ދުނިޔެ
އަސަދުގެ ވެރިކަން ވެއްޓުމަށްފަހު 2 މިލިޔަނަށްވުރެ ގިނަ ސީރިޔާ ރައްޔިތުން އެނބުރި އަސްލު ވަޒަނަށް ހިނގައްޖެ

ސީރިޔާގެ ބާޒާރެއް
މިދިޔަ ޑިސެމްބަރު މަހު ބަޝާރު އަލް-އަސަދުގެ ވެރިކަން ވައްޓާލުމަށްފަހު، 2 މިލިއަނަށްވުރެ ގިނަ ސީރިޔާ ރައްޔިތުންގެ އެމީހުންގެ އަސްލު ވަޒަންތަކަށް އެނބުރި ގޮސްފައިވާ ކަމަށް އދ. ގެ ރެފިއުޖީ ކޮމިޝަނަރު ހާމަކުރައްވައިފިއެވެ.
ދިމިޝްޤަށް ދަތުރުކުރެއްވުމުގެ ކުރިން ބެއިރޫތްގައި ހުންނަވައި އެކްސް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި އދ. ގެ ކޮމިޝަނަރު ފިލިޕޯ ގްރާންޑީ ވިދާޅުވެފައިވަނީ، "ސަރަހައްދުގައި އިތުރުވަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައިވެސް މިއީ އުންމީދުގެ ނިޝާނެއް" ކަމަށެވެ.
އަސަދުގެ ވެރިކަން ނިމުމަށްފަހު، ސީރިޔާގެ އެތެރެއާއި ބޭރުން، ޚާއްސަކޮށް ލުބްނާން އަދި ތުރުކީވިލާތް ފަދަ އަވައްޓެރި ޤައުމުތަކުން ސީރިޔާގެ ރައްޔިތުން އެނބުރި އެމީހުންގެ ސަރަހައްދުތަކަށް ދަތުރުކުރަން ފަށާފައިވެއެވެ. ނަމަވެސް ހަލާކުވެފައިވާ މިންވަރާއި އަސާސީ ވަސީލަތްތައް ނެތުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން އެނބުރި އައުމަށް ހުރަސްތަކެއް ކުރިމަތިވެއެވެ.
ޖޫން މަހު އދ. ގެ ރެފިއުޖީ އޭޖެންސީން އަންދާޒާކުރި ގޮތުގައި 500،000 އަށްވުރެ ގިނަ ސީރިޔާ ރައްޔިތުން ބޭރު ޤައުމުތަކުން އެނބުރި އައިސްފައިވެއެވެ. އަދި ހަމަ އެމަހު ތުރުކީވިލާތުން ހާމަކުރި ގޮތުގައި އެޤައުމުގައި ތިބި 273،000 އަށްވުރެ ގިނަ ސީރިޔާ ރެފިއުޖީން އެނބުރި ވަޒަނަށް ގޮސްފައިވެއެވެ.
2011 ގައި ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް ފެށުނު އިހުތިޖާޖުތަކާ ގުޅިގެން ފެށުނު ހަނގުރާމައިގެ ސަބަބުން ސީރިޔާގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ގެދޮރު ދޫކޮށް ފިލަން މަޖުބޫރުވިއެވެ. މީގެ ތެރެއިން ގިނަ މީހުން ވަނީ އިދްލިބްގެ ކޭމްޕްތަކަށް ދަތުރުކޮށްފައެވެ.
އަލަށް އައްޔަންކުރެވުނު ރައީސް އަހްމަދު އަލް-ޝަރްއުގެ ސަރުކާރުން، ހުރިހާ ދެކުނު ފަރާތުގެ ދައުލަތްތަކުން ދަނީ އިގްތިސާދީ އާރާސްތުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ. އދ. އިން އަންދާޒާކުރާ ގޮތުގައި މި މަސައްކަތަށް 400 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ބޭނުންވާނެއެވެ.
އދ. ގެ ރެފިއުޖީ އޭޖެންސީން ބުނާ ގޮތުގައި މިހާރުވެސް 13.5 މިލިއަން ސީރިއާ ރައްޔިތުން ތިބީ ރެފިއުޖީންނާއި ހިޖުރަކުރި މީހުންގެ ގޮތުގައެވެ. އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން ފާހަގަކުރާ ގޮތުގައި އިގްތިސާދީ ފުރުސަތުތަކާއި އަސާސީ ޚިދުމަތްތައް ނެތުމަކީ އެރައްޔިތުން އެނބުރި އައުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.