ޚަބަރު
ސޯޝަލް މީޑިއާގައި ބޭއަދަބީ އަމަލުތައް ހުއްޓުވަން މަޖިލީހަށް ހުށަހެޅި މައްސަލަތައް ބަލަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާކުރުން
ދިވެހި މުޖުތަމަޢުގެ އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް، ސޯޝަލް މީޑިއާގައި ބަރަހަނާވެ، ބޭއަދަބީ އަމަލުތައް ހިންގަމުންދާތީ، އެކަން ހުއްޓުވައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޝަކުވާތައް ބަލަން ފަށައިފިއެވެ. މި މައްސަލަ ބެލުމަށްޓަކައި މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީން ވަނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ ބޭފުޅުންނާ ބައްދަލުކޮށްފައެވެ.
މިއަދު ބޭއްވުނު ކޮމިޓީ ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު އަދި މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ވިދާޅުވީ، މަޖިލީހަށް މި ޝަކުވާތައް ލިބިފައިވަނީ، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ބަރަހަނާ މަންޒަރުތައް ފެންނަ ގޮތަށް ހެދުން އަޅައިގެންނާއި، އެހެންވެސް ބޭއަދަބީ އަމަލުތައް ހިންގަމުން ދާތީ މުޖުތަމަޢުގެ އިޖުތިމާޢީ މިންގަނޑު ހަލާކުވެ، އިޖުތިމާޢީ ފޭރާން ވީދޭތީ އާންމުންގެ ބޮޑު ކަންބޮޑުވުމަކާ ގުޅިގެން ކަމަށެވެ.
ކޮމިޓީގެ މަޤްސަދަކީ ކަމާބެހޭ އިދާރާތަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ކުރެވެން ހުރި ކަންކަން ބަލައި، މަޝްވަރާކޮށް، އެކަށީގެންވާ ފިޔަވަޅުތައް އެޅުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައަށް ރިއާޔަތްކުރައްވައި ވާހަކަ ދައްކަވަމުން، އެންސީއައިޓީގެ އިންފްރާސްޓްރަކްޗާ މެނޭޖަރު ހުސެއިން މުހައްމަދު ވިދާޅުވީ، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ރެގިއުލޭޓްކޮށް، މިފަދަ އަމަލުތައް ހިންގުން ހުއްޓުވުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.
ނަމަވެސް، އެކަން ކުރެވޭނީ ކޮމިއުނިކޭޝަން އޮތޯރިޓީގެ ބެލުމުގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ. ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރުމަކީ އެންސީއައިޓީގެ ދައުރަކަށް ނުވާތީ، މި މަޝްވަރާގައި ކޮމިއުނިކޭޝަން އޮތޯރިޓީ ބައިވެރިކުރަން އެދޭ ކަމުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް، ކޮމިއުނިކޭޝަން އޮތޯރިޓީން އަޅާ ފިޔަވަޅުތަކަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް އެންސީއައިޓީން ލިބޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
އެންސީއައިޓީގެ ބޭފުޅުން ވިދާޅުވި ގޮތުގައި، ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާއި، އާންމު އިޖުތިމާޢީ މިންގަނޑުތަކާއި އަދި އިސްލާމީ އުސޫލުތަކާ ހިލާފުވާ ގޮތަށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތައް ބޭނުން ނުކުރެވޭ ގޮތް ހެދޭނީ، އެ ޕްލެޓްފޯމްތަކާ އެކުގައިވެސް މަޝްވަރާކޮށް، އެމް.އޯ.ޔޫ (މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ) ތައް ހެދިގެންނެވެ. ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައިވެސް މިހާރު ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރަމުންދާ ކަމަށް އެބޭފުޅުން ފާހަގަކުރެއްވިއެވެ.
މި މައްސަލަ ހައްލުކުރެވޭނީ ކޮމިއުނިކޭޝަން އޮތޯރިޓީ ފަދަ ރެގިއުލޭޓަރީ ބޮޑީތަކާއި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި، އިންޓަނެޓްގެ ހިދުމަތްދޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން ކަމަށް އެންސީއައިޓީން ބުނެއެވެ.މި މައްސަލައާ ގުޅިގެން ދެން އޮންނަ ބައްދަލުވުމަށް ކޮމިއުނިކޭޝަން އޮތޯރިޓީގެ އިސް ބޭފުޅުން ހާޒިރުކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.