ދީން
ރިޒްޤަކީ ހަމައެކަނި ފައިސާ އާއި މުދާތަ؟

ކޮންމެ ދަރިއަކު ދުނިޔެއަށް އުފަންވަނީ އެ ދަރިއެއްގެ ރިޒްޤާއި އެކު---
މާތް ﷲ އިންސާނާ ދުނިޔެއަށް ފޮނުއްވުމުގެ ކުރިން އެ އިންސާނެއްގެ ދުނިޔޭގެ ޙަޔާތް ލިޔުއްވައެވެ. އޭނާގެ ޙަޔާތުގެ މުއްދަތާއި އޭނާ އަކީ ދުނިޔޭގެ ދިރިއުޅުމުގައި އުފާވެރި މީހެއްތޯ ނުވަތަ ނޫންތޯވެސް ލިޔުއްވައެެވެ.
ކޮންމެ އިންސާނަކަށްވެސް އެ އިންސާނެއްގެ ރިޒްޤުގެ މިންވަރުވެސް ﷲތަޢާލާ ވާނީ ލިޔުއްވައިފައެވެ. އެމީހަކީ އަތްމަތި ތަނަވަސް މީހެެއްތޯ ނުވަތަ ނޫންތޯވެސް ވާނީ ލިޔުއްވައިފައެވެ.
އެހެންކަމުން ދަންނަންވީކަމަކީ، އެމީހަކަށް ލިޔުއްވައިފައިވާ ރިޒްޤެއް އެމީހަކަށް އެ މިންވަރުކުރައްވާ ވަގުތެއްގައި ދެއްވާނެ ކަމެވެ. އެއީ ކޮން ވަގުތަކު ކިހިނެއްކަމެއް ނޭންގިތިއްބައެވެ.
"ރިޒްޤް" މި ލަފްޒުން އަހަރެމެންނަށް މާނަ ކުރެވެނީ ކޯއްޗެއްތޯއެވެ؟ ޢާންމު ގޮތެއްގައި ބުނާނަމަ ރިޒްޤް އަހަރެމެންނަށް މާނަ ކުރެވިފައި އޮންނަނީ ފައިސާ، މުދާ ނުވަތަ ގެދޮރުގެ ގޮތުގައެވެ.
ނަމަވެސް ރިޒްޤަކީ އެއަށްވުރެ ފުޅާ މާނައެއްގައި ވާއެއްޗެކެވެ. އިސްލާމީ ނަޒަރިއްޔާއިން ބަލައި ރިޒްޤު މާނަކުރާނަމަ، ރިޒްޤަކީ ހަމައެކަނި މުއްސަނދިކަމާއި މާއްދީ ފަސޭހަތަކަށް އެކަނި ހަނިވެފައިވާ އެއްޗެއް ނޫނެވެ. ރިޒްޤުގެ ތެރޭގައި ކާނާ، ޞިއްޙަތު، އާއިލާ، ޢިލްމު، ހިތްހަމަޖެހުން އަދި ފުރުސަތުތައްވެސް ހިމެނެއެވެ. ރިޒްޤަކީ އާއިލާއާއެކު ހޭދަކުރާ ވަގުތު ނުވަތަ މަސައްކަތުގެ ބުރަކަމާއި ނަފްސާނީ ބުރައިގެ އެތައް މަސްތަކެއް ފަހުން ލިބުނު ޗުއްޓީއަކަށްވެސް ވެދާނެއެވެ.
ރިޒްޤު ދެބަޔަކަށް ބަހައިލެވިދާނެއެވެ. އެއްބާވަތަކީ ފައިސާ، ކާބޯތަކެތި، ދިރިއުޅޭނެ ގެއެއް، އަދި ދިރިއުޅުމުގައި ބޭނުންވާ އަސާސީ ތަކެއްޗެވެ. މިއީ އަހަރެމެންގެ ޖިސްމާނީ ބޭނުންތައް ފުއްދައިދޭ އަދި އަހަރެމެންނަށް އަމިއްލަ ނަފްސާއި އާއިލާ ބަލަހައްޓަން އެހީތެރިވެދޭ ރިޒްޤެވެ. މިއީ އަހަރެމެންނަށް ފެނި އަތްލެވޭ ތަކެއްޗެވެ.
ދެވަނައަށް ޢިލްމާއި، ޙިކްމަތާއި، ދުޅަހެޔޮ ޞިއްޙަތާއި، އީމާންކަމާއި، ޢާއިލާއާއި، ރަޙްމަތްތެރިކަމަކީވެސް މާތްﷲ ދެއްވާ އަގުހުރި ރިޒްޤުތަކެކެވެ. އަދި ހިތްހަމަޖެހުމާއި، ރުހުމާއި، އަހަރެމެންގެ މަސައްކަތުގައި ލިބޭ ބަރަކާތްފަދަ އިޙްސާސްތަކުގެ ސިފައިގައިވެސް ރިޒްޤު އާދެއެވެ.
ރޫޙާނީ ރިޒްޤަކީވެސް މާއްދީ ރިޒްޤު ފަދައިން މުހިންމު އެއްޗެކެވެ. މި ބާވަތުގެ ރިޒްޤު ލޮލަށް ނުފެނުނު ކަމުގައިވިޔަސް، އެއިން އަހަރެމެންގެ ދިރިއުޅުމަށް ޚާއްޞަ އުފަލަކާއި، ހަމަޖެހުމަކާއި، މަޤްޞަދެއް ގެނެސްދެއެވެ. މިތާނގައި ރިޒްޤުގެ މާނައަކީ ހަމައެކަނި ދިރިއުޅުމުގެ ބޭނުންތައް ފުއްދައިދިނުމެއް ނޫނެވެ. އެއީ މާއްދީ ފައިދާއަށްވުރެ މަތިވެރި، އިލާހީ މުއްސަނދިކަމެކެވެ. އިސްލާމްދީނުގައި މިފަދަ ރިޒްޤުތައް ދެނެގަތުމުން، އަހަރެމެންނަށް ފެންނަ އަދި އިޙްސާސްކުރެވޭ ކޮންމެ ކަމެއްގައި މާތްﷲގެ ރަޙްމަތް ވާކަން އެނގެއެވެ.
އެމީހެއްގެ ރިޒްޤު ލިޔުއްވާފައިވުމަކީ ރިޒްޤު ހޯދުމަށް މަސައްކަތް ނުކޮށް އަތް އުރާލައިގެން ތިބެން ޖެހޭ ސަބަބެއް ނޫނެވެ. ރިޒްޤު ހޯދުމަށް މަސައްކަތް ކުރަންޖެހެއެވެ. މިއާއިއެކު ﷲތަޢާލާ އާއި އޮންނަ ގުޅުން ބަދަހި ކުރަން ޖެހެއެވެ. ރިޒްޤު ދެއްވާ އެ ރިޒްޤުގައި ބަރަކާތް ލެއްވެވުން އެދޭނަމަ ކުރަންޖެހޭ ކަންތައްތަކެއް ވެއެވެ.
އެގޮތުން ﷲތަޢާލާ ދެއްވެވި ނިޢުމަތްތަކަށް ޝުކުރުވެރިވުން ވެއެވެ. ޝުކުރުވެރިވުމަކީ ރިޒްޤުގައި ބަރަކާތްލައްވާ އެންމެ ފަސޭހަ ގޮތެވެ. ޝުކުރުވެރިވުމުން ނިޢުމަތްތައް އިތުރުވުމުގެ އިތުރުން އަހަރެމެންގެ ނަޒަރު ބަދަލުވެގެންދެއެވެ. އޭގެ ސަބަބުން ކުދިކުދި ކަންތައްތައް ފެނި، ބޮޑެތި ކަންތައްތަކުގެ އަގު ވަޒަންކުރެވެއެވެ.
މީގެއިތުރުން ޞަދަޤާތް ކުރުންވެއެވެ. ﷲ ދެއްވެވި ރިޒްޤުން ނިކަމެތިންނަށް ހޭދަކުރުންވެއެވެ. ފައިސާ ހޭދަކުރުމުން މުދާ މަދުވާނެ ކަމަށް ހީވިޔަސް، އިސްލާމްދީނުގައި ޞަދަޤާތަކީ ﷲ ގެ ޙަޟްރަތުން އިތުރު އަޖުރު ލިބޭނެ އިންވެސްޓްމަންޓެއްކަން ހަނދާން ބަހައްޓަން ޖެހެއެވެ.
ރިޒްޤު ތަނަވަސްވެ ރިޒްޤުގައި ބަރަކާތްލެއްވުން އެދޭނެމަ ﷲއަށް ތަވައްކަލުކުރުން ވެއެވެ. ޙަޤީޤީ ރިޒުޤުގެ އަސާސަކީ ތަވައްކުލުކުރުމެވެ. ނުވަތަ ﷲ އަށް ބަރޯސާވުމެވެ. ތަވައްކުލުގެ މާނައަކީ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ﷲއަށް ފުރިހަމައަށް އިތުބާރުކުރުމާއި، އެ އިލާހުގެ ޤަދަރަށް ފުރިހަމައަށް ރުހުމާއި، އެ އިލާހުގެ ބާރުފުޅަށް ފުރިހަމައަށް އީމާންވުމެވެ.
ތިމާގެ މުދާ އިތުރުވެ އެ މުދަލުގައި ބަރަކާތް ލެއްވުން އެދޭމީހާ ރަހިމުގެ ގުޅުން ދެމެހެއްޓުންވެއެވެ. އެއްބަނޑު ތިމާގެ މީހުންނަށް ހެޔޮކޮށްހިތުންވެއެވެ.
އެންމެ މުހިންމު އަދި އެންމެ އިސްކަމަކަށް ހަދަންވީ ދުޢާ ކުރުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޢުދުވެ ވޮޑިގެންވަނީ ނަމާދުކޮށް ދުޢާކުރާ މީހާއަށް ހަމަކަށަވަރުން އިޖާބަ ދެއްވާނެކަމަށެވެ. އެހެންކަމުން، ރިޒްޤު އިތުރުކޮށްދެއްވުމަށް އެދި ﷲ އަށް އިޚްލާޞްތެރިކަމާއެކު ދުޢާ ކުރެވިދާނެއެވެ.
ތިބާ ދަންނަވާ ދުޢާ ސީދާ އެގޮތަށް އިޖާބަނުވިޔަސް މާޔޫސް ނުވެ ﷲއަށް ތަވައްކުލު ކުރަންޖެހެއެވެ.
މީހަކު ކިޔައިދިނެވެ. އަހަންނާއި އަހަރެންގެ ފިރިމީހާއަކީ ﷲގެ ރަޙްމަތުން ފުދިގެން އުޅޭ ދެމަފިރިންނެވެ. ފުދިގެނޭ މިބުނަނީ މަސް ނިމެންވާއިރަށް އަތްމަތި ދަތިވެ ބޭނުންތައް ފުއްދުމަށް ދަރަނި ވެރި ވާން ނުޖެހި އުޅެލެވޭތީއެވެ. ﷲއަށް ޙަމްދުހުއްޓެވެ.
އަހަރެމެން ދެމަފިރިންނަށް ﷲގެ ރަޙްމަތުން ލޯބިލޯބި 3 ފިރިހެން ދަރިން ލިބިފައިވެއެވެ. އެހެންކަމުން ދަރިންގެ ނިޢުމަތުން މަޙްރޫމްވުމުގެ ހިތާމައެއްވެސް ނެތެވެ. އަދި 3 ދަރިން ލިބިފައި ތިބުމުން އެ ތިންކުދިން ހެޔޮގޮތުގައި ބޮޑު ކުރުމަށް ޢަޒުމް ކަނޑައަޅައި އިތުރު ދަރިއަކު ނުހޯދަން ހިތުގައި އެޅީމެވެ.
އޭނާ އިތުރަށް ކިޔައިދިނެވެ. ލިބޭ ފައިސާއިން އެހެން މީހުންނަށް އެހީވެދިނުމަކީ އަބަދުވެސް ކުރާ ހިތްވެ ހިތުގައި އަޅައިގެން އުޅޭ ކަމެކެވެ. 1445 ވަނަ އަހަރުގެ ރަމަޟާން މަހެވެ. ނަމާދުކުރުމާއި ޤުރްއާން ކިޔެވުމާއި ދުޢާ ކުރުމުގައި އިހުނަށްވުރެ ހީވާގިވެ ސާބިތުވެވޭތޯ ބެލީމެވެ.
ނަމާދަށްފަހު ކުރެވޭ ދުޢާގައި އެންމެ ބޮޑަށް ﷲގެ ހަޞްރަތުންއެދި ދެންނެވީ އަހަރެމެން ދެމަފިރިންގެ އަތްމަތި ތަނަވަސް ކޮށްދެއްވައި ރިޒްޤް އިތުރުކޮށްދެއްވުމެވެ. ރިޒްޤުގައި ބަރަކާތްލައްވައި އަަހަރެމެންގެ މުދަލުން އެހެން މީހުންނަށް ހެޔޮފޯރުކޮށްދެވޭނެ ފަދަ ތަނަވަސް ބަޔަކަށް ހައްދަވައިދެއްވުމެވެ.
އެ ރަމަޟާން މަސް ނިމިއްޖެއެވެ. ދުވަސްކޮޅެއް ނުވެ އަހަރެންގެ ވަޒީފާ ގެއްލިއްޖެއެވެ. ކިތަންމެ ކުޑަ މުސާރައެއް ލިބޭ ވަޒީފާއަކަސް ވަޒީފާ ގެއްލި މުސާރަލިބުން ހުއްޓިއްޖެއެވެ. މާޔޫސްވެއްޖެއެވެ. އެކަމާ މާޔޫސްވެފައި ހުއްޓައި ދެން އެނގުނީ ބަނޑުބޮޑު ކަމެވެ. 4ވަނަ ދަރިއަކަށެވެ.
ﷲގެ ރަޙްމަތާއި މެދު މާޔުސްވެ ސުވާލު ކުރެވެން ފެށުނެވެ. ބަނޑުބޮޑުވެ 4ވަނަ މަހަށް އެޅިތަނުން ﷲގެ ރަޙްމަތުން އަނެއްކާވެސް ވަޒީފާއެއް ލިބިއްޖެއެވެ. ކުރީގެ މުސާރައަށްވުރެ ކުޑަ ތަންކޮޅެއް ބޮޑު މުސާރައެެކެވެ. ﷲއަށް ޙަމްދުކޮށް މަސައްކަތުގައި އުޅެން ފެށިއްޖެއެވެ. ވިހެއުމާއި ހަމައަށްވެސް ހަމަ އެ މުސާރައިގައި މަސައްކަތްކުރަމުން ދިޔައީމެވެ.
ވިހަން ބުނެފައިއޮތް ތާރީޚުގެ ކުރިން ކުއްލިއަކަށް ވިހަން ޖެހިއްޖެއެވެ. ވިހައިގެން ގެޔަށް ފުރަތަމަ އައީ ކުޑަ ދަރިފުޅު ނާސަރީގައި އެޑްމިޓް ކޮށްފައި އޮތުމުން ދަރިފުޅާއި ނުލައެވެ. ގެއަށް އައި ދުވަހުގެ އަނެއް ދުވަހު މުސާރަ ޖަމާވެއްޖެއެވެ. ކުރިއަށްވުރެ މުސާރަ ބޮޑުވެއްޖެއެވެ. އަދި މިވީހާތަނަށް ނުލިބޭ ވަރުގެ ބޮޑު މުސާރައަކަށެވެ.
ކޮންމެއަކަސް ދަރިފުޅު ނާސަރީއިން ދޫކޮށްލުމުން ހޮސްޕިޓަލަށް ގޮސް ދަރިފުޅާއި އެކު އަނެއްކާ އެ ތަނުގައި އެޑްމިޓް ވެއްޖައިމެވެ. އެ ތަނުގައި އޮއްވައި އައި މެސެޖެކެވެ. ކުރިން މަސައްކަތް ކުރި ތަނެއްގެ އިސްވެެރިއެއްގެ މެސެޖެކެވެ. ކުރިން ދޭން ޖެހި ނުދެވިއިން ފައިސާކޮޅެއް އޮތް ވާހަކަބުނެ އެ ފައިސާ ކޮޅު ފޮނުވައިދިނެވެ.
ހިތަށްއެރިއެވެ. ފައިސާއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ދަނޑިވަޅެކެވެ. ﷲ ދެއްވަން ލިޔުއްވައިފިނަމަ ލިބޭނެ ކޮޅެއް ނޭންގިވެސް ދެއްވާނެތާއެވެ.
މިހާރު ވިހައިގެން ދަރިފުޅު ބޮޑުވަނީއެވެ. ﷲގެ ރަޙްމަތުން އަތްމަތި ދަތިނުވެ އެެހެން މީހުންނަށް ހެޔޮފޯރުކޮށްދެވޭވަރަށް އަހަރެމެން ދެމަފިރިންގެ އަތްމަތި ތަނަވަސްވެއްޖެއެވެ. ދުޢާގެ މަތިވެރިކަމެވެ. ﷲތަޢާލާގެ ރަޙްމަތެވެ.
އެހެންކަމުން ފައިސާއަށް އެދި ދެންނެވުމުން ފައިސާނުލިބިއްޖެނަމަ އެކަމާއި މާޔޫސްނުވާށެވެ. އޭގެ ބަދަލުގައި ތިބާއަށް ދެއްވާ ނިޢުމަތް ނުވަތަ ރަޙްމަތަކީ ތިބާގެ ރިޒްޤު ތަނަވަސްވުމުގެ ސަބަބަކަށްވެސް ވެދާނެ ނޫންތޯއެވެ. ކުރިން މި ކިޔައިދެވުނު ވާހަކައިން ލިބޭ ޢިބްރަތަކީވެސް އެއީނޫންތޯއެވެ.
ދަރިންނަކީވެސް ރިޒްޤެކެވެ. އަދި ކިއެއްތަ ދަރިންނަކީ ރިޒްޤު ތަނަވަސްވުމުގެ ސަބަބަކަށްވެސް ވެއެވެ. ކޮންމެ ދަރިއަކު ދުނިޔެއަށް އުފަންވަނީ އެ ދަރިއެއްގެ ރިޒްޤާއި އެކުއެވެ. ހަމައެހެން ހެޔޮލަފާ ޞާލިޙް ބައެއްގެ ގޮތުގައި ބޮޑުކުރެވިއްޖެނަމަ އެއަށްވުރެ ބޮޑު އަނެއް ރަޙްމަތެއް ކޮބައިތޯއެވެ؟