ކުޅިވަރު
އަލްޖީރިއާގެ ފުޓުބޯޅަ ލީގު ކާމިޔާބުކުރުމުން ހިނގި ހާދިސާއެއްގައި މަތިން ވެއްޓި ތިން މީހަކު މަރުވެއްޖެ

އަލްޖީރިއާގެ "5 ޖުލައި ސްޓޭޑިއަމް"--
އުފާފާޅުކުރުންތަކުގެ ތެރެއިން އަލްޖީރިއާގެ ފުޓުބޯޅަ ދަނޑެއްގައި ހިނގި ހާދިސާއެއްގައި މަތިން ވެއްޓި ތިން މީހަކު މަރުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެރޭގައި ހިނގި މި ހާދިސާއަކީ އަލްޖީރިއާ ލީގުގެ ފަހު މެޗު ނިންމާލުމަށް ރެފްރީ ފުމެލި ކަށިގަނޑާއެކު ފެށިގެން ދިޔަ އުފާފާޅުކުރުންތަކާ ގުޅިގެން ހިނގި ހިތާމަވެރި ހާދިސާއެކެވެ.
މި މީހުން މަރުވީ، ފިތިބާރުވެފައި އޮތް "5 ޖުލައި ސްޓޭޑިއަމް"ގެ މަތީ ގޮނޑިބަރިއެއްގައި ތިބި ބެލުންތެރިން އެއްފަހަރާ ދަނޑަށް ދިއުމަށް މަސައްކަތްކުރި ވަގުތު އެންމެ ތިރިއަށް ވެއްޓިގެންކަމަށް އަލްޖީރިއާގެ ހެލްތު މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.
ވިދިވިދިގެން ދެ އަހަރު އަލްޖީރިއާގެ ފުޓުބޯޅަ ލީގު ކާމިޔާބުކުރި އެމްސީ އަލްޖާގެ އިތުރު ގިނަ ސަޕޯޓަރުންތަކަކަށް ވެސް މި ހާދިސާގައި އަނިޔާލިބިފައިވެއެވެ. އެގޮތުން 70 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލްތަކަށް ގެންދެވުނުކަމަށް ވެއެވެ.
ހޮނިހިރު ދުވަހުގެ ހާދިސާއާ ގުޅިގެން އަލްޖީރިއާގެ ރައީސް ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާއަށްފަހު އެމްސީ އަލްޖާގެ ކުޅުންތެރިންނާއި މުވައްޒަފުން ވަނީ، އަނިޔާވި މީހުންނަށް ލޭ ހަދިޔާ ކުރުމަށް ހޮސްޕިޓަލަށް ގޮސްފައެވެ.
އަލްޖީރިއަން ލީގު 1ގެ ފަހު މެޗަށް އެމްސީ އަލްޖާ ނިކުތްއިރު ލީގު ކާމިޔާބުކުރުމަށް އެ ޓީމަށް ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ. އަދި އެ މެޗުގައި ރެލިގޭޓުވެފައި އޮތް ނަޖެމް މަގްރާއާ ބައްދަލުކުރިއިރު 0-0އިން އެއްވަރުވުމުން 58 ޕޮއިންޓާއެކު އަލްޖާއަށް ލީގު ކާމިޔާބުކުރެވުނެވެ.