ދުނިޔެ

އެމެރިކާގެ ތިންވަނަ އެއަރކްރާފްޓް ކެރިއަރެއް މެދުއިރުމަތީގެ ސަރަހައްދަށް ފޮނުވަނީ

އެމެރިކާގެ ތިންވަނަ އެއަރކްރާފްޓް ކެރިއަރެއް މެދުއިރުމަތީގެ ސަރަހައްދަށް ފޮނުވަނީ

އެމެރިކާގެ ނޭވީން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޖޫން 2025، 01:27

21 ޖޫން 2025، 01:27

އެމެރިކާގެ ތިންވަނަ އެއަރކްރާފްޓް ކެރިއަރެއް މެދުއިރުމަތީގެ ސަރަހައްދަށް ފޮނުވުމަށް ނިންމާފައިވާކަމަށް އެމެރިކާގެ ނޭވީން ހާމަކޮށްފިއެވެ. 

މިއީ އިރާނާއި އިޒްރާއީލާ ދެމެދު ހަނގުރާމައިގެ ހާލަތު ހޫނުވެފައިވާ ދަނޑިވަޅެއްގައި އެޅި ފިޔަވަޅެއްކަން ފާހަގަކޮށްލަންޖެހެއެވެ.

ޔޫއެސްއެސް ޖެރަލްޑް ފޯޑް ނަމަކަށް ކިޔާ މި އެއަރކްރާފްޓް ކެރިއަރަކީ އެމެރިކާގެ އިރުމަތީ ސަރަހައްދުގައި ހުންނަ ނޯފޯކް ނޭވަލް ބޭސްއިން އަންނަ އަންގާރަ ދުވަހު ފުރާގޮތަށް ހަމަޖެހިފައިވާ އުޅަނދެކެވެ. މި އުޅަނދު ޔޫރަޕްގެ މަގުން ދަތުރުކޮށް މެދުއިރުމަތީގެ ސަރަހައްދާ ހަމައަށް ދާނެއެވެ.

ޖެރަލްޑް ފޯޑަކީ އެމެރިކާގެ އައު ޖީލުގެ އެއަރކްރާފްޓް ކެރިއަރުތަކުގެ ތެރެއިން ފުރަތަމަ އުޅަނދެވެ. މި އުޅަނދުގެ ބަރުދަނަކީ 100،000 ޓަނެވެ. އަދި ނިއުކްލިއަރ ހަކަތައިން ދުއްވާ މި އުޅަނދު 2017 ވަނަ އަހަރު ޚިދުމަތަށް ނެރެފައިވެއެވެ.

މިހާރުވެސް މެދުއިރުމަތީގެ ސަރަހައްދުގައި ޔޫއެސްއެސް ކާރލް ވިންސަން ނަމަކަށް ކިޔާ އެއަރކްރާފްޓް ކެރިއަރެއް އޮވެއެވެ. މި އުޅަނދު ވަނީ ޔަމަނުގެ ހޫތީންނާ ދެކޮޅަށް އެމެރިކާއިން ދިން ހަމަލާތަކުގައި ބައިވެރިވެފައެވެ. އަދި ދެކުނު ޗައިނާ ކަނޑުގައި އޮތް ނިމިޓްޒް ނަމަކަށް ކިޔާ އެއަރކްރާފްޓް ކެރިއަރު ވެސް ވަނީ މެދުއިރުމައްތީގެ ސަރަހައްދަށް ދަތުރު ފަށާފައެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވޭންސް ވިދާޅުވި ގޮތުގައި އިރާނާ މެދު ނިންމާނެ އެންމެ ފަހުގެ ނިންމުން ނިންމާނީ ރައީސް ޓްރަމްޕެވެ. އަދި ޑިޕްލޮމެޓިކް ހައްލަކަށް ދެން މާ ގިނަ ވަގުތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދަނޑިވަޅުގައި އެމެރިކާގެ ސަތޭކައަށްވުރެ ގިނަ ރައްޔިތުން އިރާނުން ބައްރުގެ މަގުން ނިކުމެފައިވާކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އިންޓަރނަލް ކޭބަލްއެއްގައި ބަޔާންކޮށްފައިވެއެވެ. އަދި އެމެރިކާގެ ރައްޔިތުންނަށް އަޒަރުބައިޖާން، އާމީނިއާ ނުވަތަ ތުރުކީގެ މަގުން އިރާނުން ނިކުތުމަށް އިރުޝާދު ދީފައިވެއެވެ.

ހުކުރު ދުވަހުގެ ރޭ ޖަރުމަނުގެ 2 އަސްކަރީ މަތިންދާބޯޓެއްގައި އިޒްރާއީލުން 64 ޖަރުމަނު ރައްޔިތުން އިޒްރާއިލުން ބޭރު ކުރެވުނުކަމަށް ޖަރުމަނުގެ ޚާރިޖީ އަދި ދިފާއީ ވުޒާރާއިން ބުނެފައިވެއެވެ. މި ދެ ވުޒާރާއިން ބުނި ގޮތުގައި، ރައްޔިތުން ބޭރު ކުރުމުގައި އިސްކަން ދެވުނީ ކުޑަކުދިން ތިބި އާއިލާތަކަށާއި އެހެނިހެން އަސާސީ ގިންތިތަކަށް ކަމަށެވެ.

އަދި އިޒްރާއީލްގެ އިދާރާތަކާ ގުޅިގެން މި ދަތުރުތައް އަވަހަށް އިންތިޒާމު ކުރެވުނު ކަމަށްވެސް ބުނެފައިވެއެވެ. ފާއިތުވި ހަފްތާގެ ކުރީކޮޅު، ވިޔަފާރި ފްލައިޓްތަކެއްގައި 345 ޖަރުމަނު ރައްޔިތުން ޖޯޑަނުން އެނބުރި އައިސްފައިވެއެވެ.

އަނެއްކޮޅުން، ޗައިނާގެ ސަރުކާރުގެ "ސީސީޓީވީ" އިން މިއަދު ބުނެފައިވަނީ އީރާނުން އެނބުރި އަންނަ 330 ޗައިނާ ރައްޔިތުން އުފުލި ފްލައިޓެއް ބޭޖިންގ އެއަރޕޯޓަށް ޖައްސާފައިވާ ކަމަށެވެ. ތުރްކްމެނިސްތާނުގެ ވެރިރަށް އަޝްގަބާތުން އައި މި ފްލައިޓް އިއްޔެރޭ ބޭޖިންގައި ޖެއްސިކަމަށް އެ ޗެނަލުން ބުނެފައިވެއެވެ.

 ޗައިނާގެ ޚާރިޖީ ވުޒާރާގެ ކޮންސިއުލަރ އެފެއާޒް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ލީ ޗުންލިން އެ ޗެނަލަށް ބުނެފައިވަނީ އީރާނުން ގާތްގަނޑަކަށް 2000 ޗައިނާ ރައްޔިތުން ބޭރު ކުރެވިފައިވާ ކަމަށެވެ. އިޒްރާއީލުގައި ހުންނަ ޗައިނާގެ ސަފީރު ޝިއާއޯ ޖުން ޗެންގ ސަރުކާރުގެ "ސީޖީޓީއެން" މީޑިއާ ނެޓްވޯކަށް ބުނެފައިވަނީ އިސްރާއީލުން ގާތްގަނޑަކަށް 400 ޗައިނާ ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS