ޚަބަރު
ވާނުވާ ބަންދުގެ ދިގު އިންތިޒާރަށް ލުޔެއް: 10 މީހަކު ޓެގު އަޅުވައި ދޫކޮށްލައިފި

ެިއިލެކްޓްރޯނިކް ޓެގް އަޅުވަނީ ފޮޓޯ: އައްޑޫ ލައިވް
ދިގު މުއްދަތެއްގައި ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން 10 މީހަކު، އިލެކްޓްރޯނިކް ނިޒާމުގެ ތެރެއިން ޓެގު އަޅުވައި މިނިވަންކޮށްފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު އިޙުސާން ވިދާޅުވި ގޮތުގައި، ވާނުވާ ބަންދުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. ތަޙުޤީގު ކުރިއަށްދާއިރު، މުޖުތަމަޢަށް ލިބިދާނެ ގެއްލުމަކަށް ނުވަތަ ހެކި ނައްތާލުމަށް މަސައްކަތްކޮށްފާނެ ކަމަށް ބެލެވޭ މީހުންނާއި ތަޙުޤީޤަށް ފިލާފާނެ ކަމަށް ބެލެވޭ މީހުން ވާނުވާ ބަންދުގައި ބަހައްޓަނީއެވެ. ނަމަވެސް، ޝަރީޢަތްތައް ލަސްވުމުގެ ސަބަބުން 5-6 އަހަރުވަންދެން ބަންދުގައި ތިބި މީހުން ވެސް ޖަލުތަކުގައި އެބަތިބިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެއީ ކަންބޮޑުވުމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިމައްސަލައަށް ޙައްލެއް ގެންނަވާނެ ކަމަށް ވިދާޅުވެފައިވާއިރު، މި ނިޒާމުގެ ތެރެއިން ލުއި ދިނުމުގެ މަސައްކަތް މިދިޔަ މޭ މަހުވަނީ ފަށާފައެވެ. ވަޒީރު އިޙުސާން ވިދާޅުވީ، ހުރިހާ ކަމަކަށް ބެލުމަށްފަހު، މުޖުތަމަޢަށް ނުރައްކަލެއް ނެތް ކަމަށް ބެލެވޭ ފަރާތްތަކަށް ޓެގު އަޅުވައި ދޫކުރަން ފަށާފައިވާ ކަމަށެވެ. މި ޓެގަކީ މީހާ ހަރަކާތްތެރިވާ ސަރަޙައްދު 24 ގަޑިއިރު މޮނިޓަރކުރެވޭ ޑިވައިސްއެކެވެ. ކަނޑައަޅާފައިވާ ސަރަޙައްދުން ބޭރަށްދާ ނަމަވެސް މި ޑިވައިސްއިން އެލަރޓްކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ފުރިހަމައަށް މޮނިޓަރ ކުރެވޭގޮތަށް މީހުން ދޫކުރަނީ. މިހާތަނަށް 10 މީހުން، ޓެގުއަޅުވައި ވަނީ ދޫކޮށްލާފައި. މީގެތެރޭގައިވެސް މުޖުތަމަޢަށް ނުރައްކަލެއްވާނެ ކަމަށް ބެލެވޭ އެއްވެސް މީހަކު ދުލެއް ނުކުރާނެ. ޓެގުގެ ޒަރިއްޔާއިން ދޫކުރާ މީހުން ރަނގަޅަށް ބެލެހެއްޓޭނެ
ދާޚިލީ ވަޒީރު އަލީ އިޙުސާން
ޓެގުއެޅުވުމަށްފަހު މިމީހުން ދޫކޮށްލަނީ ކޯޓުން ކަނޑައަޅާ ވަކި ޝަރުތުތަކަކާ އެއްގޮތަށެވެ. މިނިޒާމުގެ ތެރެއިން ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުޠުތައް ކޮންމެ 100 ދުވަހަކުން އެއް ފަހަރު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހަޅައި، މުރާޖަޢާކުރާނެއެވެ.
ވަޒީރު އިޙުސާން އިތުރަށް ވިދާޅުވީ، މިކަމަށް އެންމެ ބޮޑު ޙައްލެއް ގެންނަން ޖެހެނީ ޝަރީޢަތްތައް އަވަސްކުރުމަށް ކަމަށާއި، އެކަމަށް ހުރި ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
ރައީސް ގެންދަވަނީ ކްރިމިނަލް ކޯޓުގެ އައު އިމާރާތުގެ މަސައްކަތް ކުރައްވަމުން. އަމާޒަކީ ޖުލައި 26ގައި އިމާރާތުން ޚިދުމަތް ފެށުން. އޭރުން ފުނިޖެހިފައި ހުރި މައްސަލަތައް އަވަސްކުރެވޭނެ
ދާޚިލީ ވަޒީރު
އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ ފަރާތްތަކުން، ސަބަބާއެކު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން އެކަން ކުރިއަށްގެންދެވޭނެކަމަށެވެ. މިކަމަށް އެދޭ ފޯމު އޮންލައިންކޮށް އަދި ކަރެކްޝަނަލް ސަރވިސްގެ މީހުން ބަންދުކުރާ މަރުކަޒުތަކުން ލިބެން ހުންނާނެއެވެ.