ސައިންސް / ދުނިޔެ

އެއްފަހަރަށް ވުރެ ގިނަ ފަހަރު ބޭނުންކުރެވޭ ގޮތަށް ހޮންޑާއިން އުފެއްދި ރޮކެޓު ޓެސްޓުކޮށްފި

އެއްފަހަރަށް ވުރެ ގިނަ ފަހަރު ބޭނުންކުރެވޭ ގޮތަށް ހޮންޑާއިން އުފެއްދި ރޮކެޓު ޓެސްޓުކޮށްފި

ހޮންޑާ ކުންފުނީގެ ރޮކެޓު ޓެސްޓުކުރުން، ފޮޓޯ: ހޮންޑާ

19 ޖޫން 2025، 09:12

އެއްފަހަރަށް ވުރެ ގިނަ ފަހަރު ބޭނުންކުރެވޭ ގޮތަށް ޖަޕާނުގެ ހޮންޑާ ކުންފުނިން އުފެއްދި ރޮކެޓު ޓެސްޓުކޮށްފިއެވެ.

ކާރާއި ސައިކަލު ހެދުމަށް މަޝްހޫރު ހޮންޑާ ކުންފުނިން ވަނީ، ރޮކެޓު ޓެސްޓުކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވާކަމަށް ބުދަ ދުވަހު އިއުލާންކޮށްފައެވެ. އެގޮތުން، ގާތްގަނޑަކަށް 21 ފޫޓުގެ ދިގު މިނެއް ހުންނަ މި ރޮކެޓު 890 ފޫޓު މައްޗަށް އެރުމަށްފަހު، ސީދަލަށް ތިރިޔަށްފައިބާ ލޭންޑުކުރިކަމަށް އެ ކުންފުނީގެ އޮފިޝަލަކު ހާމަކޮށްފައިވެއެވެ. 

ހޮންޑާގެ މި މަސައްކަތުން ހާމަކޮށްދެނީ، ދުނިޔޭގެ ޖައްވީ އޮޕަރޭޝަންތައް ސަރުކާރުތަކުގެ އަތްމަތީގައި އޮތްއޮތުން ބަދަލުވެ، ވިޔަފާރީގެ ދާއިރާއަށް ފުޅާވަމުން އަންނަކަމެވެ. 

ރޮކެޓު ޓެސްޓުކޮށްފައިވީ ނަމަވެސް، ވިޔަފާރި އުސޫލުން މި ރޮކެޓު ބޭނުންކުރަން ރާވާފައިވާ ގޮތެއް އަދި އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ. މި މަސައްކަތާ ގުޅިގެން ކުންފުނިން ބުނީ، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައެވެ.



ކުންފުނީގެ ގްލޯބަލް ސީއީއޯ، ތޮށިހީރޯ މީބޭ ބުނީ، އެ ކުންފުނިން ރޮކެޓު އުފެއްދުމުގެ ދާއިރާއިން ކާމިޔާބުވުމުން ރަކްޒުކޮށްދެނީ، ކުންފުނީގެ ވަރުގަދަކަމާއި ހަރުދަނާކަން ކަމަށެވެ.

ހޮންޑާއިން އުފެއްދި ރޮކެޓު ޓެސްޓުކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ އެ ގައުމުގެ ޓައިކާ ޓައުންގައި ހުންނަ ހޮންޑާގެ ތަނެއްގައެވެ. ޓެސްޓު ބުރުގައި މި އުޅަނދު ޖައްވުގައި ހޭދަކޮށްފައި ވަނީ 56.6 ސިކުންތެވެ. އަދި ރޮކެޓު ތިރިކުރީ، ބޭނުންވިތަނަށް ވުރެ 15 އިންޗި ދުރަށް ކަމުގައި ވެސް ހޮންޑާ ކުންފުނިން ވަނީ ހާމަކޮށްފައެވެ. 

މި ދާއިރާއިން ކުންފުނީގެ ކެޕޭސިޓީ އިތުރުކުރުމަށް ދެން އުކުންފުނިން ވިސްނަނީ 2029 ވަނަ އަހަރު އައުމުގެ ކުރިން ސަބޯބައިޓަލް ފްލައިޓެއް ލޯންޗުކުރުމަށެވެ. މިފަދަ ފްލައިޓުތަކަކީ ދުނިޔޭގެ އޯރބިޓަށް ވަންނާނެ ފްލައިޓުތަކެއް ނޫނެވެ. ނަމަވެސް މި ފްލައިޓުތަކަށް ޖައްވުގެ ތެރޭގައި 65 މޭލު މަތިން ދަތުރުކުރުމުގެ ގާބިލްކަން ލިބިގެންވެއެވެ. 

ހޮންޑާއިން ދުނިޔޭގެ ޖައްވީ އޮޕަރޭޝަންތަކަށް ވަނުމަށް ނިންމާފައިވާކަމަށް އެންމެ ފުރަތަމަ އިއުލާންކުރީ 2021 ވަނަ އަހަރެވެ. ނަމަވެސް އޭރު މި މަސައްކަތްތަކުގެ އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS