ޚަބަރު
ކުޅުދުއްފުށީ އެއަރޕޯޓް: އައު ޒަމާނީ ޓާމިނަލްގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ : ވަޒީރު އަމީން

ކުޅުދުއްފުށީ އެއަރޕޯޓް ފޮޓޯ: މޯލްޑިވިއަން ޖަރނަލް
ކުޅުދުއްފުށީ އެއަރޕޯޓްގައި އަޅާ އައު ޒަމާނީ ޕެސެންޖަރ ޓާރމިނަލްގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސަރުކާރުގެ ހަފްތާ-14ގެ ޕްލޭނުގައި ހިމަނާފައިވާގޮތަށް، އެންމެ ބޮޑު ބަދަލެއް ގެނައުމަށް ނިންމާފައިވަނީ ކުޅުދުއްފުށީ އެއަރޕޯޓަށްކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ. އެގޮތުން، މިހާރުގެ ޓަރމިނަލްގެ ޖާގަ ކުޑަވުމާއި، ވަސީލަތްތަކުގެ ދަތިކަމާއި، އެއަރޕޯޓް ބޭނުންކުރުމުގައި އާއްމުންގެ ފަރާތުން ހުރި ޝަކުވާތަކަށް ރިއާޔަތްކޮށް، ޒަމާނީ ބަދަލުތަކާއެކު މުޅިން އައު ޓަރމިނަލެއް އެޅުމުގެ މާސްޓަރ ޕްލޭން މިހާރު ވަނީ އެކުލަވާލާފައެވެ. މި މަސައްކަތް ފެށުމަށް ނިންމާފައިވަނީ އާއްމުންނަށް ދަތިކަމެއްނެތި އެއަރޕޯޓުގެ ޚިދުމަތްތައް ލިބިގެންދިއުމަށްޓަކައެވެ.
"އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އާއްމު ރައްޔިތަކު ކުޅުދުއްފުށީ އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތް ލަސްވަމުންދާ ސަބަބާއި ގުޅޭގޮތުން ކުރި ސުވާލަކަށް، ޖަވާބުދެއްވަމުން ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށެވެ. އެގޮތުން، މަސައްކަތްނުފެށި ލަސްވަނީ ގެންނަންޖެހޭ ބަދަލުތަކާއި ބޭނުންވާ ވަސީލަތްތައް ހޯދުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުންކަމަށެވެ. އެހެންނަމަވެސް މަސައްކަތްތައް ނުހުއްޓި ކުރިއަށް ދާކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، "އަޅުގަނޑުވެސް ގަބޫލުކުރަން އެންމެ އެދެވޭ ސްޕީޑުގައި ނޫނަސް ކުޅުދުއްފުއްޓީ އެއަރޕޯޓުގެ ހާއްސަކޮށް ޓަރމިނަލްއާއި ފެންސާއި ސެކިއުރިޓީއާއި ގުޅުން ހުރި މަސައްކަތްތައް އެބަ ކުރިއަށްދޭ. އަޅުގަނޑު ދައްނަވާނީ މާ ލަސްތަކެއްނުވެ އެ މަސައްކަތް ފެށޭނެ" މިހެންނެވެ.
ކުޅުދުއްފުށީ އެއަރޕޯޓަކީ 2018 ވަނަ އަހަރު، އޭރުގެ ސަރުކާރު ނިމެން ކުޑަތަންވެފައި ވަނިކޮށް ވަރަށް އަވަސް އަރުވާލައިގެން ނިންމި އެއަރޕޯޓެކެވެ. އެއަރޕޯޓްގެ ޚިދުމަތްތައް ޤާއިމުވެފައި ހުރިގޮތުން، އެއަރޕޯޓުގެ ޚިދުމަތް ހޯދަމުން އަންނަ ރައްޔިތުންނަށް ދިމާވަމުން އަންނަ ބޮޑެތި ތަކުލީފުތަކަށް މި ބަދަލުތަކާއެކު ހައްލެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.