ސައިންސް / ދުނިޔެ
އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ހަމަލާދިނުން ދުނިޔެއަށް ނުރައްކަލެއް އެބައޮތްތަ؟

އީރާންގެ ނިއުކްލިއަރ މަރުކަޒެއް
އިޒްރޭލާއި އީރާން ދެމެދު ކުރިއަށްދާ ހަމަނުޖެހުންތަކާ ގުޅިގެން، އެމެރިކާއިން އީރާނުގެ ތިން ނިއުކްލިޔަރ މަރުކަޒަކަށް ބޮން އަޅައި ހަމަލާދީފި އެވެ. އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި، މި ހަމަލާތައް ދީފައިވަނީ ޤޮމްގައި ހުންނަ ފޯޑޯ، ނަތަންޒް، އަދި އިސްފަހާންގައި ހުންނަ ނިއުކްލިޔަރ މަރުކަޒުތަކަށެވެ. އެމެރިކާއިން ދަޢުވާ ކުރަނީ ފޯޑޯ ސައިޓް އެއްކޮށް ނައްތާލެވިފައިވާ ކަމަށެވެ. ނަމަވެސް އެ ސައިޓަށް ލިބުނު ގެއްލުމުގެ ފުރިހަމަ މައުލޫމާތު އަދި ކަށަވަރުކުރެވިފައިނުވެ އެވެ.
ފޯޑޯއަކީ ހިކިފަސް ސަރަހައްދެއްގައި ހުންނަ މުހިންމު ޔުރޭނިއަމް މުއްސަދިކުރާ ތަނެކެވެ. އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (IAEA) އިން މި ހަމަލާތަކަކީ "ނުހަނު ކަންބޮޑުވުން" އުފެދޭ ކަމެއް ކަމަށް ސިފަކޮށްފައިވެ އެވެ. އެ އެޖެންސީން ވަނީ މިފަދަ ހަމަލާތަކުގެ ސަބަބުން ރޭޑިއޯއެކްޓިވް މާއްދާތައް ފޭދި، މީހުންނަށާއި ތިމާވެއްޓަށް ގެއްލުންވުމުގެ ނުރައްކާ އިތުރުވެދާނެ ކަމަށް އިންޒާރު ދީފަ އެވެ.
އައި.އޭ.އީ.އޭ އިން ބުނީ މިހާތަނަށް ހަމަލާދިން ސައިޓްތަކުން އާދައިގެ ޚިލާފު ރޭޑިއޭޝަނެއް ފާހަގަ ކުރެވިފައިނުވާ ކަމަށެވެ. ނަމަވެސް، އިތުރު މައުލޫމާތު ލިބޭނެނަމަ އިތުރު ބެލުންތައް ހިންގާނެ ކަމަށް ވަނީ ބުނެފަ އެވެ.
ޔުރޭނިއަމަކީ ނުރައްކާތެރި މާއްދާއެއްތަ؟
ނިއުކްލިޔަރ މަރުކަޒުތަކުގައި މުއްސަދިކުރެވިފައިވާ ޔުރޭނިއަމް ރައްކާކުރެ އެވެ. މި ޔުރޭނިއަމް ބޭނުންކުރެވެނީ ހަކަތަ އުފެއްދުމަށާއި، ވަރަށް ގިނައިން ހުރި ނަމަ ހަތިޔާރު އުފެއްދުމަށެވެ. ސަރީ ޔުނިވަރސިޓީގެ ޕްރޮފެސަރު ޕެޑީ ރީގަން ވިދާޅުވި ގޮތުގައި، ޔުރޭނިއަމް ބޭނުންކުރެވޭ ފަދަ މާއްދާއަކަށް ހެދުމަށްޓަކައި އެންރިޗް (މުއްސަދި) ކުރަންޖެހެ އެވެ. ކަރަންޓު ޕްލާންޓުތަކުގައި %3-5 އެންރިޗްކުރެވިފައިވާ ޔުރޭނިއަމް ބޭނުންކުރާއިރު، ހަތިޔާރު އުފެއްދުމަށް %90 އާ ހަމައަށް ޔުރޭނިއަމް އެންރިޗްކުރަންޖެހެ އެވެ. އައި.އޭ.އީ.އޭ އިން ބުނާ ގޮތުގައި އީރާނުން ޔުރޭނިއަމް އެންރިޗްކޮށްފައިވަނީ %60 އާ ހަމައަށް ކަމުން، މިއީ ހަތިޔާރު އުފެއްދުމަށް ބޭނުންވާ މިންވަރާ ވަރަށް ގާތް މިންވަރެކެވެ.
މި ހަމަލާތަކުގެ ސަބަބުން ނިއުކްލިޔަރ ކާރިސާއެއް ކުރިމަތިވާނެތަ؟
މާހިރުން ބުނާ ގޮތުގައި ޗެރްނޯބިލް ފަދަ ނިއުކްލިޔަރ ގޮވުމެއް ނުވަތަ ބޮޑު ކާރިސާއެއް ކުރިމަތިވުމުގެ ފުރުޞަތު ކުޑަ އެވެ. ޕޯޓްސްމަތު ޔުނިވަރސިޓީގެ ޕްރޮފެސަރު ޖިމް ސްމިތު ވިދާޅުވީ މުއްސަދިކުރެވިފައިވާ ޔުރޭނިއަމް އެކަނި މާ ބޮޑަށް ރޭޑިއޯއެކްޓިވް ނުވާނެ ކަމަށެވެ. އެބޭފުޅާ އިތުރަށް ވިދާޅުވީ، ހަޤީޤީ ނުރައްކާ އަންނަނީ ނިއުކްލިޔަރ ރިއެކްޝަންތަކުގައި ބޭރުވާ "ފިޝަން ޕްރޮޑަކްޓްސް" ނުވަތަ ގެއްލުންހުރި މާއްދާތަކުން ކަމަށާއި، މިފަދަ މާއްދާތައް ހުންނަނީ ނިއުކްލިޔަރ ރިއެކްޝަންތައް ހިނގަމުންދާނަމަ ކަމަށެވެ.
އީރާނުގެ ނިއުކްލިޔަރ ސައިޓްތައް ހަމަލާތައް ދިން ވަގުތު އެކްޓިވް ރިއެކްޓަރެއްގެ ގޮތުގައި ނެތް ކަމުން، ބޮޑު ނިއުކްލިޔަރ ހާދިސާއެއްގެ ނުރައްކާ ކުޑަ އެވެ. ނަމަވެސް، ގޮވުމެއްގެ ސަބަބުން ޔުރޭނިއަމްގެ ފުށްތައް އެ ސަރަހައްދުގެ އެކި ހިސާބުތަކަށް ފެތުރިދާނެ އެވެ.
ނަތަންޒްއަށް ދިން ހަމަލާ އަށްފަހު، އައި.އޭ.އީ.އޭ އިން އެ ސައިޓުން ރޭޑިއޯއެކްޓިވް މާއްދާތަކުގެ އަސަރު ފެނުނު ނަމަވެސް، ބޭރުގައި ހުރި ރޭޑިއޭޝަންގެ މިންވަރު އާދައިގެ މިންވަރެއްގައި ހުއްޓެވެ. ބްރިސްޓަލް ޔުނިވަރސިޓީގެ ޕްރޮފެސަރު ކްލެއާ ކޯކިލް ވިދާޅުވީ ޔުރޭނިއަމްގެ ރޭޑިއޭޝަން ދުރަށް ނުފެތުރޭނެ ކަމަށެވެ. އެހެންނަމަވެސް، ހަމަލާދިން ސަރަހައްދުތަކާ ކައިރީގައި ދިރިއުޅޭ މީހުންނަށް ސިއްހީ ނުރައްކާތައް ކުރިމަތިވެދާނެ އެވެ.
ކުރުގޮތަކަށް ދަންނަވާނަމަ، ދުނިޔެއަށް ނިއުކްލިޔަރ ކާރިސާއެއް ކުރިމަތިވުމުގެ ފުރުޞަތު ކުޑަ ނަމަވެސް، މި ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ސަލާމަތާއި، މުސްތަގުބަލުގައި ކުރިމަތިވެދާނެ ނުރައްކާތަކާއި، ރޭޑިއޯއެކްޓިވް މާއްދާތައް ފެތުރުމާ ބެހޭ ގޮތުން ސީރިއަސް ކަންބޮޑުވުންތައް އުފެދިފައިވެ އެވެ.