Ads by Stelco

ޚަބަރު

ޗައިނާ-ސައުތު އޭޝިއާގެ 9 ވަނަ އެކްސްޕޯގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ތަޤްރީރު ކުރައްވައިފި

ޗައިނާ-ސައުތު އޭޝިއާގެ 9 ވަނަ އެކްސްޕޯގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ތަޤްރީރު ކުރައްވައިފި

މަޖިލީހުގެ ނައިބު ރައީސް ތަޤުރީރުކުރެއްވުން/ފޮޓޯ: މަޖިލިސް

20 ޖޫން 2025، 07:11

ޗައިނާ-ސައުތު އޭޝިއާގެ 9 ވަނަ އެކްސްޕޯ އިފްތިތާޙު ކުރުމުގެ ޙަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޮނަރަބަލް އަޙްމަދު ނާޡިމް ތަޤްރީރު ކުރައްވައިފިއެވެ.

މި އެކްސްޕޯއަކީ، ޗައިނާގެ ކުންމިންގ ސިޓީގައި މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް "އެކުވެރިކަމާއި ވިލަރެސްކުރުން ދެމެހެއްޓެނިވި ތަރައްޤީއަށް" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދާ އެކްސްޕޯއެކެވެ.

މި އެކްސްޕޯގައި ތަޤުރީރުކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޮނަރަބަލް އަޙްމަދު ނާޡިމް ވަނީ، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި ގުޅުން ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާއަކީ އެއް ޤައުމުން އަނެއް ޤައުމަށް އިޙުތިރާމް ކުރާ އަދި ސުލްޙައަށް އިސްކަންދޭ ގުޅުމެއް ދަމަހައްޓާ ދެ ޤައުމުކަން ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި އިޤްތިޞާދީ ގުޅުން ފާހަގަކުރައްވައި ނައިބު ރައީސް ވަނީ، ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް" ގެ ދަށުން ދިވެހިރާއްޖޭގައި ހިންގާފައިވާ މަޝްރޫޢުތަކުގެ ކާމިޔާބުކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތާއި އެރޮނގުން ކުރިއަށް ގެންދަވާ ސިޔާސަތުތަކަށް ވެސް އަލިއަޅުއްވާލައްވާފައިވެއެވެ. ހަމަ އެހެންމެ، ދުނިޔޭގެ މަސްރަޙުގެ ނުތަނަވަސްކަމާއި ހިނގަމުންދާ ހަނގުރާމަފަދަ ކަންކަމުން ރާއްޖެފަދަ ޤައުމުތަކުގެ އިޤްތިޞާދަށް ކުރާ އަސަރުތަކަށް ވެސް އަޙްމަދު ނާޡިމް ވަނީ އިޝާރާތް ކުރައްވާފައެވެ.

މި ތަޤްރީރުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޮނަރަބަލް އަޙްމަދު ނާޡިމް ވަނީ،  އިޤްތިޞާދީ ތަރައްޤީ ކުރިއަށް ގެންދިއުމަށްޓަކައި، ޤައުމުތަކުން ސިޔާސަތުތައް ވިލަރެސްކޮށް، އިޤްތިޞާދީ ގުޅުންތައް ދަމަހައްޓައި، ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތް ކުރުމަށް ޚިޔާލުތަކެއް ހުށައަޅުއްވާފައެވެ. އަދި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ޤާއިމުކުރުމުގައި ޗައިނާގެ އެހީތެރިކަމަށް ޚާއްޞަ ގޮތެއްގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.

މި އެކްސްޕޯގައި ބައިވެރިވި ދިވެހިންގެ ސްޓޯލްތަކަށް ދިވެހި ވަފުދުގެ ބޭފުޅުން ޒިޔާރަތްކުރައްވާ، އެ ސްޓޯލްތަކުގައި ތިއްބެވި ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ތަޖުރިބާއާއި ހުރި ގޮންޖެހުންތަކުގެ ވާހަކަ ވަނީ އަޑުއައްސަވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS