ދުނިޔެ
އެމެރިކާގެ ހަމަލާއަށް އީރާނުން ދޭނެ ޖަވާބަކީ ކޮބާ؟

އެމެރިކާގެ ރައީސް ޓްރަމްޕް އަދި އިޒްރާއިލްގެ ބޮޑުވަޒީރު ނެތަންޔާހޫ
ފޯރޑޯ، ނަތަންޒް އަދި އިސްފަހާންގައި ހުރި އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް އެމެރިކާއިން ދިން ހަމަލާއަށް އީރާނުން ދޭނެ ޖަވާބަކީ ކޮބާތޯ މުޅި ދުނިޔެ އޮތީ ބަލާށެވެ.
އެމެރިކާއިން މި ހަމަލާ ދީފައިވަނީ އިޒްރާއިލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިންނެވެ.
އީރާނުގެ އަސްކަރީ އެސެސްމަންޓްތަކަށް ބަލާއިރު، މިހާރު ހިނގަމުންދާ ހަނގުރާމަ ދެމިގެން ދާނީ ދެ މަހުން ފެށިގެން 6 މަހުގެ މުއްދަތަށް ކަމަށް އަލްޖަޒީރާގެ އީރާނު ކަރެސްޕޮންޑެންޓް ނޫރުއްދީން އަލްދަޣީރު ވަނީ ފާހަގަކޮށްފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.
އިއްޔެ ރޭއްސުރެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑާ ގުޅުން ހުރި އީރާނުގެ ރަސްމީ ވެބްސައިޓްތަކުގައި އިޒްރޭލުގެ ނެގެވް ސަހަރާ އަދި ދިމޯނާ ނިއުކްލިއަރ ފެސިލިޓީގެ ޗާޓުތަކާއި ކުރެހުންތައް ޝާއިޢުކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
އެމެރިކާގެ ހަމަލާއަށްފަހު، އީރާނުގެ އެޓޮމިކް އެނަރޖީ އޯގަނައިޒޭޝަނުން ވަނީ ނިއުކްލިއަރ ފެސިލިޓީތަކަށް ލިބުނު ގެއްލުން ވަޒަންކުރަން ފަށާފައެވެ. އަދި އީރާނުގެ ފަރާތުން ވަނީ އެމެރިކާއަށް ރައްދު ދިނުމަށް އިޒްރޭލުގައި ހުރި އެމެރިކާގެ ތަންތަނަށް ހަމަލާ ދިނުމަށް ރާވަމުންދާ ކަމުގެ މަޢުލޫމާތު ލީކްވެފައެވެ.
އީރާނުގެ ސިފައިންގެ ޑޮކްޓްރިންއަށް ބަލާއިރު، އެމީހުން ބިނާކުރަނީ "ޓާގެޓަށް ޓާގެޓް" އަދި "ހަމަލާއަށް ހަމަލާ" ގެ އުސޫލުންނެވެ. އަދި އިޒްރޭލަށް ކުއްލި އަދި އަންދާޒާ ނުކުރެވޭ ހަމަލާތަކެއް ދިނުމަށް އިސްކަންދޭ ކަމަށް ވެސް ވަނީ ފާހަގަކުރެވިފައެވެ.
އީރާނުގެ ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކއޯޓަރުގެ ސްޕޯކްސްޕަރސަން ވަނީ އެމެރިކާގެ ހަމަލާއިން އެއްވެސް ނަތީޖާއެއް ހާސިލުނުވާނެ ކަމަށާއި، އެމެރިކާއަށް ވަރުގަދަ ހަމަލާތަކަކާއި ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވާނެ ކަމަށް ބުނެފައެވެ. އަދި އެމެރިކާގެ ރައީސަށް އަމާޒުކޮށް "ފެށީ ކަލޭމެން، އެކަމަކު ނިންމާނީ އަހަރެމެން" ކަމަށް ވެސް ބުނެފައިވެއެވެ.
އީރާނަށް އެމެރިކާއިން ދިން ހަމަލާއާއި ގުޅިގެން އީރާނުން މިހާރުވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް ނިންމައިފައެވެ. ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަކީ އެމެރިކާއަށް ތެލާއި ގޭހުގެ ދަތިކަން ފޯރާނެ ކަމެއްކަމަށް ވަރަށް ބޮޑަށް ބެލެވެއެެެވެ.