Ads by Stelco

ޚަބަރު

މާލޭގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ދުވާލަކު 1000 ޓަނު ފެން އުފައްދާ އާރުއޯ ޕްލާންޓެއް ބަހައްޓައިފި

މާލޭގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ދުވާލަކު 1000 ޓަނު ފެން އުފައްދާ އާރުއޯ ޕްލާންޓެއް ބަހައްޓައިފި

ދުވާލަކު 1000 ޓަނު ފެން އުފައްދާ އާރުއޯ ޕްލާންޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 ޖޫން 2025، 11:32

23 ޖޫން 2025، 11:32

މާލޭގެ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމުގެ ގޮތުން، އެމްޑަބްލިއުއެސްސީން ދުވާލަކު 1،000 ޓަނުގެ ފެން އުފެއްދޭވަރުގެ އާ އާރުއޯ (ރިވަރސް އޮސްމޯސިސް) ޕްލާންޓެއް މާލޭގައި ބަހައްޓާ އިންސްޓޯލްކޮށްފިއެވެ. މިކަމާގުޅިގެން މާލޭގައި ދުވާލެއްގެ މައްޗަށް ފެން އުފެއްދޭ މިންވަރު 28،000 ޓަނަށް ވަނީ އިތުރުވެފައެވެ.

އެމްޑަބްލިއުއެސްސީން ވިދާޅުވި ގޮތުގައި، ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަކީ އެ ކުންފުނީގެ އެންމެ މުހިންމު އެއް އަމާޒެވެ. މި އަމާޒަށް ވާސިލުވުމުގެ ގޮތުން، ގްރޭޓަރ މާލެ ސަރަހައްދުގައި ހުންނަ ފެން އުފައްދާ މައި މަރުކަޒުގެ އިތުރުން މާލޭގެ އެހެން ދެ ސަރަހައްދެއްގައި ފެން އުފައްދާ ދެ މަރުކަޒު ގާއިމްކޮށް، ފެން އުފެއްދުން ވަނީ ލާމަރުކަޒުކުރެވިފައެވެ.

އެގޮތުން، މިހާރު އިންސްޓޯލްކުރެވުނު އާ އާރުއޯ ޕްލާންޓް ބަހައްޓާފައިވަނީ އެމްޑަބްލިއުއެސްސީގެ އޮޕަރޭޝަން ސެންޓަރުގައެވެ. މިކަން އެމްޑަބްލިއުއެސްސީން ހާމަކުރެއްވީ އެ ކުންފުނީގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
މާލެ ސަރަހައްދުގެ ފެން ރައްކާކުރުމާއި އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުންވެސް ވަނީ ގިނަ މަސައްކަތްތަކެއް ފަށްޓަވާފައެވެ.

 މި މަސައްކަތްތަކުގެ ތެރޭގައި ސިނަމާލެ ބުރިޖު މެދުވެރިކޮށް މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތް މި އަހަރުގެ މެދުތެރޭ ނިންމުމަށް ހަމަޖެހިފައިވީ ނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތެއްގައި އެއް ރަށުން އަނެއް ރަށަށް ފެން ފޯރުކޮށްދިނުމަށް މިހާރުވެސް އެ ވިއުގަ ބޭނުންކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.

މާލެއާއި ހުޅުމާލޭގައި ފެން ރައްކާކުރާ އިތުރު ތާނގީތައް ހެދުމާއި އިތުރު ފެން ޕްލާންޓްތައް ބެހެއްޓުމުގެ މަސައްކަތްވެސް އެމްޑަބްލިއުއެސްސީން ދަނީ ކުރަމުންނެވެ. އެމްޑަބްލިއުއެސްސީން ލަފާކުރާ ގޮތުގައި، މި އަހަރު ނިމޭއިރު ފެން އުފެއްދުމުގެ ކެޕޭސިޓީ 26 އިންސައްތައަށް އަދި ފެން ރައްކާކުރެވޭ މިންވަރު 28 އިންސައްތައަށް އިތުރުކުރެވޭނެއެވެ. މިކަންކަމުގެ ސަބަބުން މާލެ ސަރަހައްދުގެ ރައްޔިތުންނަށް ފެނުގެ ޚިދުމަތް ލިބުމުގައި އިތުރު ހިމާޔަތަކާއި ކަށަވަރުކަމެއް ލިބިގެންދާނެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS