ޚަބަރު
"މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2025" ގެ ތައްޔާރީތައް ރަސްމީކޮށް އިފްތިތާޙުކޮށްފި

މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2025 އިފްތިތާޙުކުރުން/ފޮޓޯ: ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާ
ޤައުމީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް "މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2025" ގެ ތައްޔާރީތައް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި މަހާސިންތާ އިފްތިތާޙުކުރުމަށް ސާފުރާއްޖެ ބިލްޑިންގގައި މިއަދު ވަނީ ޚާއްޞަ ޙަފްލާއެއް ބާއްވާފައެވެ. މި ޙަފްލާގައި، ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވަނީ މަހާސިންތާގެ ރަސްމީ ބްރޭންޑިންއާއި، ވެބްސައިޓް، އަދި ސޯޝަލްމީޑިއާ ހޭންޑަލްތައް ތަޢާރަފުކޮށްދެއްވާފައެވެ. އަދި މި ޙަފްލާގައި، މަހާސިންތާ ރާވާ އިންތިޒާމްކުރުމުގެ މަސައްކަތް "އިވެންޓް މޯލްޑިވްސް" އާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަހާސިންތާއަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި، އަތޮޅު ކައުންސިިލްތަކާއި، ސިޓީ ކައުންސިލްތަކާއި، ކުނި މެނޭޖުކުރުމާ ގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކާއި، ކުންފުނިތަކާއި، ޖަމްޢިއްޔާތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ބޭފުޅުންނާއި ތަޖުރިބާކާރުން ހިމެނޭހެން 500 އެއްހާ ބޭފުޅުންގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަހާސިންތާއެއް ކަމަށެވެ. އަދި މި މަހާސިންތާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މިއަދު ކުރިއަށްދިޔަ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ކުނި މެނޭޖުކުރުމަށް ރަށުފެންވަރާއި އަތޮޅު ފެންވަރުގައި މިވަގުތު ހިންގަމުންދާ މަޝްރޫޢުތަކުގެ އިތުރުން ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ބޭނުންވާ ޞައްޙަ މަޢުލޫމާތު ކައުންސިލްތަކަށް ފޯރުކޮށްދިނުމުގައި މި މަހާސިންތާ މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. ހަމަ އެހެންމެ، މިހާރު ހިނގަމުންދާ އަދި ކުރިއަށް ރޭވިފައިވާ ކުނި މެނޭޖުކުރުމުގެ ވަޞީލަތްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކުން ހޯދޭ ނަތީޖާއާއިި، މި މަސައްކަތުގައި އެކި ފަރާތްތަކުން އަދާކުރާ ދައުރުގެ މައްޗަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ.
ޤައުމީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް ކުރިއަށް ގެންދާ މި މަހާސިންތާއަކީ ވަރލްޑް ބޭންކުގެ ހިލޭ އެހީގައި، މޯލްޑިވްސް ކްލީން އެންވަޔަރމެންޓް ޕްރޮޖެކްޓުން ޚަރަދުކޮށްގެން ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މަހާސިންތާއެއްކަމަށް ވަޒީރު ވަނި ވިދާޅުވެފައެވެ. ވަޒީރު އިތުރަށް ވިދާޅުވީ، ކުނި މެނޭޖުކުރުމުގެ ޤާނޫނީ އޮނިގަނޑުގެ މަޢުލޫމާތާއި، އެކި ރަށްރަށުގެ ތަޖުރިބާ އާއި، ކާމިޔާބީގެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށްގެން މެނުވީ ކުނި މެނޭޖުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ނުކުރެވޭނެ ކަމަށެވެ.