ދުނިޔެ
ޣައްޒާގައި ދިރިހުރުމަށްޓަކައި ނިކަމެތިކަމާއެކު މަރާއި ކުރިމަތިލުމަށް ވަނީ މަޖުބޫރުވެފައި

ޣައްޒާގެ އެހީ ބަހާ މަރުކަޒަކަށް އެހީ ބަލާގޮސް ތިބި ބައެއް
ޣައްޒާގައި ދިރިހުރުމަށްޓަކައި ނިކަމެތިކަމާއި މަރާ ކުރިމަލާން މަޖުބޫރުވެފައިވާކަމަށް ފްރާންސްގެ ލޮމަންޑް ނޫހުން ބުނެފިއެވެ.
ފްރާންސްގެ ލޮމަންޑް ނޫހުން ވަނީ ޣައްޒާގެ ހިއުމެނިޓޭރިއަން ފައުންޑޭޝަނުން ކާބޯތަކެތި ލިބިގަތުމަށް ކުރަންޖެހޭ ނިކަމެތި އަދި ނުރައްކާތެރި މަސައްކަތުގެ މައްޗަށް އަލިއަޅުވާލައި އެކަމާއިބެހޭ މަޢުލޫމާތު ގެނެސްދީފިއެވެ.
ޣައްޒާގައި މިހާރު އެހީ ބަހަމުންދަނީ ހިއުމެނިޓޭރިއަން ފައުންޑޭޝަނުންނެވެ. މިއީ އެމެރިކާގެ ޖަމިއްޔާއެކެވެ. މި ޖަމްއިއްޔާއިން މަސައްކަތްކުރަނީ އިޒްރޭލްގެ ބެލުމުގެ ދަށުންނެވެ.
އިޒްރޭލީ-އަރަބި-ޖުވިޝް ގްރޫޕް "ސްޓޭންޑިންގ ޓުގެދަރ"ގެ ޑިރެކްޓަރު އަލޮން ލީ ގްރީން ނަގާފައިވާ ވީޑިއޯއެއްގައި ދައްކާގޮތުން، ކޮންކްރީޓް ގޯއްޗެއްގެ ކުރިމަތީގައި، ހަރުގަނޑުތަކެއްގެ ފަހަތުގައި ސަތޭކަ އެތައް މީހުން އެއްވެ ތިބިތަން ފެނެއެވެ. އެމީހުންގެ ވައަތްފަރާތުގައި އިތުރު ބަޔަކު ގަސްގަހާގެހީގެ މަތީގައި ތިބެ، ކާބޯތަކެތި ހޯދުމަށް ތައްޔާރުވެގެން ތިއްބެވެ.
މިއީ ހަމަ ކާރިސާއެއް. މިއީ ކާރިސާގެ ފިލްމެއް ނޫން، މިއީ އަހަރުމެން ޣައްޒާގައި އުފައްދާފައިވާ ނަރަކައިގެ މަންޒަރު. ބަނޑުހައިހޫނުކަމުގައި ތިބި މީހުން ފެންނަ ގޮތް މިއީ. އެމީހުންގެ ފުރާނަ ސަލާމަތްކުރުމަށް ރިސްކް ނަގަނީ ކާނެއެއްޗެއް ހޯދުމަށް.
އަލޮން ލީ ގްރީން ބުނެފައިވެއެވެ.
މާރޗް 2 ވަނަ ދުވަހު އިޒްރޭލުން ޣައްޒާ އެކީއެކައްޗަކަށް ބަންދުކުރުމުން ޣައްޒާގެ އާބާދީގެ 2.1 މިލިއަން މީހުން ކުރިމަތިލާންޖެހިފައިވަނީ ކާބޯތަކެތީގެ ބޮޑު ދަތިކަމަކާއެވެ. ގިނަ ފަހަރަށް ކާބޯތަކެތި ލިބެނީ ހިނގާފައި އެތައް ކިލޯމީޓަރެއް ދަތުރުކޮށްގެން އެތަނަށް ދެވޭ ޒުވާނުންނަށެވެ.
އޫނުރޫވާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ޖުލިއެޓް ތޫމާ ވިދާޅުވި ގޮތުގައި 2 ވަނަ ބޮޑު ހަނގުރާމައިން ފެށިގެން މިފަދަ ހާލަތެއް ދުނިޔެ ނުދެކޭ ކަމަށާއި މިއީ ޣައްޒާ ހިއުމެނިޓޭރިއަން ޔުނިޓެއް ނޫން ކަމަށާއި މިއީ ނިކަމެތިކަމުގެ މުއައްސަސާއެއް ކަމަށެވެ.
އިޒްރޭލުން ބުނަނީ ޣައްޒާގެ އާންމުންނަށް ބަހާ އެހީ ހަމާސްއިން ދަނީ ފޭރިގަންނަމުންކަމަށެވެ. ނަމަވެސް މިއީ ހަޤީޤަތާއި ޚިލާފު ވާހަކަތަކެއް ކަމަށް ހަމާސްއިން ބުނެއެވެ.