Ads by Stelco

ޚަބަރު

ބޭހުގެ ދަތިކަމަށް ދާއިމީ ހައްލެއް: ސަރުކާރުން ބޭހުގެ ކަންކަން ހަރުދަނާކުރަން ޚާއްސަ ކުންފުންޏެއް އުފައްދަނީ

ބޭހުގެ ދަތިކަމަށް ދާއިމީ ހައްލެއް: ސަރުކާރުން ބޭހުގެ ކަންކަން ހަރުދަނާކުރަން ޚާއްސަ ކުންފުންޏެއް އުފައްދަނީ

މާލޭގައި ބޭހުގެ ޙިދުމަތް ދެމުންއަންނަ އެސްޓީއޯ ފާމަސީއެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 ޖޫން 2025، 02:50

23 ޖޫން 2025، 02:50

ރާއްޖެއަށް ބޭސް އެތެރެކުރުމާއި ބޭހުގެ ކަންކަން ހަރުދަނާކުރުމަށްޓަކައި ޚާއްސަ ކުންފުންޏެއް އުފެއްދުމަށް ސަރުކާރުން ނިންމަވައިފި ކަމަށް ސިއްޙަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. މި ނިންމެވުމަކީ ބޭހުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ކެބިނެޓުން ނިންމާފައިވާ ނިންމެވުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ، ބޭހާ ގުޅުންހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ޚާއްސަ ކުންފުންޏެއް އުފެއްދުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށާއި، ލަސްތަކެއް ނުވެ އެ ކުންފުނި ވުޖޫދަށް ގެނެވޭނެ ކަމަށެވެ.

ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިންނެވެ. ނަމަވެސް ގިނަ ބޭސްތަކުގެ ކޮންޓްރޯލް އޮންނަނީ އަމިއްލަ ފަރާތްތަކުގެ އަތްމަތީގައި ކަމުން ބައެއް ފަހަރު ބޭސް ލިބުމުގައި ދަތިތައް ދިމާވެއެވެ. މިފަހުން ވެސް ބޭހުގެ މައްސަލަ އިތުރަށް ގޯސްވީ، ބޭސްތަކަށް އާސަންދައިން ކަނޑައަޅާފައި އޮންނަ އަގު ކުޑަކުރުމުގެ ސަބަބުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބައެއް ބޭސްތައް ރާއްޖެއަށް ގެނައުން ހުއްޓާލުމާއި، ލިބެން ހުރި ބޭސްތައް ވެސް އެކި ސަބަބުތައް މެދުވެރިވެގެން އާސަންދައިން ދޫކުރުން ހުއްޓާލުން ހިމެނެއެވެ.

މި ޝަކުވާތަކާ އެކު ބޭސް ނުލިބޭ މައްސަލަ ހައްލުކުރަން އެސްޓީއޯއިން މަސައްކަތް ފަށާފައިވާއިރު، ވަޒީރު ނާޒިމް ވިދާޅުވީ، ބޭސް އެތެރެކުރުމާއި ތަންތަނަށް އެ ފޮނުވުމަށް ވަކި ކުންފުންޏެއް އުފެއްދުމުން، ބޭހާ ގުޅޭގޮތުން އެސްޓީއޯއިން ކުރާ ހުރިހާ މަސައްކަތެއް ދެން ބަދަލުވާނީ އާ ކުންފުންޏަށް ކަމަށެވެ.

ވަރަށް ކައިރި މުސްތަގުބަލެއްގައި އެކަން ތަންފީޒުވެ، ތި ދެންނެވި މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން ދެކެނީ

ވަޒީރު ނާޒިމް


ބައެއް ބޭސްތައް ހޯދަން ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން، އެސްޓީއޯއިން މިދިޔަ މޭ މަހު ވަނީ އިންޑިއާގެ ސަރުކާރުގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ނުވަތަ ޖަނައުޝަދި ސްކީމާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ގޮތް ފަހިވާނެ ކަމަށް އެސްޓީއޯއިން އޭރު ބުނެފައިވެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS