ޚަބަރު
ވެލާނާ އެއަރޕޯޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް: "ޓޯ-ބަރލެސް" ޓްރަކްގެ ޚިދުމަތް ތަޢާރަފުކުރަނީ

"ޓޯ-ބަރލެސް" ފޮޓޯ:އެމްއޭސީއެލް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަތިންދާ ބޯޓުތަކަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން "ޓޯ-ބަރލެސް" ޓްރަކްގެ ޚިދުމަތް ފެށުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތައްޔާރުވެއްޖެއެވެ.
އެމްއޭސީއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ޓީ.ޕީ.އެކްސް-200 އެމް.ޓީ.އެކްސް މޮޑެލްގެ މި ޓްރަކްއަކީ މިހާރު ވައިގެ ސިނާޢަތުގައި މަތިންދާ ބޯޓުތަކަށް ޚިދުމަތްދިނުމުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން މަތީ ފަންތީގައި ފާހަގަކޮށްލެވޭ އަދި އަވަސް ޚިދުމަތެއް ދެވޭނެ ޤާބިލުކަން ލިބިފައިވާ ޓްރަކެކެވެ. މި ޓްރަކް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ގްރައުންޑް އޮޕަރޭޝަންގައި ބޭނުންކުރަން ފެށުމާއެކު އޮޕަރޭޝަން އެފިޝިއަންސީ %60 އަށް އިތުރުވެ، މަތިންދާ ބޯޓުތައް އަވަހަށް ފުރުވުމަށް އަދި އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށް ކުރާ މަސައްކަތް އަވަސްވާނެކަމަށް އެމްއޭސީއެލްއިން ވިދާޅުވެފައިވެއެވެ.
އެމްއޭސީއެލްގެ ހެޑް އޮފް ރޭމްޕް ސަރވިސަސް އަލީ ޝަރީފް ވިދާޅުވެފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުން އަންނައިރު، މަތިންދާ ބޯޓުތަކަށް ޚިދުމަތްދޭ އުޅަނދުތަކަކީވެސް ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ އަވަސް ޚިދުމަތްދޭ އުޅަނދުތަކަށް ހެދުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަލަށް ގެނައި ޓްރަކާއެކު މަތިންދާ ބޯޓު ފުރުވާލުމަށް ހޭދަވާ ވަގުތު އަވަސްވެ، އަދި ރައްކާތެރި ޚިދުމަތެއް ދެވޭނެކަމަށްވެސް އަލީ ޝަރީފް ވިދާޅުވިއެވެ.
މި ޓްރަކްގެ ޚާއްޞަ ކަންތައްތަކުގެ ތެރޭގައި، ކޯޑް "ސީ" ގެ މަތިންދާ ބޯޓުން ފެށިގެން ކޯޑް "އީ" ގެ ހުރިހާ މަތިންދާ ބޯޓުތަކަށްވެސް ޚިދުމަތް ދެވޭނެކަމާއި، މަރާމާތުކުރަންޖެހޭ ނިސްބަތާއި ހިންގުމުގެ ޚަރަދު ކުޑަކަން ހިމެނެއެވެ. އަދި މިހާރު ބޭނުންކުރާ މިފަދަ ޓްރަކްތަކާ ޚިލާފަށް މި މޮޑެލްގެ ޓްރަކް އޮޕަރޭޓްކުރާ ޑްރައިވަރަށް ވަށައިގެންވާ މާޙައުލު ސާފުކޮށް ފެންނާނެކަމަށްވެސް އެމްއޭސީއެލްއިން ވިދާޅުވެފައިވެއެވެ.
We are in the final stages of preparation for the operation of industry-standard towbarless vehicles for aircraft towing at Velana International Airport. This equipment represents the gold standard in efficiency and safety for towing aircraft from the apron to the runway. Eight… pic.twitter.com/vzLl3EqWpL
— Maldives Airports Company Ltd (@MACLmedia) June 16, 2025
އެމްއޭސީއެލްއިން މިހާރުވަނީ މި ޓްރަކް އޮޕަރޭޓް ކުރުމަށް ޚާއްޞަ 8 އޮޕަރޭޓަރުން ތަމްރީނުކޮށްފައެވެ. މިވަގުތު ކުރަމުންދަނީ ޓްރަކް އޮޕަރޭޓްކުރުމަށްޓަކައި ހަދާ ރިސްކް އެސެސްމަންޓުގެ މަސައްކަތްކަމަށް އެމްއޭސީއެލްއިން ވިދާޅުވެފައިވެއެވެ.
މި ޓްރަކްގެ ޚިދުމަތް ތަޢާރަފުކުރުމަކީ، ދުބާއީ، އަބޫދާބީ އަދި ސިންގަޕޫރުގެ އިތުރުން ވިލާތުގެ ކުރިއަރާފައިވާ އެއަރޕޯޓްތަކުގައިވެސް ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީއެއް ރާއްޖޭގެ މައި ވައިގެ ބަނދަރަށް ތަޢާރަފުކުރުން ކަމުގައި އެމްއޭސީއެލްއިން ފާހަގަކޮށްފައިވެއެވެ.
އެމްއޭސީއެލްއިން އަންނަނީ މަތިންދާ ބޯޓުތަކާއި ފަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައު ޓަރމިނަލްގެ މަސައްކަތް ނިންމާ ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ބާރު ދުވެލީގައި ކުރަމުންދާކަމަށްވެސް އެ ކުންފުނިން ވިދާޅުވެފައިވެއެވެ.