ދުނިޔެ
އެމެރިކާއިން އީރާނަށް ދިން ހަމަލާގެ ރައްދު: އީރާނުން ގިނަ ޢަދަދެއްގެ މިސައިލްތައް އިޒްރާއިލަށް ފޮނުވާލައިފި

އީރާންގެ ހަމަލާތަކުގައި އަނިޔާވި އިޒްރާއިލް މީހެއް
އެމެރިކާއިން އީރާނުގެ މުހިންމު ނިއުކްލިއަރ މަރުކަޒުތަކަށް ހަމަލާދިނުމާ ގުޅިގެން، އީރާނުން އިޒްރައިލަށް ގިނަ އަދަދެއްގެ މިސައިލް ހަމަލާތަކެއް ދީފިއެވެ.
މި ހަމަލާތަކުގައި މަދުވެގެން 20 މީހުން ޒަހަމްވެފައިވާ ކަމަށް އިޒްރާއިލްގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އާދީއްތަ ދުވަހު އިޒްރާއިލްގެ ވެރިރަށް ޖާރުއްސަލަމް އަދި ޔައްފާ (ތެލްއަވީވް) ގައި ބޮޑެތި ގޮުވުންތަކެއްގެ އަޑު އިވިފައިވެއެވެ. އިޒްރާއިލްގެ މިލިޓަރީން ބުނި ގޮތުގައި އީރާނުގެ މިސައިލްތައް އަމާޒުވަމުން އައުމާ ގުޅިގެން، އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމު އެކްޓިވޭޓް ކުރެވުނުކަމަށެވެ.
އިޒްރާއިލްގެ އުތުރުގައި އޮންނަ ހައިފާ ސަރަހައްދުގައި ހަތިޔާރުގެ ބައިތަކެއް ވެއްޓިފައިވާ ކަމަށް އިޒްރާއިލްފުލުހުން ބުނެފައިވެއެވެ. އަދި އެ ސަރަހައްދުގެ ލޯކަލް އޮތޯރިޓީތަކުން ބުނި ގޮތުގައި އެމަރޖެންސީ ޚިދުމަތްތައް "ހާދިސާ ހިނގި ސަރަހައްދަށް" ދަނީ ފޮނުވަމުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އެމެރިކާގެ ހަމަލާތަކުން އިރާނުގެ އިސްފަހާން، ފޯޑޯ އަދި ނަޓަންޒްގައި ހުރި ނިއުކްލިއަރ މަރުކަޒުތައް "ފުނޑުފުނޑުކޮށްލެވުނު" ކަމަށެވެ. މިކަމާ ގުޅިގެން އިރާނުން ވަނީ "ދެމިގެންދާނެ ބަދަލުތަކެއް" ކުރިމަތިވާނެ ކަމަށް އިންޒާރުދީފައެވެ.
ނަމަވެސް، އިރާނުގެ ނެޝަނަލް ނިއުކްލިއަރ ސޭފްޓީ ސިސްޓަމް ސެންޓަރާއި އދ. ގެ އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައިއޭއީއޭ) އިން ބުނެފައިވަނީ އެމެރިކާގެ ހަމަލާތަކާ ގުޅިގެން ރޭޑިއޭޝަންގެ މިންވަރު އިތުރުވެފައި ނުވާ ކަމަށެވެ.