ޚަބަރު
އެންސީޓީސީގެ ޑިރެކްޓަރ ޖެނެރަލް، ސީޕީގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ސީޕީ ނަވީން އެންސީޓީސީގެ ޑިރެކްޓަރ ޖެނެރަލް އާއި ބައްދަލުކުރެއްވުން/ފޮޓޯ: ފުލުހުން
ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) ގެ ޑިރެކްޓަރ ޖެނެރަލް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިސް ވަހީދު، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ދެ ބޭފުޅުން ބައްދަލުކުރައްވާފައި ވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާކަމަށްވާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައި ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.
މި ބައްދަލުކުރެއްވުމުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ މަސައްކަތްތަކާއި އެކި އޮޕަރޭޝަންތައް ކުރިއަށްދާ ގޮތްތަކާއި ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. ހަމަ އެހެންމެ، ފުލުހުންގެ ޚިދުމަތުގެ ބައެއް ޑިޕާޓްމަންޓުތަކުގައި މަސައްކަތް ކުރައްވާއިރު، ދިމާވާ އެކިކަހަލަ ގޮންޖެހުންތައް ހިއްސާކުރައްވާ، މިފަދަ ކަންކަމަށް ޙައްލު ހޯއްދެވޭނެ ގޮތްތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ އިންފޮމޭޝަން އެންޑް އެނަލިސިސްގެ ހެޑް ކާނަލް ޑރ. މިރާޒް މުޙައްމަދު ފުޅު އާއި، ހެޑް އޮފް ސްޓްރެޓެޖިކް ކޮމިޝަންސް ލެފްޓިނަންޓް ކާނަލް އަދުނާން މުޙައްމަދު އާއި، ހެޑް އޮފް ރިސަރޗް އެންޑް ޕަބްލިކޭޝަން އަދި ހެޑް އޮފް އެވެއަރނަސް ޕްރޮގްރާމްސް މޭޖަރ އިބްރާހިމް ތައުފީޤުގެ އިތުރުން، އެ ސެންޓަރުގެ އެޑްމިނިސްޓްރޭޓަރ އާދަމް ޒާހިރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.