ދުނިޔެ
ޚާން ޔޫނިސްގައި ފަލަސްޠީނުގެ ރައްޔިތުން ފޭލިގެ ޖަހައި ވަގުތީ ހިޔާވަހިކަން ހޯދަމުންދިޔަ ތަނަކަށް އިޒްރާއިލް ސިފައިން ހަމަލާދީފި

ޝަހީދެއްގެ ލޭ ހޭކިފައިވާ އެއްޗެހިތަަކެއް ހިފައިގެން މީހަކު ހަރަކަތްތެރިވަނީ
ފަލަސްޠީނުގެެ ޚާން ޔޫނިސްގައި ޙާލުގައި ޖެހިފައިތިބި ފަލަސްޠީނުގެ ރައްޔިތުން ފޭލިގެ ޖަހައި ވަގުތީ ހިޔަވަހިކަން ހޯދަމުންދިޔަ ތަނަކަށް އިޒްރާއިލް ސިފައިން ހަމަލާދީފިއެވެ.
ނާސިރު މެޑިކަލް ކޮމްޕްލެކްސްގެ ކަމާބެހޭ ފަރާތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިއަދު ހެނދުނު ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ސިޓީގެ ހުޅަނގު ސަރަހައްދުގައި ހުރި ހިޔާވަހިކަން ގެއްލިފައިވާ މީހުންގެ ޓެންޓުތަކަށް އިޒްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ގިނަ އަދަދެއްގެ މީހުން ޝަހީދުވެ، އިތުރު ބަޔަކަށް އަނިޔާވެފައިވެއެވެ.
ޣައްޒާގެ ހޮސްޕިޓަލްތަކުން ކުރިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، އިއްޔެ ފަތިހުން ފެށިގެން އިޒްރާއީލު އޮކިއުޕޭޝަން ފޯސްގެ ހަމަލާތަކުގައި 50 ފަލަސްޠީނު މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި އިންސާނީ އެހީ ލިބިގަތުމަށް މަޑުކޮށްގެން ތިބި 18 މީހުން ހިމެނެއެވެ.
އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އިޒްރާއީލު ހަނގުރާމަވެރިން ގިނަ އަދަދެއްގެ ގެތަކަށާއި ހިޔާވަހިކަން ގެއްލިފައިވާ މީހުންގެ ޓެންޓުތަކަށް ހަމަލާދީފައިވެއެވެ. މީގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ޝަހީދުވެ، އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ.
ޣައްޒާ ސިޓީގެ އުތުރު ހުޅަނގުގައި އޮންނަ އަލް-ކަރާމާ ސަރަހައްދުގައި ހުރި ގެއަކަށް އިޒްރާއީލުން ދިން ހަމަލާއެއްގައި ދެ މީހަކު ޝަހީދުވެ، 15 އެހެން މީހުންނަށް އަނިޔާވެފައިވާކަން ޝިފާ ހޮސްޕިޓަލްގެ މެޑިކަލް ސޯސަސްއިން ކަށަވަރުކޮށްދީފައިވެއެވެ.
ޣައްޒާގެ މީޑިއާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މޭ 27 ގައި އިޒްރާއީލުން އެހީ ބެހުމުގެ މަރުކަޒުތައް ހުޅުވުމަށްފަހު، މިހާތަނަށް 154 ފަލަސްޠީނުން ޝަހީދުވެ، 3,500 މީހުންނަށް އަނިޔާވެ، 39 މީހުން ގެއްލިފައިވެއެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިގެން، އިޒްރާއީލުން އެމެރިކާގެ އެހީތެރިކަމާއެކު ޣައްޒާގައި ހިންގަމުންދާ ޖަމާޢީ މަރުގެ ޢަމަލުތަކުގައި 187,000 އަށްވުރެ ގިނަ ފަލަސްޠީނުން ޝަހީދުވެ އަނިޔާވެފައިވެއެވެ. މީގެ ތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. މީގެ އިތުރުން 11,000 އަށްވުރެ ގިނަ މީހުން ގެއްލިފައިވާއިރު، ލައްކަތަކެއް މީހުން ހިޔާވަހިކަން ގެއްލި، ބަނޑުހައިހޫނުކަމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން، ޚާއްޞަކޮށް ކުޑަކުދިން މަރުވެފައިވެއެވެ.