ޚަބަރު
ޗައިނާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޗައިނާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮތް ބަދަހި ސިޔާސީ ގުޅުމަކީ ގާތް ރަހުމަތްތެރިކަމުގެ ގުޅުމެއްކަން ދެބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، މި ގުޅުމަކީ އެއް ބަޔަކު އަނެއް ބަޔަކަށް ކުރާ އިޙްތިރާމާއި، ތަރައްޤީގެ ދާއިރާއިން ބަދަހިވެފައިވާ ގުޅުންތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ދެފަރާތުން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ރަސްމީކޮށް ގާއިމުކޮށްފައިވަނީ، 1972 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މި ދުވަހުން ފެށިގެން ޗައިނާ ސަރުކާރުން ވަނީ ދިވެހިރާއްޖެއަށް އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.