Ads by Stelco

ޚަބަރު

ޙައްޖާއި ޢުމްރާގެ މައުލޫމާތު ފަސޭހަކޮށްދޭ 'ޙާޖީ އެމްވީ' އެޕް އިސްލާމީ ވުޒާރާއިން ތައާރަފުކޮށްފި

ޙައްޖާއި ޢުމްރާގެ މައުލޫމާތު ފަސޭހަކޮށްދޭ 'ޙާޖީ އެމްވީ' އެޕް އިސްލާމީ ވުޒާރާއިން ތައާރަފުކޮށްފި

ޙައްޖާއި ޢުމްރާގެ މައުލޫމާތު ފަސޭހަކޮށްދޭ 'ޙާޖީ އެމްވީ' އެޕް ތައާރަފުކުރުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ޖޫން 2025، 05:12

22 ޖޫން 2025، 05:12

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފަސޭހައިން ލިބިގަތުމަށް ޚާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފިއެވެ. "ޙާޖީ އެމްވީ"ގެ ނަމުގައި ތައާރަފުކުރި މި އެޕް ލޯންޗުކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މޫސާ އަންވަރު ޙަސަންއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީޑިއާތަކާ ޙިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފަސޭހައިން ހޯދުމަށް މަގުފަހިކޮށްދިނުމުގެ މަޤްސަދުގައި މި އެޕް އެކުލަވާލާފައިވާ ކަމަށެވެ.

މި އެޕްލިކޭޝަންގައި ޙައްޖުވެރިންނަށް އެންމެ ބޭނުންތެރި މައުލޫމާތުތައް ހިމެނެއެވެ. އެގޮތުން ޒިކުރުކުރުމާއި ޠަވާފާއި ސަޢުޔުގެ އަދަދު ކަށަވަރު ކުރާނެގޮތް، ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުޢާތައް، ޙައްޖާއި ޢުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯ، އަދި މައްކާއާއި މަދީނާގެ އިސްލާމީ ތާރީޚާ ބެހޭ ވީޑިއޯ ވެސް ބެލެން ހުންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޑރ. ޝަހީމް އިތުރަށް ވިދާޅުވީ "ޙާޖީ އެމްވީ"ގައި ހިމެނޭ ހުރިހާ މައުލޫމާތަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާސްކޮށްފައިވާ ސައްހަ މައުލޫމާތު ކަމަށެވެ. މިއީ އެޕްގެ ފުރަތަމަ ވާރޝަންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި މި އެޕް އިތުރަށް ތަރައްޤީކުރެވި، ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އެ ވުޒާރާގެ އަމާޒަކީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި އެޕްގެ ސަބަބުން ދުޢާފޮތްތަކާއި ޙައްޖާއި ޢުމްރާއާއި ބެހޭ ފޮތްތަކާ ނުލައި، ފޯނުން ވަގުތުން އެދާއިރާއާ ގުޅޭ މައުލޫމާތު ޙާޞިލްކުރެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS