ޚަބަރު
މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން ހުޅުއްވާލައްވައިފި

ރައީސް އޮފީސް/ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުއްވާލައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ، މި ފުރުޞަތު ހުޅުއްވާލައްވާފައިވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން 4 މެންބަރުންގެ މުއްދަތު ހަމަވާތީ ކަމަށެވެ.
މީގެ އިތުރަށް ރައީސް އޮފީހުން ވިދާޅުވީ، މި ފުރުޞަތު ހުޅުއްވާލައްވާފައިވަނީ މިއަދުން ފެށިގެން 6 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް ކަމަށެވެ. އަދި މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށް އެ އޮފީހުން މަޢުލޫމާތުދެއެވެ.
މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެކަމަށް އެ އޮފީހުން ވިދާޅުވެއެވެ.