ޚަބަރު
ފަސްޓް ލޭޑީ މެޑަމް ސާޖިދާ ހިލޭސާބަހަށް ސިއްހީ ޚިދުމަތްދޭ ޖަމިއްޔާއެއް އުފައްދަވައިފި

މެޑަމް ސާޖިދާ މުޙައްމަދު ފޮޓޯ:ރައީސް އޮފީސް
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު، ސިއްހީ ދާއިރާއިން ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް އުފައްދަވައިފިކަން އިއްޔެ އިއުލާންކުރައްވައިފި އެވެ. މިކަން އެކަމަނާ އިއުލާންކުރެއްވީ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތްވަނަ ސަމިޓުގެ އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގަ އެވެ.
އެ ޖަމިއްޔާ އުފެއްދެވި ސަބަބެއް ކަމަށް ފަސްޓް ލޭޑީ ވިދާޅުވީ، މެރކް ފައުންޑޭޝަންގެ މަސައްކަތްތަކުން ހިތްވަރު ލިބިވަޑައިގެން ކަމަށެވެ. އެ ކޮމިޓީ ބައްދަލުވުމުގައި، މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ފަސްޓް ލޭޑީގެ އިސްނެންގެވުމުގެ މަތިން ހިންގަވާފައިވާ ހަރަކާތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ވަނީ ހިއްސާކުރައްވައިފަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މި ބައްދަލުވުމުގައި ރާއްޖޭގައި އަގުހެޔޮ، އަދި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ މަގުތައް ފަހި ކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ރާއްޖޭގެ ސިއްހީ ދާއިރާގެ ހިދުމަތްތައް ރަނގަޅު ކުރުމަށް ދިގުމުއްދަތުގެ ފަންނީ ގުޅުންތައް ދެމެހެއްޓުމުގެ ޝައުގުވެރިކަން ވެސް ފަސްޓް ލޭޑީ ފާޅުކުރެއްވި އެވެ.
މީގެ އިތުރުން، މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމާއި ކެންސަރު ސްކްރީނިން އާއި ނަފްސާނީ ސިއްހަތާ ގުޅުން ހުރި ހިދުމަތްތައް ރަނގަޅު ކުރުމާއި ސިއްހީ ދާއިރާގައި އަންހެނުންގެ އިސްނެގުން އިތުރު ކުރުމަށް އެހީތެރިވާންޖެހޭ ކަން ވެސް ފަސްޓް ލޭޑީ މެޑަމް ސާޖިދާ ފާހަގަކުރެއްވި އެވެ.
އެ ބައްދަލުވުމުގައި، ދަރިމައިނުވުމާއި މިންތީގެ ތަފާތުކުރުންތަކުން ލިބޭ އިހާނެތިކަމާއި އަންހެނުން ބާރުވެރިކުރުމާއި ހަކުރުބައްޔާއި ހައިޕާޓެންޝަން ފަދަ ބަލިތަކާއި އެފަދަ އެހެނިހެން މައްސަލަތަކަށް މުޖުތަމައު ހޭލުންތެރި ކުރުވުމަށް މެރކް ފައުންޑޭޝަނާ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދިޔަ މަސައްކަތްތައް ވެސް ފަސްޓް ލޭޑީ ވަނީ ހިއްސާކުރައްވައިފަ އެވެ.