ޚަބަރު
އިޔާދަކުރަނިވި ހަކަތައިގެ ފުރުސަތުތައް ހިއްސާކުރުމަށް ނޯވޭ ސަފީރާއެކު ރައީސް މުޢިއްޒު މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ނޯވޭއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު މައި-އެލިން ސްޓެނަރއާ ފޮޓޯ:ރައީސް އޮފީސް
ރާއްޖޭގައި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިންވެސްޓްކުރެވެންހުރި ފުރުސަތުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނޯވޭއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު މައި-އެލިން ސްޓެނަރއާ މިއަދު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންދެވުނީ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށްފަހުގައެވެ.
ނޯވޭގެ އައު ސަފީރު، މައި-އެލިން ސްޓެނަރ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަނީ އަރުވައިފައެވެ. މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ. އެއަށްފަހު އައު ސަފީރާއެކު ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި މަޝްވަރާތަކުގައި ޚާއްސަ ގޮތެއްގައި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހުރި ފުޅާ ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި، މިދާއިރާގައި ނޯވޭގެ ކުންފުނިތަކުން އިންވެސްޓްކުރުމަށް ފަހި ފުރުސަތުތައް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދިވެހި ޒުވާނުންނަށް ނޯވޭއިން ތަޢުލީމީ ފުރުސަތުތައް ހުޅުވާލުމާއިބެހޭ ގޮތުންވެސް ދެ ބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ނޯވޭގެ ސަފީރުގެ ވާހަކަފުޅުގައި، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމާއި، ރައީސުލްޖުމްހޫރިއްޔާ އިޝާރާތްކުރެއްވި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.ދިވެހިރާއްޖެ އާއި ނޯވޭއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1984 ވަނަ އަހަރުގެ މާޗް މަހުގެ 26ވަނަ ދުވަހުއެވެ.