ޚަބަރު
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަށްފަހު ހުކުމް ތަންފީޒުކޮށް މުޖުތަމައަށް ނެރިފައިވާ 43 މީހެއްގެ މައްޗަށް "ގްރީން ނޯޓިސް" ނެރެފި

އިންޓަރޕޯލް "ގްރީން ނޯޓިސް"/ފޮޓޯ: ފުލުހުން
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ތެރެއިން ހުކުމް ތަންފީޒުކޮށް ނިންމައި މުޖުތަމަޢަށް ދޫކޮށްލާފައިވާ 43 މީހެއްގެ މައްޗަށް އިންޓަރޕޯލް "ގްރީން ނޯޓިސް" ނެރެފިއެވެ.
އިންޓަރޕޯލް ގްރީން ނޯޓިސްއަކީ، ޢާންމު ސަލާމަތަށް ނުރައްކާވެދާނެ ފަރާތްތަކާ ބެހޭގޮތުން، ޚާއްޞަކޮށް އެމީހެއްގެ ކުށުގެ ރެކޯޑަށް ނުވަތަ ޝައްކުކުރެވޭ ކުށުގެ ޢަމަލުތަކާ ގުޅިގެން މެމްބަރު ޤައުމުތަކަށް އިންޒާރު ދިނުމަށް ބޭނުންކުރާ ނިޒާމެކެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 57 ވަނަ މާއްދާގެ ދަށުން، ހުކުމް ތަންފީޒުކޮށް ނިމި މުޖުތަމަޢަށް ދޫކޮށްލާފައިވާ މީހުންގެ މައްޗަށް އިންޓަޕޯލް މެދުވެރިކޮށް ގްރީން ނޯޓިސް ނެރިފައިވާ ކަމަށެވެ. އެގޮތުން، މިހާތަނަށް 43 މީހެއްގެ މައްޗަށް ގްރީން ނޯޓިސް ނެރެފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 25 ދިވެހިންނާއި 18 ބިދޭސީންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިފަދަ ކުށްތަކަށް އަރައިގަންނަ މީހުންގެ މައުލޫމާތު ކަމާގުޅޭ އެންމެހާ ފަރާތްތަކާ ހިއްސާކުރުމަކީ މުހިންމުކަމެއްކަން ފުލުހުންގެ ޚިދުމަތުން ވަނީ ފާހަގަކުރައްވާފައެވެ. އަދި މި މައުލޫމާތުތައް ބައިނަލްއަޤްވާމީ ފެންވަރުގައި ހިއްސާކުރުމުން އެފަދަ މީހުންގެ ޙަރަކާތްތައް އެހެން ޤައުމުތަކުންވެސް ބެލުމަށް މަގުފަހިވެގެންދެއެވެ. ހަމަ އެހެންމެ، އެފަދަ ފަރާތްތަކާމެދު ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިތުރުން، އެފަދަ މީހުންނަށް ވަޒީފާ ދިނުމުގައި ރިޢާޔަތްކުރަންޖެހޭ ޚާއްޞަ ކަންތައްތަކާ ގުޅޭ މައުލޫމާތުތައް ވެސް އެޤައުމުތަކަށް ލިބިގެންދާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ގްރީން ނޯޓިސް ނެރުމުގެ ސަބަބުން ވަކިން ޚާއްޞަކޮށް، އެފަދަ ބިދޭސީ މަސައްކަތު މީހުންގެ ޙަރަކާތްތައް މޮނިޓަރކުރަން ފަސޭހަވެގެންދާނެކަމަށް ފުލުހުން ގެ ޚިދުމަތުން ވިދާޅުވެއެވެ. އެގޮތުން، ބިދޭސީންނަކީ ވަޒީފާ ހޯދުމަށް އެކި ޤައުމުތަކަށް ބަދަލުވާ މީހުންނަށްވުމާއެކު، އެއް ޤައުމެއްގައި މިފަދަ ކުށުގެ ޢަމަލެއް ހިންގުމަށްފަހު އެހެން ޤައުމަކަށް ގޮސް ވަޒީފާއަށް އެދޭ ޙާލަތްތަކުގައި ވެސް އެމީހެއްގެ މައްޗަށް ގްރީން ނޯޓިސްއެއް ނެރެފައިވާނަމަ ކުޑަކުދިންނާ ގުޅުން އޮންނަ ދާއިރާތަކުގެ ވަޒީފާތައް ދިނުން ހުއްޓުވުމަށް ފުރުޞަތު ލިބިގެންދާނެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިފަދަ ނޯޓިސްއެއް ނެރެމުންދާއިރު، މިކަމުގެ ސަބަބުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް އެކުދިންނަށް އަމާން މާޙައުލެއް ޤާއިމްކޮށްދިނުމަށް ފަސޭހަވެގެންދާނެއެވެ.