ޚަބަރު
ކޮޗިން އެއާޕޯޓުން ބޭސްތަކަކާ އެކު ދެ ދިވެހިން ހައްޔަރުކޮށްފި

ދެދިވެހިން އަތުން ފެނުނު ބޭސްތައް ފޮޓޯ: އިންޑިއާ ކަސްޓަމްސް
އިންޑިއާގެ ކޮޗިން އިންޓަރނޭޝަނަލް އެއާޕޯޓުން، ގިނަ އަދަދެއްގެ ބޭސްތަކަކާއެކު ދެ ދިވެހިން ހިފަހައްޓައިފިއެވެ. މި ދެ މީހުން ހިފަހައްޓާފައި ވަނީ ހުއްދަ ނެތި މި ބޭސްތައް ބޭރުކުރަން އުޅެނިކޮށެވެ.
އިންޑިއާގެ ނޫސްތަކުން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުން، އެ ގައުމުގެ ކަސްޓަމްސްގެ އެއާ އިންޓެލިޖެންސް ޔުނިޓުން މި ދެ މީހުން ހިފަހައްޓާފައި ވަނީ އިއްޔެއެވެ. ނިއު އިންޑިއަން އެކްސްޕްރެސް ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ބޭސްތަކަކާއެކު ހިފަހައްޓާފައި ވަނީ މުބާހު ސައީދު އަދި އަބްދުﷲ ނަސީމްއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެ ދެ މީހުންގެ އަތުން 300،000 ރުޕީސް އާއި 500،000 ރުޕީސްއާ ދެމެދުގެ އަގު ހުރި ބޭސް ފެނިފައި ވެއެވެ. މި އަދަދު ދިވެހި ރުފިޔާއިން ގާތްގަނޑަކަށް 88،000 ރުފިޔާއާ އެއްވަރެވެ. ގަވާއިދުން އެހާ ގިނަ އަދަދަކަށް ބޭސް ގައުމުން ބޭރު ކުރެވޭނީ އެކަމަށް ބޭނުންވާ ލައިސަންސްއަކާ އެކުގައެވެ.
ބޭސްތައް ބޭރުކުރަން އުޅުނީ ކީއްވެ ކަމެއް އަދި ސާފު ނުވާ ކަމަށް އިންޑިއާގެ ކަމާ ބެހޭ އިދާރާތަކާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. ކަސްޓަމްސް އޮފިޝަލުން ވަނީ އެ ބޭސްތައް އަތުލައި، އެ ދެ ދިވެހިން އަންނަން އުޅުނު ފްލައިޓުން ފުރުވާލާފައެވެ.
މި ބޭސްތައް ތަހުލީލުކޮށް، އޭގައި މަސްތުވާ ޒާތުގެ ބޭހެއް ހުރިތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކަސްޓަމްސްއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން، މިއީ މިގޮތަށް ވަގަށް ބޭސް ބޭރުކުރުމުގައި ހަރަކާތްތެރިވާ ނެޓްވޯކެއްގެ ތެރެއިން ހިނގި ކަމެއްތޯ ވެސް ބަލަމުން އަންނަ ކަމަށް އެ ރިޕޯޓުތަކުގައި ވެއެވެ.
ރާއްޖެއިން ބައެއް ބޭސްތައް ލިބުން ދަތިކަމުގެ ޝަކުވާ ގިނަ ނަމަވެސް، މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ވަނީ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން، އެސްޓީއޯ މެދުވެރިކޮށް ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ އަސާސީ ބޭސް ރާއްޖެއަށް މިހާރު ވަނީ ގެންނަން ފަށާފައެވެ.