ޚަބަރު
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ރަށްރަށުގެ ރައްޔިތުންނަށް އިނާޔަތް ދިނުމަށް ދިރާސާއެއް ހަދަން ރައީސް އަންގަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރެއްވުމުގެ ރަސްމިއްޔާތުގައި ފޮޓޯ:ރައީސް އޮފީސް
ރާއްޖެއަކީ ދުންފަތުގެ އިސްތިއުމާލުކުރުމުން އެއްކޮށް ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމުގެ މަސައްކަތުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތަކަށް އިނާޔަތެއް ދެއްވުމަށް ދިރާސާއެއް ހެއްދެވުމަށް ކަމާބެހޭ ވަޒީރުންނަށް ދަންނަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވި ގޮތުގައި، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް ރާއްޖެ ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެއްދެވުމަށްފަހު، އެކަމާގުޅޭ ކަރުދާހެއް ތައްޔާރުކުރައްވައި ހުށަހެޅުއްވުމަށް، މި ހަފްތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުންނަށް އެންގެވި ކަމަށެވެ.
ރާއްޖެއަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދު ގައުމަކަށް ހެއްދެވުމުގެ މަސައްކަތް މި ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އެގޮތުން ވަކި އަހަރެއްގެ ފަހުން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށައެޅުނު އިސްލާހު، "ޖެނެރޭޝަނަލް ބޭން" ގެ ނަމުގައި، މެއި މަހުގެ 21 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަސްދީގުކުރައްވާފައެވެ. މި ޤާނޫނަށް ގެނައި އިސްލާހާއިއެކު 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާނެއެވެ. މިކަމުގެ ސަބަބުން ދުންފަތުގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ކުރާ މަސައްކަތްތަކަށް ވަށައިޖެހޭ ހައްލެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ދުންފަތަކީ އޭގެ ސަބަބުން ސިއްޙީ އެތައް މައްސަލަތަކެއް ދިމާވާ އެއްޗަކަށްވާއިރު ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް ގިނަ ފިޔަވަޅުތަކެއް މިހާރުވެސް އަޅުއްވާފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރުމާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަކީ ކުރިއަށް އޮތް ޖީލުތައް ދުންފަތުގެ ވަބާއިން ސަލާމަތްކުރެވިގެންދާނެ ފިޔަވަޅެއް ކަމަށްވެސް އެމަނިކުފާނު ވަނީ މީގެކުރިން ވިދާޅުވެފައެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ…
— Dr Mohamed Muizzu (@MMuizzu) June 24, 2025
ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިންވެސް ވަނީ މަރުހަބާ ކިޔާ، ތަޢުރީފުކުރައްވާފައެވެ. އެގޮތުން މިއީ އެމަނިކުފާނުގެ ސަރުކާރުން އެޅުއްވި ހިތްވަރުގަދަ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމަކުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރުކަންވެސް ޑަބްލިޔުއެޗްއޯއިން ފާހަގަކުރައްވާފައިވެއެވެ.
ހަމައެހެންމެ ރާއްޖޭގެ ޒުވާން ޖީލު ދުންފަތާ ދުރުހެލިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާ، ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް އަރުވާ ޚާއްސަ އެވޯޑްވެސް އެމަނިކުފާނަށް ދާދިފަހުން ވަނީ ލިބިވަޑައިގެންފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ދިވެހި މުޖުތަމަޢުގެ ޞިއްޙަތު ރައްކާތެރިކޮށް، ދުޅަހެޔޮ ޖީލުތަކެއް ބިނާކުރުމަށް ވަރަށް ބޮޑު މަގެއް ފަހިވެގެންދާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.