ޚަބަރު
އައިކާއޯގެ ސޭފްޓީ އޮޑިޓުން ރަނގަޅު ނަތީޖާއެއް ހޯދުމަށް އުއްމީދުކުރައްވާކަމަށް ވަޒީރު އަމީން ވިދާޅުވެއްޖެ

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ފޮޓޯ:ވުޒާރާ
ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ޖަމްޢިއްޔާ، އައިކާއޯގެ ސޭފްޓީ އޯޑިޓުން ކުރިއަށް ވުރެ ރަނގަޅު ނަތީޖާއެއް ލިބުމަށް އުއްމީދުކުރައްވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ އައިކާއޯގެ ސޭފްޓީ އޮޑިޓަކީ 11 އަހަރު ފަހުން ހަދާ އޮޑިޓެއްކަމަށް ދަތުރުފަތުރާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ. މި އޮޑިޓަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ޤައުމުތަކުގައި ހުރިތޯ ބެލުމަށް ކުރިއަށްގެންދާ "ޔުނިވަރސަލް ސޭފްޓީ އޯވާސައިޓް ސޭފްޓީ އޮޑިޓް ޕްރޮގްރާމް" އެވެ.
އޮޑިޓާ ގުޅޭ ޓީމާއެކު ބޭއްވި ބައްދަލުވުމަކަށްފަހު، ވަޒީރު އަމީން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ދާއިރާ ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތައް އެ ޓީމާއި ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އުއްމީދަކީ މިފަހަރު އޮޑިޓުން މީގެ ކުރިން ހޯދި ނަތީޖާއަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ބަޔާނެއްގައި ވަޒީރު އަމީން ވިދާޅުވެފައިވަނީ، މީގެކުރިން ހެދި އައިކާއޯގެ ސޭފްޓީ އޮޑިޓުން ރާއްޖެއަށް ލިބިފައިވަނީ %54 ކަމަށާއި، މިފަހަރުގެ އޮޑިޓުން އެއަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އަދި މި މިންގަނޑު %75 ނުވަތަ %80 އަށް އުފުލުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ކުރީގެ އެސެސްމަންޓުގައި ދަށްވެފައިވަނީ ޤާނޫނީ އޮނިގަނޑުގެ ބައިކަމަށާއި، މިކަން ރަނގަޅުކުރުމަށް ސިވިލް އޭވިއޭޝަން ޤާނޫނު އިޞްލާޙުކުރުމުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން، ވައިގެ ދަތުރުފަތުރުގެ އެކްސިޑެންޓުތަކާއި މައްސަލަތައް ތަޙުޤީޤުކުރުމުގެ ޒިންމާ ވަކި އިދާރާއަކާ ހަވާލުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އައިކާއޯގެ ސޭފްޓީ އޮޑިޓު ކުރިއަށްދާނީ މި މަހުގެ 11 އިން 23 އަށެވެ. މި އޮޑިޓުގައި ވައިގެ ދަތުރުފަތުރުގެ ކަންކަން އިންތިޒާމުކުރުމުގައި ޤާ
ނޫނީ، އިދާރީ އަދި ފަންނީ ގޮތުން ކަންކަން އިންތިޒާމުވެފައިވާ ގޮތް ވަޒަންކޮށް މާކްސް ދޭނެއެވެ.
ސަރުކާރުން މި ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ސިވިލް އޭވިއޭޝަން ރީސްޓްރަކްޗަރކޮށް، އެ ދާއިރާގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އަމީން އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދާފައިވާ "މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު" ގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މި ބޯޑުގެ ދަށަށް ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަޙުޤީޤުކުރުމުގެ މަސައްކަތް ބަދަލުކޮށްފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
After 11 years, the @icao -USOAP CMA Audit of the Maldives 🇲🇻 is now underway. Today, I met with the ICAO audit team and briefed them on key reforms under President @MMuizzu 's leadership, especially in legislation and MCAA four priority areas.
— Mohamed Ameen (@ameen3d) June 16, 2025
We expect improved results and… pic.twitter.com/Exdi6w2BXb
"މިހާރު އައިކާއޯއަށް ހުށަހަޅާފައިވާ ޑޮކިއުމެންޓްތަކުގައި އެ ބައި ސިވިލް އޭވިއޭޝަނުން ވަކިވެފައިވާކަން އޮންނާނީ ބަޔާންކޮށްފައި. އެގޮތަށް ހަދަން މިޖެހުނީ އެއަރކްރާފްޓް އެކްސިޑެންޓު ނޫން އަދި މި ދިމާވާ ނުރައްކާތެރި ކަންތައް ދިމާވުމުގެ ކުރިން އޭގެ ކަންކަން އެސެސްކޮށް އެނަލައިޒްކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ރިކޮމެންޑޭޝަންތައްވެސް ސިވިލް އޭވިއޭޝަނަށް ދޭންވެގެން،" ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.