ދުނިޔެ
ޓްރަމްޕްގެ ސަރުކާރު ތެރޭގައި އީރާންއަށް ހަމަލާދިނުމާމެދު ޚިޔާލުތަފާތުވުން އިތުރުވެއްޖެ

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުގެ ތެރޭގައި އީރާނަށް ހަމަލާދިނުމަށް ތާއީދުކުރާ އަދި ދެކޮޅުހަދާ ފަރާތްތަކުގެ މެދުގައި ޚިޔާލުތަފާތުވުން ބޮޑުވެއްޖެއެވެ.
އެހެންކަމުން އިޒްރާއިލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތަފާތު ފިއްތުންތަކާ ކުރިމަތިލާން ޖެހިފައެވެ.
އޭނާގެ ބައެއް ލަފާދޭ ފަރާތްތަކުން އިޒްރާއިލްގެ ފަރާތުން ހަނގުރާމައިގައި ބައިވެރިވުމަށް ދެކޮޅުހަދާއިރު، އަނެއްބައި ފަރާތްތަކުން އީރާނަށް ވަރުގަދަ ހަމަލާއެއް ދިނުމަށް ބާރުއަޅަމުންދެއެވެ.
ހުކުރު ދުވަހު ޓްރަމްޕް ވަނީ އީރާނާ މެދު ނިންމާ ނިންމުމެއް ދެ ހަފްތާގެ ތެރޭގައި ނިންމާނެ ކަމަށް ބުނެފައެވެ. މިއަދު ވޮޝިންގްޓަން ޕޯސްޓް ނޫހުގައި ވަނީ ހުވަދު ގެއިން އީރާނާ ދެކޮޅަށް އަސްކަރީ ގޮތުން ނަގާ ފިޔަވަޅުތަކާ ގުޅޭ މަޝްވަރާތަކުގެ މަޢުލޫމާތު ހާމަކޮށްފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން، އެމެރިކާގެ އިސް އޮފިޝަލެއް ވަނީ ސުވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ޓްރަމްޕް ތާއީދުކުރާ ކަމަށާއި، މި މަސައްކަތްތަކުން އީރާނާއެކު އެއްބަސްވުމަކަށް ވާސިލުވުމަށް މަގުފަހިވެގެންދާނެކަމަށް ބުނެފައެވެ.
އީރާނަށް ހަމަލާދިނުމާ ދެކޮޅު ފަރާތްތަކުން ވަނީ ކުރިއެރުމެއް ހޯދާފައިވާ ކަމަށާއި، މިހާރު އެފަރާތްތަކުން މަޝްވަރާތަކަށް މަޑުކުރަމުންދާކަމަށް ބުނެފައިވެއެވެ. އަދި ޓްރަމްޕް ވަނީ އީރާނުން ނިއުކްލިއަރ ހަތިޔާރު ތަރައްޤީކުރުން ހުއްޓުވުމަށް މަސައްކަތްކުރާނެ ކަމަށާއި، ނަމަވެސް ހަނގުރާމައަކުން ދުރުހެލިވާން މަސައްކަތްކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވޭންސް ވަނީ އީރާނާ މެދު ނިންމާ އެންމެ ފަހުގެ ނިންމުން ނިންމާނީ ޓްރަމްޕްކަމަށް ބުނެފައެވެ.
ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ ޑިޕްލޮމެޓިކް ހައްލަކަށް މަސައްކަތްކުރައްވާނެ ކަމަށް، ނަމަވެސް މިހާރު އެ ފުރުސަތު ނެތް ކަމަށް ޤަބޫލުކުރައްވާތީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ނިމުމަކަށް ގެނައުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެ.
. އެމެރިކާގެ ނައިބުރައީސް ޖޭ.ޑީ ވޭންސް ބުނެފައިވެއެވެ