ދުނިޔެ
އެމެރިކާއިން އޮޮތީ މަޝްވަރާއަށް ތައްޔާރަށް، އީރާނުގެ ސަރުކާރުން ޞުލްޙައިގެ މަގު ނުހިފާނަމަ ރައްޔިތުން ވެރިކަން ވައްޓާލާނެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް---
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ހުންނެވި ނަމަވެސް، އީރާނުގެ ސަރުކާރުން މަޝްވަރާއާއި ޞުލްޙައިގެ މަގު ހިޔާރުނުކޮށްފިނަމަ، އީރާނުގެ ރައްޔިތުންނަށް އެ ޤައުމުގެ ވެރިކަން ވައްޓާލެވިދާނެކަމަށް އެމެރިކާގެ ވައިޓް ހައުސްއިން ބުނެފިއެވެ.
އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް އެމެރިކާއިން ދިން ވައިގެ ހަމަލާތަކާ ގުޅޭގޮތުން ވައިޓް ހައުސްގެ ސްޕޯކްސްޕަރސަން ކެރޮލިން ލެވިޓް ދެއްކި ވާހަކައިގައި، އީރާނުގެ ނިއުކްލިއަރ ފެސިލިޓީތައް މުޅިން ހަލާކުކުރެވިފައިވާ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ. އަދި އަމާޒުކުރެވުނު ތަންތަނަކީ އީރާނުން މުއްސަނދުކޮށްފައިވާ ޔުރޭނިއަމް ރައްކާކުރާ ތަންތަން ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށްވެސް ބުނެފައިވެއެވެ.
ހޯމުޒް ހަނިކަނޑުގައި ހިނގަމުންދާ ކަންތައްތައް އެމެރިކާއިން ގާތުން ބަލަމުންދާ ކަމަށާއި، އެ ހަނިކަނޑު ބަންދުކުރުން ހުއްޓާލުމަށް އީރާނަށް އިންޒާރުދީފައިވެއެވެ.
ހޯމުޒް ހަނިކަނޑުން ދުނިޔޭގެ ކަނޑުމަގުން އުފުލޭ ތެލުގެ 40 އިންސައްތަ އާއި، ދިޔާކުރެވިފައިވާ ގޭހުގެ 20 އިންސައްތަ އަދި އަސާސީ މުދަލުގެ 22 އިންސައްތަ ދަތުރުކުރެއެވެ.
އެމެރިކާ އާއި އިޒްރާއީލުން އީރާނުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާކަމަށް މީޑިއާތަކުން ނެރެފައިވާ ރިޕޯޓުތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ލެވިޓް ބުނީ އީރާނުގެ ރައްޔިތުންގެ އަތުގައި އެ ބާރު އޮތްކަމަށެވެ.
އީރާނުގެ ވެރިކަމުން ސުލްހަވެރި އަދި ޑިޕްލޮމެޓިކް ހައްލެއް އިޚްތިޔާރުނުކޮށްފިނަމަ، އީރާނުގެ ރައްޔިތުންނަށް މި އަނިޔާވެރި ވެރިކަމުގެ ބާރު ނިގުޅައިނުގަނެވޭނީ ކީއްވެގެންތޯ؟ ރައީސް (ޓްރަމްޕް) އަދިވެސް ހުންނެވީ މަޝްވަރާކުރުމަށް ތައްޔާރަށް.
ވައިޓް ހައުސްގެ ސްޕޯކްސްޕަރސަން ކެރޮލިން ލެވިޓް
އާދީއްތަ ދުވަހުގެ ފަތިހު، އެމެރިކާއިން އިޒްރާއީލަށް ދިން އަސްކަރީ، އިންޓެލިޖެންސް އަދި ލޮޖިސްޓިކް އެހީތެރިކަމުގެ އިތުރުން، ފޯޑޯ، ނަތަންޒް އަދި އިސްފަހާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ވައިގެ ހަމަލާތަކެއް ދީފައިވެއެވެ.
މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން އިޒްރާއީލުން ވަނީ އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކާއި، މިސައިލް ބޭސްތަކާއި، އަސްކަރީ ވެރިންނާއި ނިއުކްލިއަރ ސައިންޓިސްޓުންނަށް ހަމަލާދީފައެވެ. މިއަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތައް ބޭނުންކޮށްގެން އިޒްރާއީލުގެ އަސްކަރީ އަދި އިންޓެލިޖެންސް މަރުކަޒުތަކަށް ހަމަލާދީފައެވެ. ހަމަލާ ބަދަލުކުރުންތަކުގެ ތެރެއިން ދެ ފަރާތުން ވެސް މީހުން މަރުވެ އަދި ޒަޚަމްވެފައިވެއެވެ.