޑިޖިޓަލް ކެމެރާގެ ޖައްވުގެ ފުރަތަމަ ތަސްވީރުތައް އާންމުކޮށްފި

ދުނިޔޭގެ އެންމެ ބޮޑު ޑިޖިޓަލް ކެމެރާގެ ޖައްވުގެ ފުރަތަމަ ތަސްވީރު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 ޖޫން 2025، 04:32

24 ޖޫން 2025، 04:32

ދުނިޔޭގައި މިހާތަނަށް އުފައްދާފައިވާ އެންމެ ބޮޑު އަދި އެންމެ ބާރުގަދަ ޑިޖިޓަލް ކެމެރާ، އެލް.އެސް.އެސް.ޓީ ގެ ފުރަތަމަ ތަސްވީރުތައް ރަސްމީކޮށް އާންމުކޮށްފިއެވެ. ޗިލީގައި ގާއިމުކޮށްފައިވާ ވެރާ ސީ. ރޫބިން އޮބްޒަވޭޓަރީގެ ޓެލެސްކޯޕެއްގައި މި ކެމެރާ ބަހައްޓާފައިވަނީ ކައުނުގެ ސިއްރުތައް ހޯދުމުގެ އާ  ފެށުމެއްގެ ގޮތުގައެވެ.

3,200 މެގާޕިކްސެލްގެ މި ކެމެރާ މަސައްކަތްކުރަނީ އާދައިގެ ޑިޖިޓަލް ކެމެރާއެއްގެ ގޮތަށެވެ. ނަމަވެސް މިއީ މާ ބޮޑު، މާ ބާރުގަދަ، އަދި މާ ތަފްސީލީ މަސައްކަތްތަކެއް ކުރެވޭނެ ކެމެރާއެކެވެ. މި ކެމެރާގައި 189 ސެންސަރު ހިމެނެއެވެ. މި ސެންސަރުތަކުން ތަރިތަކުންނާއި، އެހެނިހެން ބިލިއަން  ގެލެކްސީތަކުން އަންނަ އަލި ރެކޯޑުކޮށް، އެތައް ބިލިއަން ޕިކްސެލްގެ ޑިޖިޓަލް ތަސްވީރުތަކަށް ބަދަލުކުރެއެވެ. ކޮންމެ ސެންސަރެއްގެ ބޮޑުމިން 16 މިލިމީޓަރަށް ވާއިރު، އެއް ސެންސަރުގައިވެސް އައިފޯން ކެމެރާއެއްގައި ހުންނަ ޕިކްސެލްތަކަށް ވުރެ ގިނަ ޕިކްސެލް ހުރެއެވެ. އެތައް އަހަރެއްގެ ދިގު ތަރައްގީއާއި ގާއިމުކުރުމަށްފަހު، މި ކެމެރާގެ ފުރަތަމަ ތަސްވީރުތައް މިހާރު ވަނީ އާންމުކޮށްފައެވެ. މި ތަސްވީރުތަކުން ބިލިއަން ގެލެކްސީތަކާއި، ތަރިތަކުގެ އާދަޔާޚިލާފު މަންޒަރުތައް ފެނިގެންދެއެވެ.

ޔޫ.އެސް. ނޭޝަނަލް ސައިންސް ފައުންޑޭޝަން (އެން.އެސް.އެފް) އަދި ޑިޕާޓްމަންޓް އޮފް އެނަރޖީގެ އެހީތެރިކަމާއެކު ގާއިމުކުރެވިފައިވާ މި ކެމެރާގެ ތަސްވީރުތަކާއި ވީޑިއޯތައް ރަސްމީކޮށް އާންމުކުރާނީ މި އަންނަ ޖޫން މަހުގެ 23 ވަނަ ދުވަހުގެ ރެއެވެ. މިހާރު އާންމުކުރެވިފައިވާ ޓެސްޓް ތަސްވީރުތަކަކީ މި ކެމެރާއިން 10 ގަޑިއިރު ދިގުދެމިގެންދިޔަ މޮނިޓަރިންގެ ނަތީޖާއެވެ. އެން.އެސް.އެފް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވެރާ ސީ. ރޫބިން އޮބްޒަވޭޓަރީން ކައުނާ ބެހޭ ގޮތުން އާދައިގެ އޮޕްޓިކަލް ޓެލެސްކޯޕްތަކަށް ވުރެ މާ ތަފްސީލީ މައުލޫމާތުތައް އެއްކުރާނެ ކަމަށެވެ.

މި އޮބްޒަވޭޓަރީގެ ކުރީކޮޅު މަސައްކަތްތަކުގައި މިހާރުވެސް 2,104 އެސްޓްރޮއިޑް ވަނީ ހޯދާފައެވެ. އޭގެ ތެރެއިން 7 އެސްޓްރޮއިޑަކީ ދުނިޔެއާ ގާތުން ދަތުރުކުރާ އެސްޓްރޮއިޑްތަކެވެ. އެން.އެސް.އެފް އިން ބުނާ ގޮތުގައި، މި އޮބްޒަވޭޓަރީން ފުރަތަމަ ދެ އަހަރުގެ ތެރޭގައި މިލިއަން ގެލެކްސީ އަދި ޕްލެނެޓް ހޯދާނެ ކަމަށް ލަފާކުރެވެއެވެ. މިއީ އަޅުގަނޑުމެންގެ ނިޒާމަށް ވަންނަ އެސްޓްރޮއިޑްތަކާއި ކޮމެޓްތައް ދެނެގަތުމަށް އެންމެ އެދެވޭ ޓެލެސްކޯޕްކަމަށް ވެގެންދާނެއެވެ.

މި ކެމެރާއިން ދިރާސާކުރާ ފަރާތްތަކަށް ކައުނުގެ އެތައް ސިއްރުތަކެއް ދެނެގަތުމަށް އަގުހުރި މައުލޫމާތުތަކެއް ފޯރުކޮށްދޭނެއެވެ. ފުރަތަމަ އާންމުކުރެވުނު ތަސްވީރުތަކުގެ ހުރިހާ ތަފްސީލެއް ހާމަކޮށްފައި ނުވި ނަމަވެސް، އެއް ތަސްވީރަކުން ދެ ބިލިއަން ގެލެކްސީގެ ތަފްސީލީ މަންޒަރެއް ފެނިފައިވާކަން ވަނީ ކަށަވަރުކޮށްދީފައެވެ. އަނެއް ތަސްވީރެއްގައި ފެނިފައިވަނީ ޓްރައިފިޑް އަދި ލަގޫން ނެބިއުލާ  އެވެ. މި ސަރަހައްދަކީ އާ ތަރިތައް އުފެދެމުންދާ ސަރަހައްދެކެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS