ޚަބަރު
މިއަދު ފެންނަމުންދަނީ އޭވިއޭޝަން މާކެޓަށް ބެލުމެއްނެތި ޕައިލެޓު ޓްރެއިނިން ހެދުމަށް ސްކޯލަރޝިޕްދިނުމުގެ ނަތީޖާ: ވަޒީރު

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ މިނިސްޓަރ މުހައްމަދު އަމީން ފޮޓޯ:ޕީއެސްއެމް
ވޭތުވެދިޔަ ސަރުކާރުގައި ޕައިލެޓު ޓްރެއިނިން ހެދުމަށް ދޫކުރި ސްކޮލަރޝިޕްތަކަކީ ރާއްޖޭގެ އޭވިއޭޝަން ވަޒީފާގެ މާކެޓަށް ބެލުމެއް ނެތި ދީފައިވާ ސްކޮލަރޝިޕްތަކެއް ކަމަށް، ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. މިއަދު ޕައިލެޓުކަން ކިޔަވައިގެން އަންނަ ދަރިވަރުންނަށް ވަޒީފާ ނުލިބުމުގެ މައްސަލަ ކުރިމަތިވަމުންދަނީ އެކަމުގެ ސަބަބުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު އަމީން ވިދާޅުވީ، ރާއްޖޭގެ އޭވިއޭޝަން ދާއިރާ ފުޅާވަމުން އަންނަނީ އަހަރަކު ގާތްގަނޑަކަށް އެންމެ %7 އަށް ކަމަށެވެ. މިއީ ވަރަށް ކުޑަ މިންވަރެއް ކަން ފާހަގަކުރައްވައި ވިދާޅުވީ، ނިމުނު 5 އަހަރުގެ ދަޢުގައި ޕައިލެޓްކަން ކިޔެވުމަށް 500އަށްވުރެ ގިނަ ކުދިންނަށް ސްކޮލަރޝިޕް ދޫކުރި ކަމަށެވެ. އަދި އަމިއްލަ ޚަރަދުގައި 200އެއްހާ ދަރިވަރުން ކިޔަވަމުންދިޔަ ކަމަށެވެ.
ނަމަވެސް، ރާއްޖޭގެ ދަތުރުފަތުރުގެ މާކެޓް އޮތްގޮތުން އަލަށް ކިޔަވައިގެން އަންނަ ކުދިންގެ ތެރެއިން ވަޒީފާގެ ފުރުޞަތު ލިބެނީ އަހަރަކު ގާތްގަނޑަކަށް ވިއްސަކަށް ކުދިންނަށް ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އެހެންކަމުން، ގިނަ ދަރިވަރުންތަކަކަށް ޕައިލެޓުކަން ކިޔެވުމަށް ސްކޮލަރޝިޕް ދޫކުރީ އޭރުގެ ސަރުކާރުން އޭވިއޭޝަން މާކެޓަށް އެއްވެސްވަރަކަށް ބެލުމެއްނެތި ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއަދު ފެންނަމުންދަނީ އެކަމުގެ ނޭދެވޭ ނަތީޖާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
"މިދިޔަ ވެރިކަމުގައި 500 ސްކޮލަރޝިޕް ދިން މި ދާއިރާއިން. ވަރަށް ރަނގަޅު ނަތީޖާ ހޯދާ ކުދިން މި ދާއިރާއިން ކިޔަވަން ދަނީ. ބެލެނިވެރިންނަށްވެސް އަދި ކުދިންނަށްވެސް ނޭނގޭ މި ދާއިރާގެ ވަޒީފާގެ ޙާލަތު އޮތް ގޮތް. ގައުމަށް ބޭނުންވާ މިންވަރަށްވުރެ މާ ގިނަ ސްކޮލަރޝިޕް ދޫކޮށްފަ އޮތީ،" ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، ރާއްޖެއަށް މުހިންމު ވަޒީފާގެ ދާއިރާތަކަށް ބެލުމަށްފަހު ސްކޮލަރޝިޕް ފުރުޞަތު ދޭގޮތަށް އުސޫލުއޮތްނަމަ، އިތުރު މުހިންމު ދާއިތަކުން ތަޢުލީމީ ގިނަ މީހުންތަކެއް ނެރެވޭނެ ކަމަށެވެ.
ޕައިލެޓުންގެ ޝަކުވާތަކަށް ޙައްލެއް ހޯދައިދިނުމަށް، ރާއްޖޭގެ އޮޕަރޭޓަރުން ޕައިލެޓުން ނަގާ މިންވަރަށްވުރެ އިތުރަށް ޕައިލެޓުން ވަޒީފާއަށް ނެގުމަށްވެސް މަޖުބޫރުކޮށްފައިވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ، މި ދާއިރާއިން މިވަގުތަށް އިތުރަށް ވަޒީފާގެ ފުރުޞަތު އެކަށީގެންވާގޮތުގައި ނެތުމާއެކު، އިތުރަށް ޕައިލެޓުކަން ކިޔަވަން ސްކޮލަރޝިޕް ދިނުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ.
"ގަބޫލެއް ނުކުރަން މިވަގުތަށް ދެން ސަރުކާރުން ސްކޮލަރޝިޕަށް ހުޅުވާލުމަކަށް. އެއަށްވުރެ އެހެން ދާއިރާތަކުން އިސްކަން ދިނުން މުހިންމު. ކުރިން މި ފުރުޞަތު ހޯދި ކުދިންވެސް އެހެންދާއިރާއަކުން ދާން ބޭނުންވާނަމަ އެ ފުރުޞަތު އޮންނާނެ. ނަމަވެސް ބޭނުން ނޫން ކުދިންނަށް އެ އިޚްތިޔާރުވެސް އެބައޮތް. އިތުރަށް ޕައިލެޓް ޓްރެއިނިންއަށް ކުދިން ފޮނުވުން ރަނގަޅެއް ނޫން،" ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގައި ވަޒީފާއަށް ޕްރޮފެޝަނަލުން ބޭނުންވާ ވަރަށް ގިނަ އެހެން މުހިންމު ދާއިރާތައް އެބަހުރި ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ވަޒީފާގެ މާކެޓުގައި ފުރުޞަތު ނެތް ދާއިރާއަކުން ކިޔެވުމުގެ ބަދަލުގައި، ފުރުޞަތު ހުރި ދާއިރާތަކުން ކުރިއަށްދިއުމަށް އިސްކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.