Ads by Stelco

ޚަބަރު

އެއްގަމު އުޅަނދުގެ ގެއްލުންތަކަށް ބަދަލު ލިބޭނެ ގޮތަށް އައު އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފުކުރަނީ: ވަޒީރު އަމީން

އެއްގަމު އުޅަނދުގެ ގެއްލުންތަކަށް ބަދަލު ލިބޭނެ ގޮތަށް އައު އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފުކުރަނީ: ވަޒީރު އަމީން

އެއްގަމު އުޅަނދުގެ ގެއްލުންތަކަށް ބަދަލު ލިބޭނެ ގޮތަށް އައު އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފުކުރަނީ ފޮޓޯ: މޯލްޑިވްސް ޖަރނަލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ޖޫން 2025، 01:11

22 ޖޫން 2025، 01:11

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެފައިވަނީ، އެއްގަމު އުޅަނދުތަކަށް ލިބޭ ގެއްލުންތަކަށް ބަދަލު ލިބޭނެ ގޮތަށް އިތުރު އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އައު ޕެކޭޖަކީ ކުރިއަށް އޮތް ދެ މަސް ދުވަސް ތެރޭގައި ތަޢާރަފްކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ދަތުރުފަތުރުގެ ދާއިރާއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރުން "މާލެ ފަހި ޕްރޮގްރާމް" ގެ ދަށުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި މާލެތެރެ ތޮއްޖެހުމުގެ މައްސަލައަށް ހައްލު ގެނައުމާއި، އުޅަނދު ފަހަރު އިންޝުއަރެންސް ކުރުމުގެ އުސޫލަށް ބަދަލުގެނައުމާއި، ތަރޑް ޕާޓީ އިންޝުއަރެންސް ކުރުމާއި، އިންޝުއަރެންސުން ބަދަލު ލިބިދޭ އުޞޫލުތައް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

"އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ތާޑް ޕާޓީ އިންޝުއަރެންސަކީ ސީދާ ވެހިކަލެއް ވަގަށް ނެގުމުން ބަދަލު ދިނުމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، އެއީ އެއް އުޅަނދަކުން އަނެއް އުޅަނދަކަށް ނުވަތަ ތަންތަނާއި މުދަލަށް ލިބޭ ގެއްލުމަށް ބަދަލު ދެވޭ ގޮތަށް ކޮށްފައި ހުންނަ އިންޝުއަރެންސެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިހާރު އޮތް ޤާނޫނުގެ ދަށުންވެސް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި، ހުރިހާ އިންޝުއަރެންސް ކުންފުނިތަކާ އެކީގައި ކޮމްޕްރެހެންސިވް އިތުރު އިންޝުއަރެންސް ޕެކޭޖެއް ކުރިއަށް އޮތް 45 ދުވަސް ނުވަތަ 2 މަހެއްހާ ދުވަހުގެ ތެރޭގައި ތަޢާރަފްކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މުޅި ޓްރެފިކް މައްސަލައަށް ހައްލު ގެނައުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކުގެ ޑްރާފްޓް އެކުލަވާލައި، މަޖިލީހަށް ހުށައެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަޒީރު އަމީން ވިދާޅުވިއެވެ. އެ ޤާނޫނު ފާސްވެގެން އައުމުން ދިމާވެފައިވާ މައްސަލަތަކަށް ހައްލު އަންނާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އިންޖީނުލީ އެއްގަމު އުޅަނދު ތަރޑް ޕާޓީ އިންޝުއަރެންސް ކުރުމުގެ ގަވާއިދުގައިވާ ގޮތުން، ތަރޑް ޕާޓީ އިންޝުއަރެންސްގެ ޚިދުމަތް ލިބިގަންނަންވާނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ، އިންޝުއަރެންސްގެ ޚިދުމަތް ދިނުމުގެ ހުއްދަ އޮތް، އިންޝުއަރެންސް ކުންފުންޏަކުންނެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިހާރު ދަނީ އެއްގަމު އުޅަނދުގެ ތަރޑް ޕާޓީ އިންޝުއަރެންސަކީ ރަމްޒީ އެއްޗެއްގެ ގޮތުގައި އޮތް އޮތުމަށް ނިމުމަކަށް ގެނެސް، ލިބޭ ގެއްލުންތަކަށް ފުރިހަމަ ބަދަލުލިބޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން، އުޅަނދުތަކަށް ދިމާވާ ހާދިސާތަކުގައި ލިބޭ ގެއްލުންތަކަށް އެކަށީގެންވާ ބަދަލެއް ލިބިދޭނެ ނިޒާމެއް ޤާއިމުކުރުމަކީ މި މަސައްކަތުގެ މައިގަނޑު އެއް މަޤްސަދެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS