ޚަބަރު
ވިނަރެސް ފްލެޓެއްގައި ހިނގި އަލިފާނުގެ ހާދިސާ: 4 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

ވިނަރެސް ފްލެޓެއްގައި ހިނގި އަލިފާނުގެ ހާދިސާ/ފޮޓޯ: އެންޑީއެމްއޭ
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓުގެ 9 ވަނަ ޓަވަރުގެ 13 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގުމާއި ގުޅިގެން 4 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވީ، މި އަލިފާނުގެ ހާދިސާގެ ސަބަބުން އެޕާޓްމަންޓްގައި މީހުންނަށް ދިރިނޫޅެވޭ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން، އެ އެޕާޓްމަންޓްގައި ދިރިއުޅޭ 4 މީހަކަށް 5 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީ، ކެއުން ހަމަޖައްސަވާދެއްވާފައިވާކަމަށް އެންޑީއެމްއޭ އިން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، 2 މީހަކަށް ވަނީ އަންނައުނު ވެސް ފޯރުކޮށްދީފައެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެ އެޕާޓްމަންޓުން ދުން އަރާކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 07:41 ގައެވެ. މަޢުލޫމާތު ލިބުމާއެކު ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެ ގިނަ އިރުތަކެއް ނުވަނީސް އަލިފާން ނިއްވާލާފައެވެ. އަދި އަލިފާން ރޯވެފައިވަނީ އެޕާޓްމަންޓްގައި އޮތް ގޮދަޑިއެއްގައިކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަން އެމްއެންޑީއެފުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.