ދުނިޔެ
އީރާނުގެ ސެކިއުރިޓީ ހެޑްކުއާޓަރސް ހަލާކުކޮށްލާފައިވާކަމަށް އިޒްރާއިލުން ބުނެފި

އިޒްރާއިލުން ތެހެރާންއަށް ހަމަލާދީފައި
އިޒްރާއީލުން ބުދަ ދުވަހު އީރާނުގެ އިންޓަރނަލް ސެކިއުރިޓީ ހެޑްކުއާޓާރސް ހަލާކުކޮށްލާފައިވާކަމަށް އިޒްރާއިލުން ބުނެފިއެވެ.
އިޒްރާއިލުން ބުނެފައިވަނީ މި ހަމަލާއާ ގުޅިގެން ތެހެރާނުގެ އިރުމަތިންނާއި ހުޅަނގުން ގޮވުމުގެ އަޑުތައް އިވުނުކަމަށެވެ. މިއީ ދެ ގައުމުގެ މެދުގައި ވިދިވިދިގެން ހަމަލާތައް ކުރިއަށްގެންދާ ހަވަނަ ދުވަހެވެ.
އިޒްރާއީލުގެ ޑިފެންސް މިނިސްޓަރ ޔިސްރާއެލް ކަޓްސް ވިދާޅުވި ގޮތުގައި އެ ގައުމުން ވަނީ އީރާނުގެ އިންޓަރނަލް ސެކިއުރިޓީ ހެޑްކުއާޓާރސް ހަލާކުކޮށްލައި، އަދި އީރާނުގެ ވެރިކަމުގެ ނިޒާމުގެ މުހިންމު ތަންތަން ހަލާކުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުން ކަމަށެވެ.
އީރާނުގެ ފާރސް ނިއުސް އެޖެންސީން ރިޕޯޓުކުރި ގޮތުގައި ތެހެރާނުގެ ހުޅަނގުގައި އޮންނަ އަލްބޯޒް ޕްރޮވިންސްގެ ކަރަޖް ސިޓީގައި ގޮވުމުގެ އަޑު އިވި، އެމަރޖެންސީ އަދި ފަޔަރ ސަރވިސް ވެހިކަލްތައް އެ ސަރަހައްދަށް އަވަސް އަވަހަށް ދަތުރުކުރި ކަމަށް ބުނެފައިވެއެވެ. އަދި ޕައާމް އެއަރޕޯޓަށް ހަމަލާދީފައިވާ ކަމަށްވެސް އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އިޒްރާއީލުގެ އެއަރފޯސްއިން މި ހަމަލާގައި 50 ހަނގުރާމަވެރި މަތިންދާބޯޓު ބޭނުންކޮށްފައިވާކަމަށް ބުނެފައިވެއެވެ.
އަދި ކަރްމާންޝާ ސަރަހައްދުގައި އޮތް އީރާނުގެ 5 ހެލިކޮޕްޓަރަކަށް ހަމަލާދީ، މިސައިލް އުފައްދާ ތަނަކަށާއި، ނިއުކްލިއަރ ޕްރޮގްރާމާ ގުޅުންހުރި ސެންޓްރިފިއުޖް އުފައްދާ ތަނަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައިވެއެވެ.
މި ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ އިޒްރާއީލަށް "ފައްތާހް" ބެލިސްޓިކް މިސައިލްތަކުން ހަމަލާދީފައެވެ. އީރާނުގެ ރެވޮލިއުޝަނަރީ ގާޑުން ބުނި ގޮތުގައި މިއީ ފުރަތަމަ ފަހަރަށް މި ބާވަތުގެ މިސައިލް ބޭނުންކުރި ފަހަރެވެ. އަދި މި މިސައިލްތަކަކީ އިޒްރާއީލުގެ މިސައިލް ޑިފެންސް ސިސްޓަމަށް ހުރަސްއެޅޭ ވަރުގެ ހައިޕަރސޮނިކް މިސައިލްތަކެއް ކަމަށް ބުނެފައިވެއެވެ.
މި މިސައިލްގެ ދުރުމިނަކީ 1400 ކިލޯމީޓަރެވެ. އަދި މި މިސައިލްގައި ހިމެނޭ މޮބައިލް ނޮޒްލް އަދި އެޑްވާންސްޑް ގައިޑެންސް ސިސްޓަމްގެ ސަބަބުން، އެޓްމޮސްފިއަރ ތެރޭގައި އަދި ބޭރުގައި ވެސް ދަތުރުކުރާއިރު މަގު ބަދަލުކޮށް، އެއްފަރާތުން އަނެއް ފަރާތަށް އަދި ވަށައިގެން ދަތުރުކުރެވޭ ގޮތަށް ހުރެއެވެ. އިޒްރާއީލުގެ މިލިޓަރީ ރޭޑިއޯއިން ބުނެފައިވަނީ ހަނގުރާމަ ފެށުނީއްސުރެ އީރާނުން އިޒްރާއީލަށް 400 ބެލިސްޓިކް މިސައިލް ދޫކޮށްފައިވާ ކަމަށެވެ.