ޚަބަރު
ޤައުމީ އިމްތިޙާނުތަކުން ފާހަގަކޮށްލެވޭ ނަތީޖާ ހޯދި 359 ދަރިވަރަކަށް މިއަދުވެސް މަތީ އަރުތަވެރިންގެ އިނާމު ދީފި

މަތީއަރުތަވެރިންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ރޭގެ ދަންފަޅީގެ ތެރެއިން
2023 އާއި 2024 ވަނަ އަހަރުގެ ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ދޭ "މަތީ އަރުތަވެރިންގެ އިނާމު" މިއަދު ވަނީ 359 ދަރިވަރަކަށް ދީފައެވެ. ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މިރަސްމިއްޔާތުގެ ހަތަރުވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފެވެ.
މަތީ އަރުތަވެރިންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ޖުމްލަ 5 ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްދާއިރު، މިއަދު އޮތް ފުރަތަމަ ދަންފަޅީގައި އިނާމު ޙަވާލުކުރެވުނު 359 ދަރިވަރުންނަކީ، 2023 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގެ ނަތީޖާއިން ޤައުމީ ގަދަ 10ގެ ވަނަތަކުގައި ހިމެނިފައިވާ ދަރިވަރުންނެވެ. މި ދަރިވަރުންގެ ތެރޭގައި 7 ވަނަ ޙާސިލުކުރި 81 ދަރިވަރުންނާއި، 6 ވަނަ ޙާސިލުކުރި 67 ދަރިވަރުންނާއި، 5 ވަނަ ޙާސިލުކުރި 61 ދަރިވަރުންނާއި، 4 ވަނަ ޙާސިލުކުރި 51 ދަރިވަރުންނާއި، 3 ވަނަ ޙާސިލުކުރި 41 ދަރިވަރުންނާއި، 2 ވަނަ ޙާސިލުކުރި 39 ދަރިވަރުންނާއި، އަދި 1 ވަނަ ޙާސިލުކުރި 19 ދަރިވަރުން ހިމެނެއެވެ.
2023-2024 ވަނަ އަހަރު ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، 1800 އަށްވުރެ ގިނަ ދަރިވަރުން ވަނީ މަތީ އަރުތަވެރިންގެ އިނާމު ޙާޞިލުކޮށްފައެވެ.
މި އިނާމުގެ އިތުރުން، އޯލެވެލް އަދި އޭލެވެލްއިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އޭލެވެލްއިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕްވެސް މި ރަސްމިއްޔާތުތަކުގެ ތެރެއިން ހަވާލުކުރެވޭނެއެވެ. އަދި އޭ ފާސް ނުވަތަ އެއަށްވުރެ މަތިން ހޯދާ ދަރިވަރުންނަށް ދެވޭ "ހައި އެޗީވަރސް ސްކޮލަރޝިޕް" ވެސް މި ރަސްމިއްޔާތުތަކުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.
"މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތުގެ ފަހު ދަންފަޅި އޮންނާނީ މިރޭއެވެ. މި އިނާމަކީ ދިވެހި ދަރިވަރުންގެ ތަޢުލީމީ ކުރިއެރުމާއި ހުނަރުވެރިކަމަށް ދިވެހި ސަރުކާރުން ދެއްވާ އިސްކަމާއި އަޅާލުން ރަމްޒުކޮށްދޭ އިނާމެކެވެ.