ދުނިޔެ
އިޒްރާއިލްގެ ހޮސްޕިޓަލަކަށް އީރާނުން ދިން ހަމަލާގެ ރައްދު އިޒްރާއިލުން ދިނީ އީރާނުގެ އަރާކް ނިޔުކްލިއަރ ފެސިލިޓީއަކަށް

އީރާނުން ދިން ހަމަލާއެއްގައި ހަލާކުވެފައިވާ އިޒްރާއިލްގެ އިމާރާތެއް
ހުލާސާ
އިޒްރާއިލާއި އީރާން ދެމެދު ހަނގުރާމައިގެ އަލިފާން ގަދަވަމުންދާ ވަގުތެއްގައި، އިޒްރާއިލްގެ ހޮސްޕިޓަލަކަށް އީރާނުން ދިން ހަމަލާގެ ރައްދުގައި އިޒްރާއިލުން ވަނީ އީރާނުގެ އަރާކް ނިޔުކްލިއަރ ފެސިލިޓީއަކަށް ހަމަލާދީފައެވެ.
މިއީ ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ދެ ގައުމުގެ މެދުގައި ހިނގަމުންދާ ހަނގުރާމައިގެ އެންމެ ފަހުގެ ހަމަލާތަކެވެ.
ބުރާސްފަތި ދުވަހު އީރާނުން ދިން ހަމަލާގައި އިޒްރާއިލްގެ ބެއަރޝެބާ ސިޓީގައި ހުންނަ ސޮރޯކާ މެޑިކަލް ސެންޓަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. އެ ހަމަލާގައި މަދުވެގެން 50 މީހުން ޒަހަމްވެފައިވާ ކަމަށާއި، އޭގެ ތެރެއިން ހަތަރު މީހުންގެ ހާލަތު ނުރައްކާތެރި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އީރާނުން ބުނެފައިވަނީ އެ ހަމަލާ އަމާޒުކުރީ އެ ސަރަހައްދުގައި ހުރި އަސްކަރީ މަރުކަޒަކަށް ކަމަށެވެ.
އިޒްރާއިލްގެ ސިއްހީ ވަޒީރު އުރިއެލް ބުސޯ ބުނެފައިވަނީ ހޮސްޕިޓަލަކަށް ހަމަލާދިނުމަކީ ހަނގުރާމައިގެ ކުށެއް ކަމަށެވެ. އަދި އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ މި ހަމަލާގެ ސަބަބުން އީރާނުން "ބޮޑު އަގެއް" ދައްކަން ޖެހޭނެ ކަމަށް ބުނެފައެވެ.
އިޒްރާއިލުން ދިން ރައްދު ހަމަލާގައި އީރާނުގެ ހޮންދާބް (ކުރީގެ އަރާކް) ހެވީ ވޯޓަރ ނިޔުކްލިއަރ ރިއެކްޓަރަށް ހަމަލާދީފައިވެއެވެ. އިޒްރާއިލްގެ ސިފައިން ބުނެފައިވަނީ ޕްލޫޓޯނިއަމް އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރާ ރިއެކްޓަރުގެ ކޯ ސީލްގެ އޮނިގަނޑަށް އަމާޒުކޮށް ހަމަލާދިން ކަމަށެވެ. ނަމަވެސް އީރާނުގެ މީޑިއާތަކުން ބުނެފައިވަނީ ހަމަލާ ދިނުމުގެ ކުރިން އެ ސަރަހައްދު ހުސްކުރެވި، އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ.
މި ހަނގުރާމަ ފެށުނީ ވޭތުވެދިޔަ ހުކުރު ދުވަހު އިޒްރާއިލުން އީރާނުގެ އަސްކަރީ މަރުކަޒުތަކާއި ނިޔުކްލިއަރ ތަންތަނަށް ދިން ބޮޑު ހަމަލާއަކާ ގުޅިގެންނެވެ. އެ ހަމަލާގައި އީރާނުގެ އިސް އަސްކަރީ އޮފިޝަލުންނާއި ނިޔުކްލިއަރ ސައިންޓިސްޓުން މަރުވެފައިވެއެވެ. އޭގެ ފަހުން އީރާނުން ވަނީ އިޒްރާއިލަށް ހަމަލާދީފައެވެ. އަދި މިހާރު މި ހަނގުރާމަ ވަނީ މަދަނީ އަމާޒުތަކާ ހަމައަށް ފުޅާވެފައެވެ.
އައިއާރްއެންއޭ އިން ބުނެފައިވަނީ ބިއަރްޝެބާ ހަމަލާގެ "މައިގަނޑު އަމާޒަކީ" "ގަވް-ޔާމް ޓެކްނޮލޮޖީ ޕާކްގައި ހުރި އިޒްރާއީލު އަސްކަރިއްޔާގެ ކޮމާންޑް އެންޑް އިންޓެލިޖެންސް (އައިޑީއެފް ސީ4އައި) ހެޑްކުއާޓާރސް އަދި އަސްކަރީ އިންޓެލިޖެންސް ކޭމްޕް" ކަމަށެވެ. މި ތަން ހުރީ ސޮރޯކާ މެޑިކަލް ސެންޓަރުގެ ކައިރީގައި ކަމަށާއި، މިސައިލް ހަމަލާގެ ސަބަބުން އުފެދުނު ޝޮކްވޭވްގެ ސަބަބުން ހޮސްޕިޓަލަށް ކުޑަ ގެއްލުމެއް ލިބުނު ކަމަށް ބުނެފައިވެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެންމެ ފަހުން ދިން ވައިގެ ހަމަލާތަކުގައި ތެހެރާން އަދި އީރާނުގެ އެހެން ސަރަހައްދުތަކަށް ވެސް އަމާޒުކުރި ކަމަށެވެ. މި ހަމަލާތައް ދީފައިވަނީ އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ އެމެރިކާއިން ދެއްކި ހަތިޔާރު ބހެއްޓުމުގެ ވާހަކަތައް ދެކޮޅުހަދައި، އަދި މި ހަނގުރާމައިގައި އެމެރިކާގެ އަސްކަރީ ބައިވެރިވުން އޮވެއްޖެނަމަ "އެކަމުގެ ސަބަބުން އެމީހުންނަށް ރަނގަޅު ނުކުރެވޭވަރުގެ ގެއްލުންތަކެއް ލިބޭނެ" ކަމަށް އިންޒާރުދިން ދުވަހާ ޖެހިގެން އައި ދުވަހުއެވެ.
ވޮޝިންގްޓަން ޑީސީގައި ހުންނަ އީރާނުގެ އިންސާނީ ހައްގުތަކާބެހޭ ޖަމާއަތަކުން ބުނެފައިވާ ގޮތުން، ފާއިތުވި ހަފްތާގައި ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން 639 މީހުން، އޭގެ ތެރޭގައި 263 އާންމު ރައްޔިތުން މަރުވެފައިވާ ކަމަށާއި، 1,300 އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވާ ކަމަށެވެ. އީރާނުން އިޒްރާއީލަށް 400 މިސައިލާއި ސަތޭކަ އެތައް ޑްރޯންއެއް ދޫކޮށްފައިވާ ކަމަށާއި، އޭގެ ސަބަބުން މަދުވެގެން 24 މީހުން މަރުވެ، ސަތޭކަ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ.