ޚަބަރު
ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަވާނެހެން މާލޭގެ ބަންޑާރަ މިސްކިތް ރީތިކުރަނީ

ބަންޑާރަ މިސްކިތް ރީތިކުރަނީ/ފޮޓޯ: މާލެ ސިޓީ ކައުންސިލް
ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަވާނެހެން މާލޭގެ ބަންޑާރަ މިސްކިތް ރީތިކޮށް ފެހިކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
މިއީ، މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ރީތިކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ކަމެކެވެ.
މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ބަންޑާރަ މިސްކިތް ރީތި ކުރުމަށް، މިސްކިތުގެ ގޯތި ތެރޭގައި ގަސް އިންދުމުގެ އިތުރުން، މިހާރު މިސްކިތުގައި ހުރި ފާހާނަ ބަރިއާއި ވުޟޫ ކުރާތަން އަލުން މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ހަމަ އެހެންމެ، ބަންޑާރަ މިސްކިތުގެ މި މަސައްކަތް ނިމިގެންދާއިރު، ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ އުޅެވޭނެކަމަށް މޭޔަރ ވަނި ވިދާޅުވެފައެވެ.
މޭޔަރ އިތުރަށް ވަނީ، ބަންޑާރަ މިސްކިތަކީ މާލޭގެ އެންމެ ކާރުބާރު ބޮޑު ސަރަޙައްދުގައި ހުންނަ މިސްކިތެއްކަން ފާހަގަކުރައްވާފައެވެ. އަދި މިކަމުގެ ސަބަބުން ހުރިހައި ނަމާދު ވަގުތަކަށް މި މިސްކިތަށް ވަރަށް ގިނަ ބަޔަކު ނަމާދުކުރަން ދާކަން ފާހަގަކުރައްވާ މޭޔަރ ޢާޒިމް ވިދާޅުވީ، މިހާރު ފެށިފައިވާ މި މަސައްކަތް ނިމުމާއެކު މި މިސްކިތަށްދާ ހުރިހާ ފަރާތްތަކަށް ވެސް ހިތްހަމަޖެހުމާއި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.
މިސްކިތްތައް ރީތިކޮށް ބޭއްވުމަށް ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވާކަން ފާހަގަކުރައްވާ، މި ފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބެމުންއަންނަ ފުރިހަމަ އެއްބާރުލުމަށް މޭޔަރ ވަނީ ޝުކުރު ދަންނަވާފައެވެ.