ދުނިޔެ
އީރާނުގެ ތުހުމަތެއް އައިއޭއީއޭ އަށް: އީރާނާއި ދެކޮޅަށް އިޒްރާއިލުން ކުރާ ހަނގުރާމައިގައި އައިއޭއީއޭ އިން ބައިވެރިވޭ

އިޒްރާއިލްގެ ހަމަލާއެއްގައި އަނިޔާވި އީރާނުގެ ބައެއް
އިންޓަނޭޝަނަލް އެޓޮމިކް އެނާރޖީ އޭޖެންސީ (އައިއޭއީއޭ) އަކީ އިޒްރޭލުން ޢީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ "ބައިވެރިއެއް" ކަމަށް ބުނެ އިރާނުން މިއަދު ތުހުމަތުކޮށްފިއެވެ.
ޢީރާނުގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން އިސްމާއިލް ބަގާއީ ވަނީ އެކްސް ގައި، އައިއޭއީއޭގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް ގްރޮސީ ދެއްވި އިންޓަވިއުއަކާ ގުޅިގެން މި ވާހަކަތައް ދައްކާފައެވެ. ގްރޮސީ ވިދާޅުވެފައިވަނީ އީރާނުން ނިއުކްލިއަރ ހަތިޔާރު ތަރައްޤީކުރުމަށް ސިސްޓަމެޓިކް މަސައްކަތެއް ކުރާކަމުގެ ހެއްކެއް ނެތް ކަމަށެވެ.
ބަގާއީ ވިދާޅުވި ގޮތުގައި އޭޖެންސީގެ ޖަވާބު ވަނީ މާ ލަސްވެފައެވެ. އަދި އިރާނުން ނިއުކްލިއަރ ނޮން-ޕްރޮލިފަރޭޝަން ޓްރީޓީގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާނުކުރާކަމަށް އައިއޭއީއޭއިން ނިންމި ނިންމުން ބޭނުންކޮށްގެން އިޒްރޭލުން އީރާނަށް ހަމަލާދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފްރާންސް ޕްރެސްއަށް ދެއްވި އިންޓަވިއުއެއްގައި ގްރޮސީ ވިދާޅުވެފައިވަނީ އީރާނަކީ މިވަގުތު ހަނގުރާމައިގެ ބޭނުމަށް ބޭނުންކުރެވޭ ފެންވަރާ ގާތަށް ޔުރޭނިއަމް އެންރިޗްކުރަމުންދާ ހަމައެކަނި ގައުމު ކަމަށެވެ. ނަމަވެސް ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ސީދާ މަސައްކަތްކުރާކަން ކަށަވަރުކުރެވޭ ހާލަތެއްގައި އޭޖެންސީ ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
ޖޫން 13 އިން ފެށިގެން އިޒްރާއިލުން ވަނީ އެމެރިކާގެ އެހީތެރިކަމާއެކު އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށާއި މިސައިލް ބޭސްތަކަށް ހަމަލާދީ، އަދި އަސްކަރީ ވެރިންނާއި ނިއުކްލިއަރ ސައިންޓިސްޓުން އަވަހާރަކޮށްފައެވެ. މި ހަމަލާތަކުގައި 224 މީހުން މަރުވެ، 2،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. އިރާނުން ވަނީ މިކަމަށް ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތަކުން ރައްދުދީ، އޭގެ ސަބަބުން 24 މީހުން މަރުވެ، ސަތޭކަ އެތައް ބަޔަކަށް އަނިޔާވެފައެވެ.