ދުނިޔެ / ޚަބަރު

ޔޫރަޕްގެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ދުބާއީ އާއި ދޯހާގެ ވައިގެ ސަރަހައްދު ބަންދުކޮށްފި

ޔޫރަޕްގެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ދުބާއީ އާއި ދޯހާގެ ވައިގެ ސަރަހައްދު ބަންދުކޮށްފި

ގަތަރު ފްލައިޓެއް---

23 ޖޫން 2025، 11:18

ޔޫރަޕްގެ ގިނަ ފަތުރުވެރިން ރާއްޖެ އައުމަށް ބޭނުންކުރާ ދުބާއީ އާއި ދޯހާގެ ވައިގެ ސަރަހައްދު ބަންދުކޮށްފިއެވެ. 

މި ވައިގެ ސަރަހައްދުތައް ބަންދުކޮށްފައި ވަނީ އިޒްރޭލާއި އީރާނާއި ދެމެދު ބަދަލުކުރަމުންދިޔަ ހަމަލާތަކުގެ ތެރެއަށް އެމެރިކާއިން ވަދެ، އީރާނަށް ހަމަލާދިނުމާ ގުޅިގެންނެވެ. އެމެރިކާއިން ހޮނިހިރު ދުވަހު އީރާނުގެ ނިއުކްލިއަރ ތިން މަރުކަޒަކަށް ހަމަލާދިނުމާ ގުޅިގެން، އީރާނުން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްއަކަށް މިރޭ ހަމަލާތަކެއް އަމާޒުކޮށްފައެވެ. ނަމަވެސް ގަތަރުގެ ސަރުކާރުން ބުނީ، އީރާނުގެ ހުރިހާ ހަމަލާތަކެއް ވެއްޓުމުގެ ކުރިން ގޮއްވާލެވުނުކަމަށެވެ.

މި ހަމަލާތައް އަމާޒުކޮށްފައިވަނީ ގަތަރުގައި ހުންނަ އަލް އުދައިދު އެއަރ ބޭސްއަށެވެ. ގަތަރުގެ އޮފިޝަލަކު ހާމަކޮށްފައިވާ ގޮތުގައި، މިތަނުގައި އެމެރިކާގެ ޓްރޫޕްތަކުގެ އިތުރުން، ގަތަރުގެ ޓްރޫޕްތައް ވެސް ތިބެއެވެ. މި ހަމަލާތަކަށް އީރާނުން ބޭނުންކުރީ ބެލިސްޓިކް މިސައިލްއެވެ.

ބެލެވޭ ގޮތުގައި ގަތަރުގެ ދޯހާއިން ރާއްޖެއަށް ގާތްގަނޑަށް 80 ފްލައިޓު ހަފުތާއަކު އާދެއެވެ. އަދި ދޯހާއިން ހަފްތާއަކު ގާތްގަނޑަކަށް 70 ފްލައިޓު އާދެއެވެ. މި ރޫޓުތަކަކީ ރާއްޖެއަށް އެންމެ ގިނަ ޓުއަރިސްޓުން އަންނަ ރޫޓުތައް ކަމުން، މި ކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ކުރާނެކަމަށް ބެލެވެއެވެ.

ހަމައެކަނި މާދަމާއަށް ބެލިއަސް، ދުބާއީއިން 7 ފްލައިޓު އަދި ދޯހާއިން 2 ފްލައިޓު ވަނީ ޝެޑިއުލްކޮށްފައެވެ. އެއީ ފްލައިޓުގެ ސައިޒަށް ބަލާއިރު ގާތްގަނޑަކަށް 1،500 ފަތުރުވެރިންނެވެ. ނަމަވެސް ވަކިގޮތެއް އެންގުމާ ހަމައަށް ވައިގެ ސަރަހައްދުތައް ބަންދުކޮށްފައިވުމުން، ބެލެވޭ ގޮތުގައި މި ފްލައިޓު ދަތުރުތައް ކެންސަލްވާނެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS